"ޕަދްމަވަތީ" ގެ ތަރި ދީޕިކާ ޕަދުކޯން އާއި އެ ފިލްމުގެ ޑައިރެކްޓަރ ސަންޖޭ ލީލާ ބަންސާލީގެ ބޯ ބުރިކޮށްލި މީހަކަށް 1.5 މިލިއަން ޑޮލަރު ހުށަހަޅައިފިއެވެ.
ދީޕިކާއާއި ބަންސާލީގެ ބޯ ބުރިކޮށްލި މީހަކަށް 1.5 މިލިއަން ޑޮލަރު ހުށަހެޅީ އިންޑިއާގެ ވެރިކަން ކުރާ ޕާޓީ ބީޖޭޕީގެ ނަދަން ހަރިޔާނާގެ ޗީފް މީޑިއާ ކޯޑިނޭޓަރ ސޫރަޖް ޕަލް އަމޫއެވެ.
މިކަމާއި ގުޅިގެން ދީޕިކާއާއި ބަންސާލީގެ ސެކިއުރިޓީ ވަނީ ވަރުގަދަ ކޮށްފައެވެ. ބަންސާލީ ހުރީ ކޮންތަނެއްގައި ކަމެއް ޔަގީން ނުވާއިރު ދީޕިކާ މިހާރު ހުރީ އޭނާ ނިސްބަތްވާ އަވަށް ކަމަށްވާ އިންޑިއާގެ ބެންގަލޫރުގައި ފުލް ސެކިއުރިޓީއާއި އެކުގައި ކަމަށް އިންޑިއާގެ ނޫސްތަކުން ބުނެއެވެ. އަދި ބެމްގަލޫރުގައި އޭނާގެ ކައިރީގައި އާއިލާގެ މެމްބަރުން ތިބިކަމަށް ވެސް ޚަބަރުތައް ބުނެއެވެ.
"ޕަދްމަވަތީ" އާއި ދެކޮޅުހަދާ ގިނަ ބަޔަކު ބުނަނީ ފިލްމުގެ ބަތަލާ ޕަދްމާވަތީ އާއި އަލާއުއްދީން ޚިލްޖީގެ ހުވަފެނީ މަންޒަރެއް ހިމެނޭ ކަމަށާއި އެ ދެ މީހުން ބައްދަލުވާތަން ފިލްމުން ފެނުމަކީ ބަލައިގަނެވޭނެ ކަމެއް ނޫން ކަމަށެވެ. އެހެން ނަމަވެސް ޑައިރެކްޓަރ ބަންސާލީ ބުނެފައިވަނީ އެއީ ދޮގެއް ކަމަށާއި ފިލްމު ބެލުމުން އެކަން އެނގޭނެ ކަމަށެވެ.
ބެންގަލޫރުގެ ކަރްނަޓަކާގެ އެނާޖީ މިނިސްޓަރ އަދި އިންޑިއާގެ ނެޝަނަލް ކައުންސިލްގެ މެމްބަރ ޑީކޭ ޝިވާކުމާރު ވަނީ ދީޕިކާއަށް ދީފައިވާ މަރުގެ އިންޒާރުތައް ކުށްވެރި ކުރައްވާފައެވެ. އޭނާ ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ބީޖޭޕީގެ އިސް ފަރާތެއް ދީޕިކާ މަރާލުމަށް 10 ކުރޯޑް ރުޕީސް(1.5މިލިއަން ޑޮލަރު) ހުށަހެޅުމަކީ ނުހަނު ކުށްވެރި ކުރައްވާ ކަމެއް ކަމަށެވެ. ދީޕިކާ އަކީ އިންޑިއާ އިހުތިރާމު ކުރާ ކުޅިވަރެއްގެ މޮޅުކުޅުންތެރިއެއްގެ ދަރިއެއް ކަމަށާއި ބީޖޭޕީގެ ސަގާފަތާއި އަންހެނުންނަށް ކުރާ އިހުތިރާމަކީ އެއީތޯ ވިދާޅުވެ އޭނާ ވަނީ ސުވާލު ކުރައްވާފައެވެ. އަދި މިކަމަށް އަވަސް ހައްލެއް ހޯދަންޖެހޭ ކަމަށް އޭނާގެ ޓްވީޓުގައި ވަނީ ފާހަގަ ކުރައްވާފައެވެ.
It is condemnable that a BJP office bearer is placing a bounty of Rs. 10 crore on @deepikapadukone, who is from our state & the daughter of one of India's most respected sportsman.
— DK Shivakumar (@withDKS) November 20, 2017
Is this BJP's culture & the way they show respect towards women? Immediate action should be taken.
ދީޕިކާގެ ބައްޕައަކީ ކުރީގެ މަޝްހޫރު ބެޑްމިންޓަން ކުޅުންތެރިޔާ ޕްރަކާޝް ޕަދުކޯންއެވެ. އޭނާއަށް ވަނީ 1980 ވަނަ އަހަރުގައި ދުނިޔޭގެ އެންމެ މޮޅު ބެޑްމިންޓަން ކުޅުންތެރިޔާގެ މަގާމު ލިބިފައެވެ.
ޑީކޭ ޝިވާކުމާރު ބުނީ ދީޕިކާއަށް ހިމާޔަތް ދިނުމަށް ކަރްނަޓަކާގެ ޗީފް މިނިސްޓަރަށް ސިޓީއެއް ފޮނުއްވާނެ ކަމަށެވެ. ބީޖޭޕީއިން ދީޕިކާގެ ކިބައިން މައާފަށް އެދެން ޖެހޭނެ ކަމަށް ވެސް ޝިވާކުމާރުގެ ޓްވީޓުގައި ވަނީ ވިދާޅުވެފައެވެ. ގާނޫނުން ލިބިދޭ މިނިވަން ކަމަށް މުޅިއިންޑިއާގެ ރައްޔިތުން ޚާއްސަކޮށް އަންހެނުން އަޑުއުފުލުމަށް ތެދުވުމަށް ވަނީ ވިދާޅުވެފައެވެ. މީގެ އިތުރުން ބީޖޭޕީގެ ސްޕޯކްސްޕާސަން އާއި މެދު ގާނޫނީ ދައުވާ ކުރަންޖެހޭ ކަމަށް ޑީކޭ ޝިވާކުމާރު ވަނީ ވިދާޅުވެފައެވެ.
I will write to @CMofKarnataka to offer protection to @deepikapadukone. BJP must apologize & make sure intimidation doesn't happen.
— DK Shivakumar (@withDKS) November 20, 2017
I appeal to all Indians, especially women & artists to speak in one voice against such elements & uphold our constitutionally guaranteed freedoms.
މީގެ ކުރިން ދީޕިކާ އިންޑިއާގެ ނޫހަކަށް ދީފައިވާ އިންޓަވިއުއެއްގައި ބުނެފައިވަނީ އޭނާ އަންހެނެއްގެ ހައިސިއްޔަތުންނާއި އިންޑިއާގެ ރައްޔިތެއްގެ ހައިސިއްޔަތުން ވަރަށް ދެރަވެ ރުޅިއައިސްފައިވާ ކަމަށެވެ. އަދި އެފިލްމާއި ބެހޭގޮތުން އެކިވާހަކަތައް ދައްކަމުން ދަނީ އެ ފިލްމުގައި ވަނީ ކީއްކަމެއް ނޭގިތިބެ ކަމަށް ދީޕިކާ ވަނީ ބުނެފައެވެ. "ޕަދްމަވަތީ" އަކީ މުޅި އިންޑިއާ ފަޚުރުވެރިވާނެ ފިލްމެއް ކަމަށާއި މުޅި ދުނިޔެއަށް ޕަދްމަވަތީގެ ވާހަކަ އެނގެންޖެހޭނެ ކަމަށް ދީޕިކާ ވަނީ ބުނެފައެވެ.
މި ފިލްމު މިހާރު އޮތީ ސެންސަރުބޯޑުގައެވެ. ފިލްމު ކުރިން ރިލީޒްކުރަން އޮތީ ޑިސެމްބަރު މަހުގެ 1 ވަނަ ދުވަހަށެވެ. އެހެން ނަމަވެސް ފިލްމު ރިލީޒްކުރާ ދުވަސް އެހެން ދުވަހަކަށް ފަސްކޮށްފައިވަނީ ސެންސަރުބޯޑަށް ފިލްމު ފާސްކުރުމަށް ފޮނުވުމުން އެ ބޯޑުން އެޕްލިކޭޝަން ފުރިހަމަ ނޫން ކަމަށް ބުނެ ފިލްމް އަނބުރާ ފޮނުވާލާފައި ވާތީ އަލުން އެޕްލިކޭޝަން ލުމަށް ފަހު ރިލީޒްކުރުން ލަސްވާނެތީ ކަމަށް އެ ފިލްމުގެ ބޯޑުން ވަނީ ބުނެފައެވެ.