ބަޔާން މިއުނިކަށް ކުޅެމުން އަންނަ ޖަރުމަނުގެ ހުނަރުވެރި ޑިފެންޑަރު ޖޯޝުއާ ކިމިޗްގެ ކޮންޓްރެކްޓް އައު ކުރުމުގެ މަސައްކަތް އެ ކްލަބުން ފަށައިފިއެވެ.
އުމުރުން 22 އަހަރުގެ ޑިފެންޑަރު އިނގިރޭސި ޕްރިމިއާ ލީގުގެ ކްލަބް މެންޗެސްޓާ ސިޓީއަށް ބަދަލުވާން އުޅޭކަމުގެ އަޑުތައް ވަނީ ފެތުރިފައެވެ. އެގޮތުން ސިޓީގެ ކޯޗު ޕެޕް ގާޑިއޯލާގެ އިރުޝާދުގެ ދަށުން ކުޅެން ބޭނުންވާ ކަމަށް ކިމިޗް ވަނީ ބުނެފައިވާކަމަށް ބައެއް ރިޕޯޓުތައް ބުނެއެވެ. ބަޔާންއިން ކިމިޗަށް ފުރުސަތު ލިބުނީ އެ ޓީމުގެ ކޯޗެއްގެ ގޮތުގައި ގާޑިއޯލާ ހުރި ދުވަސްވަރުއެވެ.
އެހެންނަމަވެސް ކިމިޗްގެ އޭޖެންޓް 'ސްޕޯޓް ބިލްޑް'އަށް ދިން އިންޓަވިއުއެއްގައި ބުނެފައިވަނީ ބަޔާންގެ ސީއީއޯ ކާލް ހެންޒް ރުމެނިގާ އާއިއެކު މަޝްވަރާތައް ކުރިޔަށް ގެންގޮސްފައިވާ ކަމަށާއި، މިއަހަރު ނިމުމުގެ ކުރިން އޭނާގެ ކޮންޓްރެކްޓް އައު ކުރެވޭނެ ކަމުގެ ޔަގީންކަން އެބައޮތް ކަމަށެވެ. އަދި ބަޔާންގައި އޭނާ ހޯދަމުން އަންނަ ކުރިއެރުންތަކުގެ ސަބަބުން އެ ޓީމުން ކިމިޗަށް ރަނގަޅު ކޮންޓްރެކްޓެއް ދޭނެ ކަމާމެދު ޝައްކުނުކުރާ ކަމަށްވެސް އޭނާގެ އޭޖެންޓް ބުނެފައިވެއެވެ.
މިދިޔަ ސީޒަނަށްފަހު ބަޔާންގެ ކެޕްޓަން ފިލިޕް ލާމް ރިޓަޔަރ ކުރުމާއި ގުޅިގެން، އޭނާ ނެތްތަން ފޫބެއްދުމުގެ ޒިންމާއާއި ހަވާލުވެފައިވަނީ ކިމިޗެވެ. އެގޮތުން އޭނާ އަންނަނީ މި ސީޒަނުގައި އެ ޒިންމާތައް ވަރަށް ފުރިހަމަ ގޮތުގައި އަދާކުރަމުންނެވެ.
އެހެންނަމަވެސް، ހަމަ މި އިންޓަވިއުގައި ކިމިޗް ބުނީ ބަޔާން އާއިއެކު ހަދާފައިވާ ކޮންޓްރެކްޓް ހަމަވާނީ 2020 ވަނަ އަހަރު ކަމަށާއި، އެހެން ކަމުން އައު ކޮންޓްރެކްޓެއްގައި ސޮއި ކުރުން އަދި މަޑުޖައްސާލެވޭނެ ކަމަށެވެ. ކްލަބް ބަދަލުކުރަން ޖެހޭނީ ދެ ހާލަތެއްގައި ކަމަށް ވެސް ކިމިޗް ބުނެފައިވެއެވެ. އެއީ އައު ކަމެއް ތަޖުރިބާކުރުމުގެ ގޮތުން އެހެން ކްލަބަކަށް ބަދަލުވާން ޖެހުމުން ނުވަތަ ކްލަބުން އޭނާގެ ހިދުމަތް އިތުރަށް ބޭނުން ނުވުމުން ކަމަށް ވެސް ކިމިޗް ބުނެފައިވެއެވެ. އަދި އެފަދަ އެއްވެސް ހާލަތެއް އޭނާއަށް މެދުވެރި ނުވާކަމަށް ކިމިޗް ހާމަކޮށްފައިވެއެވެ.
ޖަރުމަނުގެ އާރްބީ ލީޕްޒީގްއިން ކެރިއަރު ފެށި ކިމިޗް ބަޔާން މިއުނިކާއި ގުޅިފައިވަނީ 2015 ވަނަ އަހަރުއެވެ. މިހާތަނަށް ބަޔާންއަށް ކުޅުނު 62 މެޗުގައި އޭނާ ވަނީ އެ ޓީމަށް ހަތް ލަނޑު ޖަހައިދީފައެވެ. ޖަރުމަނުގެ ގައުމީ ޓީމުގައި ވެސް މުހިންމު ދައުރެއް އަދާކުރަމުން އަންނަ ކިމިޗް ވަނީ ބަޔާން އާއިއެކު ދެ ފަހަރެއްގެ މަތިން ބުންޑެސްލީގާ ކާމިޔާބު ކޮށްފައެވެ.