މީގެ ދެ ހަފްތާކުރިން ސައުދީ އަރަބިއްޔާގައި ހުންނަވާ އިސްތިއުފާ ދެއްވި ލުބުނާނުގެ ބޮޑުވަޒީރު ސައުދުލް ހަރީރީ އެ މަނިކުފާނުގެ އިސްތިއުފާ މަޑުޖައްސާލައްވައިފިއެވެ.
ހަރީރީ ވިދާޅުވީ އިސްތިއުފާ މަޑުޖައްސާލެއްވީ އިތުރު ލަފާ ހޯއްދަވަމުން ގެންދަވާތީ އިސްތިއުފާ މަޑުޖައްސާލަން ރައީސް މިޝޭލް އައޫން އެދިވަޑައިގަތުމުން ކަމަށެވެ.
ދެ ބޭފުޅުން މަޝްވަރާތައް ބާއްވަވާފައިވަނީ އަންގާރަ ދުވަހު ހަރީރީ އެނބުރި ބެއިރޫތައް ވަޑައިގަތުމުންނެވެ.
ހަރީވަނީ މަގާމުން އިސްތިއުފާ ދެއްވުމަށް ސައުދީ އަރަބިއްޔާއިން މަޖުބޫރުކޮށް ގޭ ބަންދުގައި ބެހެއްޓިކަމަށް ބުނާ ވާހަކަ ދޮގުކުރައްވާފައެވެ.
ސައުދީގައި ހުންނަވައި ނޮވެމްބަރު މަހުގެ 4 ވަނަ ދުވަހު އިސްތިއުފާ އިއުލާނުކުރައްވަމުން ހަރީރީ ވިދާޅުވީ އިސްތިއުފާ ދެއްވީ ލުބުނާނުގެ ދާޚިލީ ކަންކަމަށް އިރާނާއި އަދި އިރާނާ ރަހްމަތްތެރި ހިޒްބުﷲ ޖަމާއަތުން ނުފޫޒު ފޯރުވާތީ ކަމަށެވެ. އަދި އެމަނިކުފާނު އަވާހަރާކޮށްލަން ބަޔަކު އުޅޭ ކަމަށް ވެސް ހަރާރީ ތުހުމަތު ކުރެއްވިއެވެ.
ހިޒްބުﷲ އަކީ މިދިޔަ އަހަރު ހަރީރީ އެކުލަވާލެއްވި އިއްތިހާދީ ސަރުކާރުގެ ބައިވެރިއެކެވެ.
ހަރީރީވަނީ ރައީސްގެ އެދިވަޑައިގަތުމާއެކު ސީރިއަސް އަދި ޒިންމާދާރުކަމާއެކު މަޝްވަރާތައް ކުރިޔަށް ދާނެކަމުގެ އުއްމީދުގައި އިސްތިއުފާ މަޑުޖައްސާލަށް އެއްބަސްވެވަޑައިގެންނެވިކަމަށް ވިދާޅުވެފައެވެ.
ހަރީރީ ވިދާޅުވީ މިވަގުތު ލުބުނާނަށް ކުރިމަތިވެފައިވާ ނުރައްކަލާއި ގޮންޖެހުންތަކާ ކުރިމަތިލުމަށްޓަކައި ކޮންމެ ފަރުދެއްގެ ފަރާތުންވެސް އާދަޔާ ޚިލާފު ހިތްވަރެއް ބޭނުންވާކަމަށެވެ.
މީގެ އިތުރުން ހިޒްބުﷲގެ ހަރަކާތްތަކަށް އިޝާރާތްކުރައްވައި ހަރީރީވަނީ ލުބުނާނުގެ ދައުލަތުގެ ސިޔާސަތު ކަމަށްވާ ހަނގުރާމަތަކުގެ ތެރެއަށް ނުވަނުމާ ގައުމުގެ އެތެރޭގެ ހަމަޖެހުމަށް ބުރޫއަރާފަދަ ސަރަހައްދީ ޚިލާފުތަކަށް ނުވަނުމަށް ގޮވާލައްވާ ގޮވާލެއްވުން ތަކުރާރުކުރައްވާފައެވެ.