ޒިމްބާބްވޭ އަލުން ކޮމަންވެލްތާ ގުޅުމަށް އިނގިރޭސި ވިލާތުގެ ތާއިދު އޮތްކަމުގެ އިޝަރާތެއް އެގައުމުގެ ޚާރިޖީ ވަޒީރު ބޮރިސް ޖޮންސަން ދެއްވައިފިއެވެ.
އިނގިރޭސި ޚާރިޖީ ވަޒީރު މިމޭރުމުން ވާހަކަފުޅުދެއްކެވިއިރު ޒިމްބާބްވޭގެ ރައީސްކަމުން 37 އަހަރަށްފަހު އެގައުމުގެ ރައީސް ރޮބާޓް މުގާބޭ ވަނީ އަންގާރަ ދުވަހު އިސްތިއުފާ ދެއްވާފައެވެ.
އިނގިރޭސި ވިލާތުގައި ވެރިކަން ކުރާ ކޮންޒަވޭޓިވް ޕާޓީގެ، ކުރީގެ މިނިސްޓަރު އަދި ގާނޫނު ހަދާ މަޖިލީހުގައި ކޮންޒަވޭޓިވް ޕާޓީ ތަމްސީލު ކުރައްވާ ސާ ހޫގޯ ސްވަޔާ ވަނީ އަލުން ޒިމްބާބްވޭ ކޮމަންވެލްތައް ގެނައުމަށް ޚާރިޖީ ވަޒީރު ޖޮންސަން އަށް ބާރުއަޅުއްވާފައެވެ. މިކަމާ ގުޅިގެން ޚާރިޖީ ވަޒީރު ޖޮންސަން ވިދާޅުވީ ޒިމްބާބުވޭ އަލުން ކޮމަންވެލްތައް ގެނައުމަށް ތައްޔާރަށް ހުންނެވިކަމަށާއި އެހެން ނަމަވެސް ޒިމްބާބްވޭއިން އިންސާނީ ހައްގުތައް ފަދަ ކަންކަމަށް އިހުތިރާމު ކުރުމުގެ ސިފަ ހުންނަން ޖެހޭ ކަމަށެވެ. ޖޮންސަން ވިދާޅުވީ މިއަންނަ އަހަރު ޒިމްބާބްވޭގައި މިނިވަން އިންސާފުވެރި އިންތިޚާބެއް އޮންނަން ޖެހޭ ކަމަށާއި، އެއަށްފަހު ޒިމްބާބްވޭ އަށް އޮތް ގޮތަކީ ކޮމަންވެލްތު މެމްބަރުކަމަށް އެދި ހުށަހެޅުން ކަމަށެވެ.
ޒިމްބާބްވޭގެ ރައީސްކަމުން ރޮބާޓް މުގާބޭ އިސްތިއުފާ ދެއްވުމާ ގުޅިގެން އިނގިރޭސި ޚާރިޖީ ވަޒީރު ބޮރިސް ޖޮންސަން ނެރުއްވި ބަޔާނެއްގައި ވިދާޅުވީ މުގާބޭގެ ވެރިކަން ވެއްޓި ދިއުމަކީ އެމަނިކުފާނު ހިތާމަ ކުރައްވާނެ ކަމެއް ނޫން ކަމަށާއި، އެކަމަކީ "ވަރަށް އުންމީދީ ގައުމަކަށް" އަންނަން އޮތް ބަދަލުގެ ފެށުންކަމަށް ވެދާނެ ކަމަށެވެ. ޖޮންސަން ވިދާޅުވީ މިހާރު އެންމެ އިސްކަމެއް ދޭން ޖެހެނީ ޒިމްބާބުވޭގައި ސައްހަ ސަރުކާރެއް ގާއިމު ކުރަން ކަމަށާއި އެކަން ކުރަން ޖެހޭނީ މިނިވަން އަދި އިންސާފުވެރި އިންތިޚާބެއްގެ ތެރެއިން ކަމަށެވެ.
ޒިމްބާބުވޭއަކީ އެގައުމަށް 1980 ވަނަ އަހަރު މިނިވަންކަން ލިބުނު ހިސާބުން ފެށިގެން ކޮމަންވެލްތުގެ މެމްބަރު ގައުމެކެވެ. އެހެންނަމަވެސް އެގައުމުގައި 2002 ވަނަ އަހަރު ބޭއްވުނު ރިޔާސީ އިންތިޚާބުގައި ނަހަމަކަންކަން ހިނގުމާ ގުޅިގެން ކޮމަންވެލްތުން ސަސްޕެންޑު ކުރެވުނެވެ. އަދި ޒިމްބާބުވޭގެ ސަސްޕެންޑުގެ މުއްދަތު އިތުރުކުރުމާ ގުޅިގެން 2003 އަހަރު އެގައުމުން ކޮމަންވެލްތުގެ މެމްބަރު ކަމުން ވަކިވިއެވެ.
ޒިމްބާބްވޭގެ ރައީސްކަމުން ރޮބަޓް މުގާބޭ އަންގާރަ ދުވަހު އިސްތިއުފާ ދެއްވާފައިވާއިރު، މުގާބޭ އިސްތިއުފާ ދެއްވާފައި ވަނީ މުގާބޭ ވަކި ކުރުމުގެ މަސައްކަތް އެގައުމުގެ ގާނޫނު ހަދާ މަޖިލީހުން ފަށާފައިވަނިކޮށެވެ. ޒިމްބާބްވޭގެ އަސްކަރިއްޔާގެ އަތްދަށަށް އެގައުމުގެ ކޮންޓްރޯލް ގެންގޮސްފައިވާއިރު އަސްކަރިއްޔާ އިން ބުނެފައި ވަނީ ރައީސް މުގާބޭއާ ދެކޮޅު ހަރަކާތެއް ނުހިންގާ ކަމަށާއި އަސްކަރިއްޔާއިން މަސައްކަތްކުރަނީ މުގާބޭގެ އަރިހުގައި ތިބި މުޖުރިމުން ހައްޔަރުކުރުމަށް ކަމަށެވެ. ހަމައެހެންމެ، އަސްކަރިއްޔާ އިން ބުނެފައި ވަނީ މުގާބޭގެ އަރިހުގައި ގައުމު ހިންގަން ތިބި މީހުން ގައުމު ހިންގާ ގޮތާ ދޭތެރޭގައާއި އަދި ރައްޔިތުންނާއި ދޭތެރޭ ކަންކަން ކުރަމުން ގެންދާ ގޮތާ ދޭތެރޭގައި ހިތްހަމަ ނުޖެހޭ ކަމަށެވެ.