ެ ޓެރަރިޒަމް ސްޕޮންސާ ކުރާ ބްލެކް ލިސްޓަށް އެމެރިކާ އިން އުތުރު ކޮރެއާ ލުމަކީ އެމެރިކާ އިން ކަންކަން ގޯހުން ގޯހަށް ގެންދަން ކުރި ކަމެއް ކަމަށް އުތުރު ކޮރެއާ އިން ބުނެފިއެވެ.
އުތުރު ކޮރެއާ އިން ބުދަ ދުވަހު ބުނީ އެމެރިކާ އިން އަލުން އުތުރު ކޮރެއާ ޓެރަރިޒަމް ސްޕޮންސާ ކުރާ ގައުމުތަކުގެ ލިސްޓަށް ލުމަކީ ނިއުކްލިއާ ހަތިޔާރު ފައްކާކުރުމުގެ ޕްރޮގްރާމު ކުރިއަށް ގެންދިއުމަށް ލިބޭނެ އިތުރު ހިއްވަރެއް ކަމަށެވެ. އުތުރު ކޮރެއާ ގެ ދައުލަތުގެ މީޑިއާ ކަމަށްވާ، ކޮރެއަން ނިއުސް އެޖެންސީ އިން އެގައުމުގެ ފޮރިން މިނިސްޓްރީގެ ތަރުޖަމާނަކާ ހަވާލާދީ ބުނީ "މާތްވެގެންވާ އުތުރު ކޮރެއާ ޓެރަރިޒަމްގެ ބްލެކްލިސްޓަށް ގޭންގުސްޓާރުންތަކެއް ލުމަކީ ސިފައިންނާ އަދި ރައްޔިތުން ނުހަނު ރުޅި އަންނަ އަދި ހިތްހަމަ ނުޖެހޭ ކަމެއް ކަމަށެވެ." ފޮރިން މިނިސްޓްރީގެ ތަރުޖަމާނު އިތުރަށް ވިދާޅުވީ އުތުރު ކޮރެއާ ރުޅި އެރުވުމަށް އެމެރިކާ އިން ކުރާ މަސައްކަތްތަކުގެ ޒިންމާ އަށް އެމެރިކާ އިން ނަގަން ޖެހޭ ކަމަށާއި އެކަމަށް ޖަވާބުދާރީ ކުރުވާނެ ކަމަށެވެ.
އެމެރިކާ އިން މީގެ ކުރިން އުތުރު ކޮރެއާ ޓެރަރިޒަމް ސްޕޮންސާ ކުރާ ގައުމުތަކުގެ ލިސްޓަށް ލާފައިވާ އިރު 2008 ވަނަ އަހަރު އެ ލިސްޓުން އުނި ކުރިއެވެ.
އެމެރިކާ އާ އުތުރު ކޮރެއާ ގެ ގުޅުން މިފަހަކަށް އައިސް ވަނީ ވަރަށް ގޯސްވެފައެވެ. ހާއްސަކޮށް އެމެރިކާގެ މިހާރުގެ ރައީސް ޑޮނަލްޑް ޓްރަމްޕް ވެރިކަމަށް ވަޑައިގަތުމަށް ފަހު އެ ގުޅުން ވަނީ އިތުރަށް ގޯސްވެފައެވެ. އެމެރިކާ އިން ބުނެފައި ވަނީ އެމެރިކާ އާއި އެގައުމުގެ އެކުވެރިންނަށް ބިރު ދައްކާ ނަމަ އުތުރު ކޮރެއާ "އެކީ ނައްތާލަން ޖެހިދާނެ ކަމަށެވެ."
ބައިނަލްއަގްވާމީ ދުނިޔެއިން ދަނީ ނިއުކްލިއާ ހަތިޔާރު ފައްކާކުރުމުގެ ޕްރޮގްރާމް ހުއްޓާލުމަށާއި، މިސައިލް ޓެސްޓްތައް ކުރުން ހުއްޓާލުމަށް ތަކުރާރުކޮށް އުތުރު ކޮރެއާއަށް އަންގަމުންނެވެ. ނަމަވެސް އާދައިގެމަތިން އުތުރު ކޮރެއާއިން ދަނީ ބައިނަލްއަގްވާމީ ދުނިޔެއަށް ބީރުކަންފަތެއް ދެމުންނެވެ.