ކ. މާލެ
|
22 ނޮވެންބަރ 2017 | ބުދަ 05:24
އިސްތިއުފާ ދެއްވި ޒިމްބާބްވޭގެ ރައީސް ރޮބަޓް މުގާބޭ (ވ) އަދި އަނބިކަނބަލުން ގްރޭސް މުގާބޭ
އިސްތިއުފާ ދެއްވި ޒިމްބާބްވޭގެ ރައީސް ރޮބަޓް މުގާބޭ (ވ) އަދި އަނބިކަނބަލުން ގްރޭސް މުގާބޭ
ގޫގުލް
ރޮބަޓް މުގާބޭ
މުގާބޭ އަށް ސަލާމަތްވެވިދާނެ. އަނބިކަނބަލުން ގްރޭސްގެ މައްޗަށް ޝަރީއަތް ހިންގަން އަސްކަރިއްޔާ އިން ބޭނުންވޭ!
މުގާބޭ މިރޭގެ ވަގުތެއްގައި ގައުމު ދޫކުރައްވާ ވަޑައިގަންނަވާނެ: ރިޕޯޓް
އަނބިކަނބަލުން ގްރޭސްގެ މައްޗަށް ޝަރީއަތް ހިންގުމަށް އަސްކަރިއްޔާ އިން ބޭނުންވޭ: މެއިލް އޮންލައިން
ޒިމްބާބްވޭގެ ވެރިކަމާއި ހަވާލުވެވަޑައިގަތުމަށް ކުރީގެ ނައިބު ރައީސް އެނބުރި ގައުމަށް ވަޑައިގަންނަވާނެ

އަންގާރަ ދުވަހުގެރޭ މަގާމުން އިސްތިއުފާ ދެއްވި ޒިމްބާބްވޭގެ ރައީސް ރޮބަޓް މުގާބޭ އަށް ގައުމު ދޫކޮށް ދިއުމުގެ ފުރުޞަތު ލިބުނު ނަމަވެސް، އަނބިކަނބަލުން ގްރޭސް މުގާބޭގެ މައްޗަށް ޝަރީއަތް ހިންގުމަށް އަސްކަރިއްޔާ އިން ބޭނުންވާ ކަމަށް ރިޕޯޓްތައް ބުނެފި އެވެ.

މުގާބޭ އަށް ރައްކާތެރިކަން ފޯރުކޮށްދޭ ޓީމުގެ އޮފިޝަލަކާއި ހަވާލާދީ މެއިލް އޮންލައިން އިން ބުނީ، އަންގާރަ ދުވަހުގެރޭގެ ވަގުތެއްގައި މުގާބޭ ގައުމު ދޫކޮށް ވަޑައިގަންނަވާނެ ކަމަށް ބެލެވޭ ކަމަށާއި، ސަލާމަތާއި ރައްކާތެރިކަމާއެކު ގައުމުން ބޭރަށް ވަޑައިގެންނެވުމުގެ ފުރުޞަތު މުގާބޭ އަށް ދެއްވުމަށް އަސްކަރިއްޔާގެ ޖެނެރަލުން ވައުދުވެވަޑައިގެންފައިވާ ކަމަށެވެ.

އަދި އެހެންނަމަވެސް މުގާބޭގެ އަނބިކަނބަލުން ގްރޭސް މުގާބޭ ގައުމު ދޫކޮށް ވަޑައިގަތުމުގެ ފުރުޞަތު ދީފައިނުވާ ކަމަށާއި، ގްރޭސްގެ މައްޗަށް ޝަރީއަތް ހިންގުމަށް އަސްކަރިއްޔާގެ އިސް އޮފިޝަލުން ބޭނުންފުޅުވާ ކަމަށް މެއިލް އޮންލައިން އިން ރިޕޯޓް ކުރެއެވެ.

މުގާބޭގެ ސަލާމަތީ ޓީމުގެ އޮފިޝަލާއި ހަވާލާދީ މެއިލް އޮންލައިން އިން ބުނީ، އަނބިކަނބަލުން ގްރޭސް އާމެދު އަމަލު ކުރާނެ ގޮތަކާއިމެދު ހޫނުވެގެންދިޔަ ކަމަށާއި، އެހެންނަމަވެސް އެކަން ނިމިގެންދިޔައީ ކިހިނެއްކަން ސާފުވެފައިނުވާ ކަމަށެވެ. އަދި މުގާބޭ އަށް މައާފް ދެއްވިނަމަވެސް، ގްރޭސް އަށް މައާފް ދެއްވުމަށް އަސްކަރިއްޔާ އިން ބޭނުންނުވާ ކަމަށް އެރިޕޯޓްގައިވެއެވެ.

މުގާބޭ އަދި އަނބިކަނބަލުން ގްރޭސް ހުންނެވީ ވެރިރަށް ހަރާރޭގައި ހުންނަ އެމީހުންގެ ގެކޮޅުގައެވެ. އަސްކަރިއްޔާގެ ބެއްލެވުމުގެ ދަށުގައި މުގާބޭގެ ދެކަނބަލުންވެސް ތިއްބެވިއިރު، ދެކަނބަލުންވެސް ވަރަށް ބޮޑަށް މާޔޫސްވެވަޑައިގެންފައިވާ ކަމަށް ޚަބަރުލިބެއެވެ.

މުގާބޭގެ ސަލާމަތީ ޓީމުގެ އޮފިޝަލަކާއި ހަވާލާދީ މެއިލް އޮންލައިން އިން ބުނީ، މާޔޫސްކަމާއެކު މުގާބޭ އަށް ރަނގަޅަށް ހިންގަވާވަޑައިނުގެންނެވޭ ކަމަށާއި، ގްރޭސްވެސް ގެއިން ބޭރަށް ވަޑައިގަތުމަށް ދެކޮޅު ހައްދަވާ ކަމަށެވެ. އަދި މުގާބޭ އަދި ގްރޭސް އަށްވެސް އެމީހުންގެ ނިމުން އަތުވެއްޖެކަން އިނގުމުން ވަރަށް ބޮޑަށް މާޔޫސްވެވަޑައިގެންފައިވާ ކަމަށާއި، އެންމެ ބޮޑު ކަންބޮޑުވުމަކީ މުގާބޭގެ ދެކަނބަލުންނާއި އާއިލާއަށް ދެން ވާނެ ގޮތަކާއިމެދު އޮތް ކަންބޮޑުވުން ކަމަށް މެއިލް އޮންލައިންގައިވެއެވެ.

އަސްކަރިއްޔާގެ ޖެނެރަލުން މަސައްކަތް ކުރައްވަނީ، މުއްސަނދި ދިރިއުޅުއްވުމަކަށް ލޯބިކުރެއްވި ގްރޭސްގެ މައްޗަށް ކުރެވޭ މަނީ ލޯންޑްރިންގ އާ، ދައުލަތުގެ މުދާ އަމިއްލަ ކުރުމާއި، ސަރުކާރުގެ މަސައްކަތްތަކަށް ނުފޫޒުފޯރުވުމުގެ ތުހުމަތުތަކަށް ޝަރީއަތް ހިންގުމަށް ކަމަށް ރިޕޯޓްތައް ބުނެއެވެ.

މުގާބޭ އަށް ފަހު ވެރިކަމަށް ވަޑައިގެންނެވުމުގެ މަގު ކޮށްޓެވުމަށް، ނައިބު ރައީސް ނަންގަގްވާ މަގާމުން ވަކި ކުރެއްވުމަކީ ގްރޭސްގެ ނިންމެވުމެކެވެ. އެގައުމުގެ އަސްކަރިއްޔާ އިން ވެރިކަމުގެ ބާރުތައް ނަންގަވާފައިވަނީ ނަންގަގްވާ މަގާމުން ވަކި ކުރެއްވުމާއި ގުޅިގެންނެވެ.

37 އަހަރަށްފަހު ޒިމްބާބްވޭގެ ވެރިކަމުން މުގާބޭ އިސްތިއުފާ ދެއްވުމާއެކު، އެގައުމުގެ އާއްމުން ދަނީ މަގުތަކަށް ނުކުމެ އުފާފާޅު ކުރަމުންނެވެ. މުގާބޭގެ އިސްތިއުފާގެ ސިޓީ އިއްވި ޤާނޫނު ހަދާ މަޖިލީހުގެ ޖަލްސާގައި، އެމަޖިލީހުގެ މެމްބަރުންވެސް އުފާފާޅުކޮށްފައިވެއެވެ.

އުމުރުފުޅުން 93 އަހަރުގެ މުގާބޭގެ އިސްތިއުފާ އަށްފަހު، ޒިމްބާބްވޭގެ ވެރިކަމާއި ހަވާލުވެވަޑައިގަތުމަށް ކުރީގެ ނައިބު ރައީސް އެމަސަން ނަންގަގްވާ، ބުދަ ދުވަހުގެ ވަގުތެއްގައި އެނބުރި ގައުމަށް ވަޑައިގަންނަވާނެ ކަމަށް ރިޕޯޓްތައް ބުނެއެވެ. އަނބިކަނބަލުން ގްރޭސްގެ ޕްރެޝަރާއިހެދި، މަގާމުން ދުރުކުރި މުގާބޭގެ "ބޭވަފާތެރި" ނައިބު ރައީސް ހުންނެވީ ދެކުނު އެފްރިކާގައެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 5 ދުވަަސް ކުރިން
ރިވިއު ކުރީ: ހުސެން ފިޔާޒް
- ކޮމެންޓް