ރާއްޖޭގެ ރައްޔިތުންގެ ޙައްޤަށްޓަކައި ހަމަހަމަ ފުރުސަތު ލިބޭ ގޮތަށް އިންތިހާބެއް ބާއްވަންޖެހޭ ކަމަށް ޖުމްހޫރީ ޕާޓީގެ ނައިބު ލީޑަރު ޢަބްދުﷲ ކަމާލުއްދީން ވިދާޅުވެއްޖެއެވެ.
ރާއްޖެ ޓީވީގެ ފަލަ ސުރުޚީ ޕްރޮގްރާމްގައި ވާހަކަ ދައްކަވަމުން ކުރިން މިނިސްޓަރުކަން ކުރެއްވި ޢަބްދުﷲ ކަމާލުއްދީން ވިދާޅުވީ ރާއްޖޭގެ ހާލަތު އޮތްގޮތުން ރާއްޖެއަށް ބަދަލުތަކެއް ގެންނަން ޖެހިފައިވާ ކަމަށާއި ގުޅިފައިވާ ޕާޓީތަކުންވެސް ކުރަމުން ދަނީ އެމަސައްކަތް ކަމަށެވެ.
ކަމާލުއްދީން ވިދާޅުވީ ގުޅިފައިވާ ޕާޓީތަކުން ގެންނަން ބޭނުންވާ ބަދަލަކީ މިހާރު މިއޮތް އިންތިޚާބީ ސަރުކާރު ބަދަލުކޮށް ސަރުކާރަށް އައުން ނޫން ކަމަށާއި އޭގެ އިތުރުން ކަންކުރަމުންދާ އުސޫލުވެސް ބަދަލުކުރަން ޖެހިފައިވާ ކަމަށެވެ. ރައްޔިތުންނަށް ބޭނުންވާ އުފާވެރިކަން ގެނެވޭނީ އެއުސޫލުތައް ބަދަލު ކޮށްގެން ކަމަށް ކަމާލުއްދީން ވިދާޅުވިއެވެ.
ބޭނުންވާ ބަދަލުތައް ކައިރި ކުރިމަގެއްގައި ގެނެވިދާނެތޯ ދެންނެވުން މިހާރު ޢަމަލް ކުރަމުންދާ ޤާނޫނުއަސާސީ އެކުލަވާލި ރައްޔިތުންގެ ޚާއްޞަ މަޖިލީހުގައިވެސް ހުންނެވި ކަމާލުއްދީން ވިދާޅުވީ އެބަދަލުތައް ގެނެވޭނީ އިދިކޮޅު ފަރާތްތަކަށް ވެރިކަމަށް އާދެވިގެން ކަމަށެވެ.
ކަމާލުއްދީން ވިދާޅުވީ އިންތިޚާބު ކާމިޔާބުކުރުމުގައި ވަރަށް ގިނަ ދަތިތައް އެބަހުރި ކަމަށާއި އެހެންކަމުން އިންތިޚާބަކަށް ދެވޭނޭ ގޮތެއް ހޯދަން ޖެހޭ ކަމަށެވެ.
"އަޅުގަނޑުމެންނަކަށް ބަދަލެއް ނުގެނެވޭނެ. އަނގަ ދެއްތޯ ތެޅޭނީ. އެހެންވީމަތާ އިންތިޚާބު ކާމިޔާބު ކުރަން މަސައްކަތް ކުރަނީ ކޮންމެ ބަޔަކުވެސް. ދެން އިންތިޚާބު ކާމިޔާބު ކުރަން ދަތިތަކެއް އެބަހުރި. އެހުރަސްތައް ކަޑައްތު ކުރެވޭތޯ މަސައްކަތް ކުރަމުން މިގެންދަނީ. އަޅުގަނޑު އުއްމީދު ކުރަން ސަރުކާރުންވެސް އެކަމަށް ވިސްނަވާފައި ރައްޔިތުންގެ ޙައްޤުގައި ރައްޔިތުންނަށްޓަކައި އިންތިޚާބުގެ ލެވެލް ޕްލޭން ފީލްޑެއް އަޅުގަނޑުމެންނަށް ދެއްވާނެ ކަމަށް. އަޅުގަނޑުގެ އިލްތިމާސަކީވެސް އެއީ." ކަމާލުއްދީން ވިދާޅުވިއެވެ.
ގުޅިފައިވާ ޕާޓީތަކުގެ މެދުގައި އޮތް ގުޅުން ހީނަރުވެ މައްސަލަ ޖެހިފައިވާ ކަމަށް ސަރުކާރުން ބުނަމުންދާ ބުނުމަށް ރައްދު ދެއްވާ ކަމާލުއްދީން ވިދާޅުވީ ގުޅިފައިވާ ޕާޓީތަކުގެ ގުޅުން އޮތީ ސަރުކާރުން ހީކުރާވަރަށްވުރެވެސް މާ ބަދަހިކޮށް ކަމަށެވެ.