ކުރީގެ ނައިބު ރައީސް އަހުމަދު އަދީބުގެ ހަށިކޮޅަށް އިންޖެކްޝަނެއް ޖެހުމަށް ދެކޮޅު ހެދި ފަހުން, އެތެރެހަށީގައި އުފެދިފައިވާ ސިސްޓަށް ފަރުވާ ދިނުން ހުއްޓާލާފައިވާ ކަމަށް ބުނެ އާއިލާއިން ކަންބޮޑުވުން ފާޅުކޮށްފި އެވެ.
އަދީބުގެ އަނބިކަނބަލުން މަރިޔަމް ނަޝްވާ ވިދާޅުވީ އަދީބުގެ ސީޓީ ސްކޭނެއް ހެދުމުގެ ކުރިން އިންޖެކްޝަނެއް ޖެހުމާއި ދެކޮޅު ހަދާފައިވާނެ ކަމަށް ބުނެ ބަޔާނެއް ނެރުނު ފަހުން ސިސްޓާއި ގުޅިގެން ދޭންޖެހޭ އެއްވެސް ފަރުވާއެއް ނުދޭ ކަމަށެވެ.
ނަޝްވާ ވިދާޅުވީ އެ ބަޔާން ނެރުނު ފަހުން އަދީބު ޑޮކްޓަރަށް ދައްކަން މާލެ ގެންނަނީ މުޅިން ވެސް އާ ބަލިތަކުގައި ކަމަށެވެ. އަންގާރަ ދުވަހުވެސް އަދީބު މާލެ ގެނެސް ޑޮކްޓަރަށް ދައްކާފައިވާއިރު، ނަޝްވާ ވިދާޅުވާ ގޮތުގައި މާލެ ގެނެސް ޑޮކްޓަރަށް ދައްކާފައިވަނީ ލޮލުގެ އިންފެކްޝަނަކާ ގުޅިގެންނެވެ.
އޮކްޓޯބަރު 15 ވަނަ ދުވަހު އަދީބުގެ އާއިލާއިން ނެރުނު ބަޔާނުގައިވާ ގޮތުގައި އެ އިންޖެކްޝަން ޖެހުމަށް މަސައްކަތް ކުރީ ސީޓީ ސްކޭނެއް ހެދުމުގެ ނަމުގައެވެ. އެހެން ނަމަވެސް އެ ސީޓީ ސްކޭނަކީ އަދީބުއަށް ކުރިމަތިވެފައިވާ ސިއްޙީ މައްސަލަތަކާ ގުޅޭ ސްކޭނެއްވެސް ނޫން ކަމަށް، ސްކޭން ޑޮކްޓަރު އެއްބަސްވެފައިވާ ކަމަށާއި ޑޮކްޓަރުން އަދީބަށް އަންގާފައި ވަނީ ކެންސަރަށް ސްކްރީން ކުރުމަށް ކަމަށް އާއިލާއިން ބުނެ އެވެ.
އަދީބު، ކެންސަރަށް ސްކްރީން ކުރުމަށް އައިޖީއެމްއެޗްގެ ޔޫރޮލޮޖިސްޓް ޑރ. އަހުމަދު އަޝްރަފް އެންގެވީ 2015 ވަނަ އަހަރުގެ ނޮވެމްބަރު މަހުގައެވެ. އަދީބުގެ ބަލި ހާލަތާ ގުޅޭ ގޮތުން އެޗްއާރްސީއެމަށް ހުށަހެޅި މައްސަލައިގައި ބަޔާން ދެއްވަމުން ވެސް ޑރ. އަހުމަދު އަޝްރަފް ވަނީ އެގޮތަށް އަންގާފައިވާނެ ކަމަށް ވިދާޅުވެފަ އެވެ.
އަދީބުގެ އާއިލާއިން ބުނެފައިވާ ގޮތުގައި ކެންސަރ ސްކްރީން ކުރަން އެންގި ތާރީޚުގެ ގާތްގަނޑަކަށް ދެއަހަރު ފަހުން މޯލްޑިވްސް ކަރެކްޝަނަލް ސަރވިސްއިން ހެދުމަށް މަސައްކަތްކުރި ސީޓީ ސްކޭނަކީ ކެންސަރ ސްކްރީން ކުރުމާ ގުޅުން ހުރި ސްކޭންއެއް ނޫން ކަމަށާއި އަދި ކެންސަރުގެ ކުޑަ އަލާމާތެއްވެސް ފާހަގަކުރެވޭނެ ސްކޭނެއް ވެސް ނޫން ކަމަށެވެ.
އަދީބުގެ ސިއްޙީ ހާލުކޮޅު ދެރަވެ ފުރާނައަށް ގެއްލުން ވެދާނެ ކަމަށް ޑޮކްޓަރުންނާއި ހަވާލާދީ އާއިލާ އާއި ވަކީލުން ދަނީ ބުނަމުންނެވެ. އަދީބުގެ އެތެރެހަށީގައި ސިސްޓް އުފެދިފައިވުމުގެ އިތުރުން ލޮލަށް ގްލޮކޮމާ ޖެހިފައިވުމާއި ކިޑްނީގައި ހިލަ އުފެދިފައިވާ ކަމަށް އާއިލާ އާއި ވަކީލުން ދަނީ ބުނަމުންނެވެ.
އަދީބުގެ އެތެރެހަށީގައި ސިސްޓެއް އުފެދިފައިވާއިރު، އެމަނިކުފާނުގެ ބޭބޭފުޅު މުހައްމަދު ނަދީމް ނިޔާވީ ހަށިގަނޑުގައި ނެގި ސިސްޓެއް ކެންސަރަށް ބަދަލުވުމާ ގުޅިގެން ފަރުވާ ހޯއްދަވަމުން ދަނިކޮށެވެ. އަދީބުގެ ހަށިގަނޑުގައި ވެސް ސިސްޓެއް ނަގާފައިވާއިރު އާއިލާއާއި ވަކީލުން ދަނީ ސިސްޓް ކެންސަރަށް ބަދަލުވެދާނެތީ ވީހާ ވެސް އަވަހަކަށް އަދީބަށް ފަރުވާ ދިނުމަށް އާދޭސް ކުރަމުންނެވެ.
އާއިލާގައި ކެންސަރުގެ ބެކްގްރައުންޑެއް އޮތުމަކީ ކެންސަރު ޖެހުމުގެ ފުރުސަތު ބޮޑުވާ ކަމެކެވެ.
ބޭސްފަރުވާއަށް އަދީބު ރާއްޖެއިން ބޭރަށް ފޮނުވައި ދިނުމަށް އާއިލާއިން އެދުނު ނަމަވެސް، ސަރުކާރުން ގެންދަނީ އެކަމާ ދެކޮޅު ހަދަމުންނެވެ. ސަރުކާރުން ބުނާ ގޮތުގައި، އަދީބު ބޭސްފަރުވާއަށް ފޮނުވައިފިނަމަ އަދީބު ފިއްލަވާފާނެ އެވެ. އެހެންވެއްޖެނަމަ، ދައުލަތުން ގެއްލުނު ފައިސާ އަނބުރާ ނުލިބޭނެ ކަމަށް ސަރުކާރުން ދަނީ ބުނަމުންނެވެ.
ބޭސްފަރުވާ ކުރެއްވުމަށް އަދީބު ރާއްޖެއިން ބޭރަށް ފޮނުވައި ދިނުމުގެ އަމުރަކަށް އެދި ކޯޓަށް މައްސަލައެއް ވެސް ހުށަހެޅި އެވެ.