ކ. މާލެ
|
23 ނޮވެންބަރ 2017 | ބުރާސްފަތި 03:51
އެމަސަން ނަންގަގްވާ އާންމުންނާ މުޚާތަބު ކުރައްވަނީ
އެމަސަން ނަންގަގްވާ އާންމުންނާ މުޚާތަބު ކުރައްވަނީ
ރޮއިޓަރސް
ޒިމްބާބްވޭގެ މަސްރަހު
އެކި ދުވަސްތަކުގައި މަރާލަން މަސައްކަތްކޮށްފައިވޭ: ޒިމްބާބުވޭގެ ކުރީގެ ނައިބު ރައީސް
ނަންގަގްވާ ވިދާޅުވީ އެމަނިކުފާނު ނައިބު ރައީސްކަމުން ވަކިކުރެއްވުމުން ގައުމު ދޫކުރައްވާ ވަޑައިގަތީ ފުރާނަ އަށް ބިރުފުޅުން ކަމަށް

ފަހުގެ އެކި ދުވަސްތަކުގައި އެމަނިކުފާނު އަވަހާރަކޮށްލަން މަސައްކަތްކޮށްފައިވާ ކަމަށް ޒިމްބާބްވޭގެ ނައިބު ރައީސްކަމުން ރޮބަޓް މުގާބޭ ދުރުކުރެއްވި އެމަސަން ނަންގަގްވާ ވިދާޅުވެއްޖެއެވެ.

 

ޒިމްބާބުވޭގެ ރައީސްކަން ކުރެއްވި ރޮބާޓް މުގާބޭ، ނައިބު ރައީސްކަމުން ނަންގަގްވާ ވަކިކުރެއްވުމާ ގުޅިގެން އެމަނިކުފާނު ވަނީ ގައުމު ދޫކުރައްވާ ދެކުނު އެފްރިކާ އަށް ވަޑައިގެންފައެވެ. ބުދަ ދުވަހު ނަންގަގްވާ އެނބުރި ގައުމަށް ވަޑައިގެން އާންމުންނާއި ފުރަތަމަ ފަހަރަށް ބައްދަލު ކުރައްވާ ވިދާޅުވީ، ނިމިދިޔަ އޯގަސްޓް 12 ވަނަ ދުވަހު އެމަނިކުފާނަށް ޒަހަރު ދިނުމުގެ ސަބަބުން، ވައިގެމަގުން ދެކުނު އެފްރިކާ އަށް ގެންދެވުނު ކަމަށެވެ. އަދި އެ ޒަހަރު ދިން ނަމަވެސް، ޝިފާ ލިބުނު ކަމަށާއި، ހެޔޮދުއާ ފޮނުވި ރައްޔަތުންނަށް ޝުކުރު އަދާ ކުރައްވާކަމަށް ކަމަށް ނަންގަގްވާ ވިދާޅުވިއެވެ.

 

ނަންގަގްވާ ވިދާޅުވީ އެމަނިކުފާނު ނައިބު ރައީސްކަމުން ވަކިކުރެއްވުމުން ގައުމު ދޫކުރައްވާ ވަޑައިގަތީ ފުރާނަ އަށް ބިރުފުޅުން ކަމަށާ، އެމަނިކުފާނު އަވަހާރަކޮށްލާ ތަން ބަލަން ނުހުންނަވާނެ ކަމަށާއި އެމަނިކުފާނު މަސައްކަތް ކުރައްވާނީ ރައްޔިތުންގެ އަޑު އިއްވުމަށް ކަމަށެވެ. ނަންގަގްވާގެ ވާހަކަފުޅުގައި ވަނީ ރައީސްކަމުން މުގާބޭ ވަކިކުރެއްވުމަށް އެހީތެރިވެދެއްވި އަސްކަރީ އޮފިޝަލުންނަށް ޝުކުރު ދަންނަވާފައެވެ.

 

ކުރިން ނައިބު ރައީސްކަން ކުރެއްވި އެމަސަން ނަންގަގްވާ، ހުކުރު ދުވަހު ޒިމްބާބްވޭގެ ރައީސްކަމުގެ ހުވާ ކުރައްވާނެ ކަމަށް ރިޕޯޓުތައް ބުނެއެވެ.

 

ޒިމްބާބްވޭގައި 1980 ވަނަ އަހަރުން ފެށިގެން ވެރިކަން ކުރެއްވި ރޮބަޓް މުގާބޭ މިދިޔަ އަންގާރަ ދުވަހު އިސްތިއުފާ ދެއްވާފައިވާއިރު ރައީސް މުގާބޭގެ 37 އަހަރުވީ ޚުދުމުޚުތާރު ވެރިކަން ނިމިގެން ދިޔައީ ނައިބު ރައީސް ކަމުގައި ހުންނެވި އެމަސަން ނަންގަގްވާ މިމަހުގެ 6ވަނަ ދުވަހު މަގާމުން ދުރުކުރެއްވުމާއި ގުޅިގެން ހިނގި ކަންތައްތަކުގެ ތެރޭގައެވެ. އުމުރުން 75 އަހަރުފުޅުގެ ނަންގަގްވާ މަގާމުން ދުރުކުރެވުނީ ރައީސް މުގާބޭއަށް ފަހު އެ ގައުމުގައި ވެރިކަން ކުރައްވާނެ ބޭފުޅަކަށް މުގާބޭގެ އަނބިކަބަލުން ގްރޭސް މުގާބޭ ޝައުގުވެރިކަން ފާޅުކުރައްވަމުން ގެންދަވަނިކޮށް ނަންގަގްވާވެސް އެކަމަށް ޝައުގުވެރިކަން ފާޅުކުރެއްވުމުން އުފެދުނު ހިތްހަމަ ނުޖެހުމާ ގުޅިގެންނެވެ.

 

ޒިމްބާބްވޭގެ ރައީސްކަމުން ރޮބާޓް މުގާބޭ އަންގާރަ ދުވަހު އިސްތިއުފާ ދެއްވާފައިވާއިރު، މުގާބޭ އިސްތިއުފާ ދެއްވާފައި ވަނީ މުގާބޭ ވަކި ކުރުމުގެ މަސައްކަތް އެގައުމުގެ ގާނޫނު ހަދާ މަޖިލީހުން ފެށި ފަހުންނެވެ. އަދި މުގާބޭ އިސްތިއުފާ ދެއްވިއިރު އެގައުމުގެ ކޮންޓްރޯލް ވަނީ އަސްކަރިއްޔާގެ އަތްދަށަށް ވެސް ގެންގޮސްފައެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 1 ހަފްތާ ކުރިން
ރިވިއު ކުރީ: މިއުވާން މުހައްމަދު
- ކޮމެންޓް