ކ. މާލެ
|
22 ނޮވެންބަރ 2017 | ބުދަ 17:13
ބޮޑު ވަޒީރު މޭ
ބޮޑު ވަޒީރު މޭ
ބީބީސީ
ޒިމްބާބްވޭ-ޔޫކޭ
ރޮބާޓް މުގާބޭ އިސްތިއުފާ ދެއްވުމަކީ ގައުމުގެ އިގްތިސާދު ބިނާކުރުމަށް ހުޅުވިގެން ދިޔަ ފުރުސަތެއް: ތެރޭސާ މޭ
ޒިމްބާބްވޭގެ ރައީސްކަމުން 37 އަހަރަށް ފަހު މުގާބޭ ވަނީ އިސްތިއުފާ ދެއްވާފައި

ޒިމްބާބްވޭގެ ރައީސްކަމުން ރޮބާޓް މުގާބޭ އިސްތިއުފާ ދެއްވުމަކީ އެގައުމުގެ "އިގްތިސާދު ބިނާކުރުމަށް" ހުޅުވިގެން ދިޔަ ފުރުސަތެއް ކަމަށް އިނގިރޭސި ބޮޑުވަޒީރު ތެރޭސާ މޭ ވިދާޅުވެއްޖެއެވެ.

ޒިމްބާބްވޭގެ ރައީސްކަމުން 37 އަހަރަށް ފަހު އެގައުމުގެ ރައީސް ރޮބާޓް މުގާބޭ އިސްތިއުފާ ދެއްވުމާ ގުޅިގެން އިނގިރޭސި ބޮޑުވަޒީރު މޭ ވިދާޅުވީ ވޭތުވެދިޔަ ދުވަސްތަކުގައި ފެނިގެން ދިޔަ މަންޒަރަކީ ޒިމްބާބްވޭގެ ރައްޔިތުން މިނިވަން އަދި އިންސާފުވެރި އިންތިޚާބަކަށް ބޭނުންވެފައިވާ މިންވަރު ކަމަށެވެ. އަދި ޒިމްބާބުވޭގެ އެންމެ ދުވަސްވީ ރަހްމަތްތެރިޔާގެ ހައިސިއްޔަތުން ޒިމްބާބުވޭއަށް އުޖާލާ މުސްތަގުބަލެއް ހޯދައިދޭން އިނގިރޭސި ވިލާތުން މަސައްކަތް ކުރާނެ ކަމަށް ވެސް ބޮޑު ވަޒީރު މޭ ވިދާޅުވިއެވެ.

ރައީސް މުގާބޭގެ އިސްތިއުފާއާ ގުޅިގެން އިނގިރޭސި ޚާރިޖީ ވަޒީރު ބޮރިސް ޖޮންސަން ވިދާޅުވެފައި ވަނީ މުގާބޭގެ ވެރިކަން ވެއްޓި ދިއުމަކީ އެމަނިކުފާނު ހިތާމަ ކުރައްވާނެ ކަމެއް ނޫން ކަމަށާއި، އެކަމަކީ "ވަރަށް އުންމީދީ ގައުމަކަށް" އަންނަން އޮތް ބަދަލުގެ ފެށުން ކަމަށް ވެދާނެ ކަމަށެވެ. ޖޮންސަން ވިދާޅުވީ މިހާރު އެންމެ އިސްކަމެއް ދޭން ޖެހެނީ ޒިމްބާބުވޭގައި ސައްހަ ސަރުކާރެއް ގާއިމު ކުރަން ކަމަށާއި އެކަން ކުރަން ޖެހޭނީ މިނިވަން އަދި އިންސާފުވެރި އިންތިޚާބެއްގެ ތެރެއިން ކަމަށެވެ.

ޒިމްބާބުވޭއަކީ އެގައުމަށް 1980 ވަނަ އަހަރު މިނިވަންކަން ލިބުނު ހިސާބުން ފެށިގެން ކޮމަންވެލްތުގެ މެމްބަރު ގައުމެކެވެ. އެހެންނަމަވެސް އެގައުމުގައި 2002 ވަނަ އަހަރު ބޭއްވި ރިޔާސީ އިންތިޚާބުގައި ނަހަމަ ކަންކަން ހިނގުމާ ގުޅިގެން ކޮމަންވެލްތުން ސަސްޕެންޑު ކުރެވުނެވެ. އަދި ޒިމްބާބުވޭގެ ސަސްޕެންޝަންގެ މުއްދަތު އިތުރުކުރުމާ ގުޅިގެން 2003 ވަނަ އަހަރު އެގައުމު ކޮމަންވެލްތުގެ މެމްބަރު ކަމުން ވަކިވިއެވެ.

ޒިމްބާބްވޭގެ ރައީސްކަމުން ރޮބަޓް މުގާބޭ އަންގާރަ ދުވަހު އިސްތިއުފާ ދެއްވާފައިވާއިރު، މުގާބޭ އިސްތިއުފާ ދެއްވާފައި ވަނީ މުގާބޭ ވަކި ކުރުމުގެ މަސައްކަތް އެގައުމުގެ ގާނޫނު ހަދާ މަޖިލީހުން ފެށި ފަހުންނެވެ. 

އެންމެ ފަހުން އަޕްޑޭޓް ކުރީ: 5 ދުވަަސް ކުރިން
ރިވިއު ކުރީ: އަލީ ޔޫސުފް
- ކޮމެންޓް
22 ނޮވެންބަރ 2017 | ބުދަ 19:42
ހަންފަތުރަން
އިނގިރޭސީން ހަންފަތުރަން ލިބުނުފުރުސަތެކޭ ބުނިޔާ މާތާހިރެއްނުން