ކ. މާލެ
|
23 ނޮވެންބަރ 2017 | ބުރާސްފަތި 12:50
ރަޝިއާ، ތުރުކީ އަދި އީރާނުގެ ރައީސް ވަނީ ސާޗީގައި ބައްދަލުކުރައްވައި ސީރިޔާގެ މައްސަލައިގައި މަޝްވަރާ ކުރައްވާފައި
ރަޝިއާ، ތުރުކީ އަދި އީރާނުގެ ރައީސް ވަނީ ސާޗީގައި ބައްދަލުކުރައްވައި ސީރިޔާގެ މައްސަލައިގައި މަޝްވަރާ ކުރައްވާފައި
ރޮއިޓަރސް
ސީރިޔާގެ މައްސަލަ
ރަޝިއާ، ތުރުކީ އަދި އީރާނުން "ސީރިއަން ކޮންގްރެސް" ބޭއްވުމަށް އެއްބަސްވެއްޖެ
ސީރިޔާ ހަނގުރާމައަށް ހަތް އަހަރު ވީއިރު އެތައް ލައްކަ ބަޔަކު މަރުވެ 12 މިލިއަން މީހުން ގެދޮރު ގެއްލިފައިވޭ
ސީރިޔާގެ އިދިކޮޅު ފަރާތްތަކުން ނޮވެމްބަރުމަހުގެ 28 ވަނަ ދުވަހު ޖެނިވާގައި ބައްދަލުކުރުމަށް ވަނީ ހަމަޖެހިފައި

ސީރިޔާގެ ސަރުކާރާ އިދިކޮޅު ފަރާތްތައް އެއްތަން ކުރުވައި "ސީރިޔަން ޕީޕަލްސް ކޮންގްރެސް"ގެ ނަމުގައި ބައްދަލުވުންތަކެއް ބޭއްވުމަށް ރަޝިއާއިން ހުށަހެޅި ހުށަހެޅުމަށް އީރާނުގެ ރައީސް އާއި ތުރުކީގެ ރައީސް އެއްބަސްވެ ވަޑައިގެންފި ކަމަށް ރަޝިއާގެ ރައީސް ވްލާޑިމިއަރ ޕޫޓިން ވިދާޅުވެއްޖެއެވެ.

ބްލެކް ސީގެ ރިޒޯޓެއްކަމަށްވާ ސާޗީގައި ރައީސް ޕޫޓިން ބުދަދުވަހު ވަނީ އީރާނުގެ ރައީސް ހަސަން ރޫހާނީ އާއި ތުރުކީގެ ރައީސް ރަޖަބް ތައްޔިބް އޮރްދޮޣާނާ ބައްދަލުކުރައްވާފައެވެ.

އެ ބައްދަލުވުން ބާއްވާފައި ވަނީ އދ. އިން އިސްނަގައިގެން ޖެނީވާގައި ބާއްވަން ހަމަޖެހިފައިވާ ސީރިޔާގެ ސުލްހައިގެ ވާހަކަތަކުގެ ކުރިން ސައުދީ އަރަބިއްޔާގެ ވެރިރަށް ރިޔާޒްގައި ސީރިޔާގެ އިދިކޮޅު ފަރާތްތަކުން ބައްދަލުކުރިތާ އިރުކޮޅެއްގެ ތެރޭގައެވެ.

"ކޮންގްރެސްގައި ބަލާނީ ސީރިޔާގެ ގައުމީ އެޖެންޑާގައި ހުރި މައިގަނޑު ސުވާލުތަކަށް" ރޫހާނީ އާއި އޮރްދޮޣާނާ އެކު ހުންނަވައި ޕޫޓިން ރިޕޯޓަރުންނަށް ވިދާޅުވިއެވެ.

ޕޫޓިން ވިދާޅުވީ އެންމެ ފުރަތަމަ ކަމަކަށް އަންނާނީ ސީރިޔާގެ މުސްތަގުބަލުގެ މަގުޗާޓު އެކުލަވާލުމާއި ގާނޫނު އަސާސީއެއް އެކުލަވާލުމާއި އެ ގާނޫނުއަސާސީއާ އެއްގޮތަށް އދ. ގެ ބެލުމުގެ ދަށުން އިންތިޚާބެއް ބޭއްވުމެވެ.

ޖެނީވާގައި ނޮވެބަރުމަހުގެ 28 ވަނަ ދުވަހު ބާއްވާ ވާހަކަތަކުގެ ކުރިން ސާޗީގައި ކޮންގްރެސް ބާއްވާނެ ކަމަށް ބެލެވެއެވެ.

ތިން ރައީސުން ނެރުއްވާފައިވާ ގުޅިފައިވާ ބަޔާނުގައި ވަނީ ހަނގުރާމައިގައި ހިމެނޭ ހުރިހާ ފަރާތަކުން ވެސް އެ ފަރާތެއްގެ ބެލުމުގެ ދަށުގައި ތިބި ރަހީނުން މިނިވަންކޮށް ދެމިގެންދާނެ ގޮތަކަށް ހަމަލާބަދަލުކުރުން ހުއްޓާލުން މުހިއްމު ކަމަށެވެ.

މީގެ އިތުރުން ސީރިޔާއަށް އިންސާނީ އެހީފޯރުކޮށްދިނުމަށް  ބައިނަލްއަޤްވާމީ މުޖުތަމައުއަށް ވަނީ ގޮވާލާފައެވެ. އަދި ސިރީޔާގެ ސަރަހައްދީ އިމުގެ ތެރެއިން މައިން ނަގައި ސާފުކޮށް ސުންނާފަތިވެފައިވާ އުމްރާނީ ތަރައްގީގެ ވަސީލަތްތައް އަލުން އިމާރާތްކުރުމަށް އެހީވުމަށް ބައިނަލްއަގްވާމީ މުޖުތަމައުއިން ވަނީ ގޮވާލާފައެވެ.

ސީރިޔާގެ ދާޚިލީ ހަނގުރާމައިގެ ހަތްވަނަ އަހަރުގެ ތެރޭގައި އުޅެމުންދާއިރު އެތައް ލައްކަ ބަޔަކު މަރުވެ 12 މިލިއަނަށް ވުރެ ގިނަ މީހުން ވަނީ ގެދޮރު ގެއްލިފައެވެ.

 

އެންމެ ފަހުން އަޕްޑޭޓް ކުރީ: 5 ދުވަަސް ކުރިން
ރިވިއު ކުރީ: އަލީ ޔޫސުފް
- ކޮމެންޓް