ކ. މާލެ
|
23 ނޮވެންބަރ 2017 | ބުރާސްފަތި 14:46
ހަޒާޑް ޗެލްސީގެ ކުޅުންތެރިޔެއްގެ ގޮތުގައި އިނގިރޭސި ޕްރިމިއާ ލީގުގެ ތަށްޓާއެކު
ހަޒާޑް ޗެލްސީގެ ކުޅުންތެރިޔެއްގެ ގޮތުގައި އިނގިރޭސި ޕްރިމިއާ ލީގުގެ ތަށްޓާއެކު
ގޯލް.ކޮމް
އެޑެން ހަޒާޑް
ރެއާލް އަކީ ވަރަށް ކަމުދާ ކްލަބެއް: ހަޒާޑް
މިއީ ހާޒާޑް ޗެލްސީއަށް ކުޅޭ ހަވަނަ ސީޒަން
ކޮންމެ ޓްރާންސްފަރ ބާޒާރެއްގައި ވެސް އޭނާ ރެއާލް އާއި ގުޅެން އުޅޭ ކަމުގެ އަޑުތައް ފެތުރޭ
ރެއާލްއަކީ އަބަދުވެސް އޭނާއަށް ކަމުދާ ޓީމެއްކަން އެންމެނަށްވެސް އެނގޭނެ ކަމަށް ހަޒާޑް ބުނެފައިވޭ

ސްޕެއިންގެ ރެއާލް މެޑްރިޑަކީ ވަރަށް ކަމުދާ ކްލަބެއް ކަމަށް ޗެލްސީއަށް ކުޅެމުން އަންނަ ބެލްޖިއަމްގެ ހުނަރުވެރި ފޯވާޑް އެޑެން ހަޒާޑް ބުނެފިއެވެ.

މިއީ ހަޒާޑް ޗެލްސީއަށް ކުޅޭ ހަވަނަ ސީޒަން ކަމަށްވާއިރު، ކޮންމެ ޓްރާންސްފަރ ބާޒާރެއްގައި ވެސް އޭނާ ރެއާލް މެޑްރިޑާއި ގުޅެން އުޅޭ ކަމުގެ އަޑުތައް ފެތުރެއެވެ. މީގެ ކުރިން ދިން ބައެއް އިންޓަވިއުތަކުގައި ރެއާލްގެ ކޯޗު ޒައިނުއްދީން ޒިދާންގެ އިރުޝާދުގެ ދަށުން ކުޅެން ބޭނުންވާ ކަމަށް ހަޒާޑް ބުނެފައިވެއެވެ.

މި ސީޒަނުގައި ހަޒާޑް މޮޅު ކުޅުމެއް ދައްކަމުން އަންނައިރު, ކުރިޔަށް އޮތް ޖެނުއަރީ މަހުގެ ޓްރާންސްފަރ ބާޒާރުގައި އޭނާ ރެއާލް މެޑްރިޑާއި ގުޅެން އުޅޭ ކަމުގެ ވާހަކަތައް ހަޒާޑް ވަނީ ދޮގުކޮށްފައެވެ. ފްރާންސްގެ ޓީވީއެއް ކަމަށްވާ 'ކެނަލް ޕްލަސް'އަށް ދިން އިންޓަވިއުއެއްގައި ހަޒާޑް ބުނެފައިވަނީ ކޮންމެ ސީޒަނެއްގައި ވެސް އޭނާ ޗެލްސީ ދޫކޮށްލަން އުޅޭ ކަމުގެ ވާހަކަތައް ދެކެވޭ ކަމަށާއި, އެހެންނަމަވެސް އެކަން ހަގީގަތަކަށް ވެފައިނުވާ ކަމަށެވެ.

އަދި ޗެލްސީގެ ކޮންޓްރެކްޓްގައި ބާކީ ދެ އަހަރު އެބައޮތް ކަމަށާއި، ޗެލްސީ ދޫކޮށްލަން ބޭނުންވާ ދުވަހަކުން އޭނާއަށް ކްލަބް ދޫކޮށްލުމުގެ އިހްތިޔާރު އޮންނާނެ ކަމަށް ހަޒާޑް ބުނެފައިވެއެވެ. މިވަގުތު އޭނާއަކީ ނޫ ޖާޒީއަށް ނިސްބަތްވާ ކުޅުންތެރިޔެއް ކަމަށާއި، ނަމަވެސް ރެއާލްއަކީ އަބަދުވެސް އޭނާއަށް ކަމުދާ ޓީމެއްކަން އެންމެނަށްވެސް އެނގޭނެ ކަމަށް ހަޒާޑް ބުނެފައިވެއެވެ.

މި އިންޓަވިއުގައި ހަޒާޑް ބުނެފައިވަނީ ފްރާންސްގެ ލިލޭއަށް އޭނާ ކުޅުނު ދުވަސްވަރު ޕީއެސްޖީއަށް އޭނާ ބަދަލުވާން އުޅޭކަމަށް ބުނެ މީޑިއާތަކުން ހަބަރު ފަތުރާފައިވާ ކަމަށާއި، ހަމައެގޮތަށް ޗެލްސީ އަށް އޭނާ ބާދަލުވާން އުޅޭކަމަށް ބުނެ ތަކުރާރުކޮށް ދޮގު ހަބަރު ފަތުރަމުންދާ ކަމަށެވެ.

ހަޒާޑް މިހެން ބުނެފައިވާއިރު އޭނާ ރެއާލްގެ ވާދަވެރި ބާސެލޯނާއަށް ބަދަލުވާން އުޅޭ ކަމުގެ އަޑުތަކެއް ވެސް މިދިޔަ ޓްރާންސްފާ ބާޒާރުގައި ފެތުރިފައިވެއެވެ. އަދި ހަޒާޑަކީ ރެއާލްގެ ކޯޗު ޒައިނުއްދީން ޒިދާންއަށް ވަރަށް ކަމުދާ ކުޅުންތެރިޔެއް ކަމަށް ރިޕޯޓުތައް ބުނެއެވެ.

ފްރާންސްގެ ލިލޭއިން 2012 ވަނަ އަހަރު ޗެލްސީއަށް ބަދަލުވުމަށް ފަހު ހަޒާޑް އަންނަނީ އެ ޓީމުގައި މޮޅު ކުޅުމެއް ދައްކަމުންނެވެ. އެގޮތުން އޭނާވަނީ ޗެލްސީއަށް ކުޅުނު 174 މެޗުގައި 57 ލަނޑު ޖަހާފައެވެ. އަދި އެމުއްދަތުގައި އޭނާ ވަނީ ޗެލްސީއާއެކު ޔުއެފާ ޔުރޮޕާ ލީގުގެ އިތުރުން އިނގިރޭސި ޕްރިމިއާ ލީގު ދެފަހަރު ކާމިޔާބުކޮށްފައެވެ.

- ކޮމެންޓް