އަންނަ އަހަރަށް ސަރުކާރުން ހުށަހަޅާފައިވާ ދައުލަތުގެ ބަޖެޓުން މަކުނުދޫ ދާއިރާގެ ބައެއް ރަށްރަށުގެ ރައްޔިތުންގެ ބޮލަކަށް 50ރ. ވެސް ނުޖެހޭ ކަމަށް އެދާއިރާގެ ރައްޔިތުންގެ މަޖިލީހުގެ މެންބަރު އަނާރާ ނައީމް ވިދާޅުވެއްޖެއެވެ.
ރައްޔިތުންގެ މަޖިލީހުގައި އަދާލަތު ޕާޓީ ތަމްސީލް ކުރައްވާ ހަމައެކަނި މެންބަރު އަނާރާ، އަންގާރަ ދުވަހު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ 2018 ވަނަ އަހަރަށް ލަފާކުރި ދައުލަތުގެ ބަޖެޓުގައި މަކުނުދޫ، ކުމުންދޫ އަދި ނޭކުރެންދޫ ރައްޔިތުންނަށް ޙައްޤުވާ މިންވަރު ހިމެނިފައިވާ ކަމަށް ޤަބޫލް ނުކުރައްވާ ކަމަށެވެ. އަދި 27 ބިލިއަނަށް ބަޖެޓް އަރާއިރު ދާއިރާގެ ރައްޔިތުންގެ ތެރެއިން ބޮލަކަށް ޚަރަދު ކުރާ މިންވަރު 50ރ. ވެސް ނުޖެހޭ ރަށްރަށް އެބަހުރި ކަމަށް އަނާރާގެ ޓްވީޓުގައި ވަނީ ވިދާޅުވެފައެވެ.
2018 vana aharah lafaakuri dhaulathuge budgetga Makunudhoo, Kumundhoo, Neykurendhooge rayyithunnah haggu minvaru himenifavaakamakah qabooleh nukuran. Budget 27 billonah araairu, dhaairage rayyithun therein bolakah kharadhukura minvaru 50/- rf nujehey rahrah ebahuri.
— Anara Naeem (@AnaraNaeem) November 21, 2017
އަނާރާ މިގޮތަށް ވިދާޅުވެފައި މިވަނީ ބަޖެޓަށް ވޯޓު ނުދޭ މެންބަރުންގެ ދާއިރާތަކަށް މަޝްރޫޢު ހިންގަން ދަތިވާނެ ކަމަށް ފިނޭންސް މިނިސްޓަރު އަހުމަދު މުނައްވަރު ވިދާޅުވެފައި ވަނިކޮށެވެ.
ބަޖެޓް ދިރާސާކުރާ ކޮމެޓީއަށް ވަޑައިގެން މެމްބަރުން ކުރެއްވި ސުވާލުތަކަށް ޖަވާބު ދެއްވަމުން ފިނޭންސް މިނިސްޓަރު ވިދާޅުވީ ބަޖެޓަށް ވޯޓް ދެއްވުމަކީ ކޮންމެހެން ކުރައްވަންޖެހޭ ކަމެއް ކަމަށާއި އެހެންކަމުން ބަޖެޓަށް ވޯޓް ނުދެއްވާ މެމްބަރުން ނިސްބަތްވާ ދާއިރާތަކަށް ޕްރޮޖެކްޓް ނުހިންގޭނެ ކަމަށެވެ. އަދި އިދިކޮޅު ފަރާތްތަކުގެ މެމްބަރުންގެ ތެރެއިން ބަޖެޓަށް ވޯޓް ދެއްވާ މެމްބަރުން ނިސްބަތްވާ ދާއިރާތަކަށް ޕްރޮޖެކްޓްތައް ހިންގަވާނެ ކަމަށް ވެސް މިނިސްޓަރު ވިދާޅުވި އެވެ.
އަނާރާއަކީ ގުޅިފައިވާ ޕާޓީތަކުގެ މެންބަރެކެވެ. އަދި ސަރުކާރުން ކަން ކުރައްވަމުން ގެންދަވާ ގޮތުން ފާޑު ވިދާޅުވަމުން ވެސް ގެންދަވާ މެންބަރެކެވެ.