ކ. މާލެ
|
23 ނޮވެންބަރ 2017 | ބުރާސްފަތި 18:58
ގެއްލުނު އާޖެންޓީނާގެ ސަބްމެރިން އޭ.އާރް.އޭ ސަން ހުއާން
ގެއްލުނު އާޖެންޓީނާގެ ސަބްމެރިން އޭ.އާރް.އޭ ސަން ހުއާން
ސްކައި ނިއުސް
އާޖެންޓީނާގެ ސަބްމެރިން
ސަބްމެރިން ގެއްލުނު ހިސާބުން ގޮތް ނޭނގޭ އެއްޗެއް ފެނިއްޖެ
ސަބްމެރިން ހޯދުމަށް ގިނަ ޤައުމުތަކެއްގެ އުޅަނދުތަކެއް ދަނީ ބޭނުންކުރަމުން

ގެއްލިގެން ހޯދަމުންދާ އާޖެންޓީނާގެ ސަބްމެރިން ގެއްލުނު ސަރަހައްދުން ގޮތް ނޭނގޭ އެއްޗެއް އެމެރިކާގެ މަތިންދާބޯޓަކަށް ފެނިއްޖެއެވެ.

ގެއްލުނު އާޖެންޓީނާގެ ކަނޑުގެ ސިފައިންގެ ސަބްމެރިން އޭ.އާރް.އޭ ސަންހުއާން ހޯދުމުގެ މަސައްކަތް ދެކުނު އެޓްލާންޓިކް ކަނޑުގައި އެމެރިކާ ކަނޑުގެ ސިފައިންވެސް ކުރަމުންދާއިރު، ސަބްމެރިންގެ ސިގްނަލް އެންމެ ފަހުން ލިބުނު ކަމަށް ބެލެވޭ ހިސާބުން ގޮތް ނޭނގޭ އެއްޗެއް ފެނިފައިވަނީ އެމެރިކާ ކަނޑުގެ ސިފައިން ބޭނުން ކުރާ ބޮއިން މަރުކާގެ ޕޮސައިޑަން މަތިންދާބޯޓަކަށެވެ. އެހެން ނަމަވެސް އެއީ ގެއްލުނު ސަބްމެރިންކަމެއް ކަށަވަރެއް ނޫނެވެ.

މީގެ ހަފްތާއެއް ކުރިން 44 ފަޅުވެރިންނާއިއެކު ގެއްލުނު އާޖެންޓީނާ ކަނޑުގެ ސިފައިން ސަބްމެރިން ހޯދުމަށް އާޖެންޓީނާއާއި އެމެރިކާގެ އިތުރުން އެހެން ބައެއް ޤައުމުތަކުން ވަނީ މަނަވަރުތަކާއި މަތިންދާބޯޓުތައް ފޮނުވާފައެވެ. ސަބްމެރިން ގެއްލުނު ހިސާބު ކަނޑު އަޑިން މީގެ ކުރިން އަޑެއް އިވެމުންދާތީ އެސަރަހައްދުވެސް ބަލާފައިވެއެވެ. އެހެން ނަމަވެސް ސަބްމެރިންގެ ހިލަމެއް އަދިވެސް ނުވެއެވެ.

ސަބްމެރިންގައި ތިބި ސިފައިންގެ އާއިލާތަކުން ގެންދަނީ ސިފައިންނަށް ވީނުވީއެއް އަދި މިހާތަނަށް އެނގިފައިނުވާތީ ކަންބޮޑުވުން ފާޅުކުރަމުންނެވެ. އަދި ސިފައިންގެ ފަރާތުން މައުލޫމާތު ލިބުން ލަސްކަމުން އާއިލާތަކުން ދަނީ ޝަކުވާކުރަމުންނެވެ. މީގެ އިތުރުން ސަބްމެރިން ގެއްލުނުކަން އާޖެންޓީނާގެ ރައީސަށް އެންގުން ލަސްވުމުން ވެސް ސަބްމެރިންގައި ތިބި ފަޅުވެރިންގެ އާއިލާތަކުން ކަންބޮޑުވެއެވެ. އާޖެންޓީނާގެ ކަނޑުގެ ސިފައިން ބުނީ ސަބްމެރިންއެއް ގެއްލިއްޖެނަމަ ހޯދަން ފަށަނީ 48 ގަޑިއިރަށް ބެލުމަށް ފަހުކަމަށެވެ. އާޖެންޓީނާގެ ކަނޑުގެ ސިފައިންގެ ލަޝްކަރުގެ އުޅަނދުތައް ވަރަށް ބޮޑަށް ބައުވެފައިވާތީ ގިނަ ރައްޔިތުންތަކެއް އެކަމުގެ ޝަކުވާ އަބަދުވެސް ކުރެއެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 5 ދުވަަސް ކުރިން
ރިވިއު ކުރީ: ހުޝާމް މުހަޢްމަދް
- ކޮމެންޓް