"ސެލްފީ" އެންމެ ފުރަތަމަ އީޖާދު ކުރީ ޕެރިސް ހިލްޓަން އާއި ބްރިޓްނީ ސްޕިއާ ކަމަށް ބުނެ ބްރިޓްނީ ޓްވީޓު ކުރުމުން އޭނާ އަށް ޓްވިޓާ ބޭނުން ކުރާ އެތައް ފަރާތެއްގެ ފާޑުކިޔުން އަމާޒުވާން ފަށައިފިއެވެ.
ހޯމަދުވަހު ޕެރިސް ހިލްޓަން ކޮށްފައިވާ ޓްވީޓެއްގައި ބުނެފައި ވަނީ "11 އަހަރަށް ފަހު މިއަދަކީ އޭނާ އާއި ބްރިޓްނީ ސެލްފީ އީޖާދު ކުރި ދުވަސް" ކަމަށެވެ. އެޓްވީޓާއެކު ޕެރިސް ހިލްޓަން ވަނީ އޭނާއާއި ބްރިޓްނީ ނަގާފައިވާ "ސެލްފީ" އެޓޭޗް ކޮށްފައެވެ. އެ "ސެލްފީ" އަކީ ޕެރިސް ހިލްޓަން އާއި ބްރިޓްނީ 2006 ވަނަ އަހަރުގެ ނޮވެމްބަރު މަހުގެ 19 ވަނަ ދުވަހު ނަގާފައިވާ "ސެލްފީ"އެކެވެ.
11 years ago today, Me & Britney invented the selfie! pic.twitter.com/1byOU5Gp8J
— Paris Hilton (@ParisHilton) November 19, 2017
ޕެރިސް ހިލްޓަން ގެ މި ޓްވީޓާއިއެކު އޭނާ އަށް އެތައް ބައެއްގެ ފާޑު ކިޔުމާއި މަލާމާތް ވަނީ ރައްދުވެފައެވެ.
"ސެލްފީ" އީޖާދު ކުރީ ޕެރިސްއާއި ބްރިޓްނީ ނޫންކަމަށް ބުނެ ކުރީގެ ބައެއް ފަންނާނުން ލޯގަނޑު ކުރިމަތީގައި ކެމެރާ އަރާގޮތަށް ނަގާފައިވާ އެތަކެއް ފޮޓޯތަކެއް އެ ޓްވީޓުގެ ޖަވާބަކަށް ވަނީ ދީފައެވެ.
އެގޮތުން މައިކަލް ޖެކްސަން ލޯގަނޑު ކުރިމަތީގައި ކެމެރާ އާއި އެކު އޭނާ އަމިއްލައަށް ނަގާފައިވާ ފޮޓޯ އާއި އެމެރިކާގެ މަޝްހޫރު ކޮމޭޑިއަން ޗެވީ ޗޭސް 1985 ވަނަ އަހަރު ނަގާފައިވާ "ސެލްފީ" ހިމެނެއެވެ. މީގެ އިތުރުން ސައިންސް ވެރިއެއްކަމަށްވާ ބިލް ނައި 1999 ވަނަ އަހަރު ސިނަމާއެއްގެ ތެރޭގައި އޭނާގެ އަންހެނުންނާއި އެކީ ނަގާފައިވާ "ސެލްފީ" ހިމެނެއެވެ. އަދިވެސް ކުރީގެ ބައެއް ފިލްމު ތަކާއި ސީރީޒް ތަކުގައި ނަގާފައިވާ "ސެލްފީ"ތައް ޕެރިސް ހިލްޓަންގެ ޓްވީޓުގެ ރައްދެއްގެ ގޮތުގައި ވަނީ ދީފައެވެ.