ރައްޔިތުންގެ މަޖިލީހުގެ ފޮނަދޫ ދާއިރާގެ މެންބަރު އަބްދުއްރަހީމް އަބްދުﷲ ގެ މައްޗަށް ކޮރަޕްޝަނާއި، މަގާމުގެ ނުފޫޒު ބޭނުންކުރުމާއި، ޚިޔާނާތްތެރިވުމުގެ ތުހުމަތުތަކެއް ކޮށްފައިވާ ސިޓީއެއް ސޯޝަލް މީޑިއާގައި ލީކުކޮށްލައިފި އެވެ.
އެ ސިޓީގައިވާ ގޮތުގައި، އެއީ ހައްދުންމަތީ އަތޮޅު އޮފީހުން 2006 ވަނަ އަހަރު، މިނިސްޓަރ އޮފް އެޓޮލްސް ޑިވެލޮޕްމެންޓަށް ފޮނުވި ސިޓީއެކެވެ. އެއިރު އެޓޮލްސް މިނިސްޓަރަކަށް ހުންނެވީ، ރައީސް މުހައްމަދު ވަހީދުގެ ވެރިކަމުގައި ނައިބު ރައީސްގެ މަގާމު އަދާކުރެއްވި މުހައްމަދު ވަހިދުއްދީނެވެ.
އެ ސިޓީއަކީ، ހައްދުންމަތީ އަތޮޅު އޮފީހުގެ ސީނިއަރ ސެކްރެޓަރީގެ މަގާމުގައި އަބްދުއްރަހީމް ހުންނެވިއިރު، އޭނާއާ ގުޅޭގޮތުން ހުށަހެޅުނު މައްސަލަތަކަކާ ގުޅިގެން މަގާމުން ވަކިކުރުމަށް އެދި ހައްދުންމަތީ އަތޮޅު އޮފީހުން ފޮނުވި ސިޓީއެކެވެ.
ސިޓީގައިވާ ގޮތުގައި، ހައްދުންމަތީ އަތޮޅު އޮފީހުގެ ސީނިއަރ ސެކްރެޓަރީގެ މަގާމުގައި އަބްދުއްރަހީމް ހުންނަވަނިކޮށް، ހުށަހެޅުނު މައްސަލަތަކެއް ބަލައި ނިމެންދެން، 2005 ވަނަ އަހަރުގެ ސެޕްޓެމްބަރު 29 ވަނަ ދުވަހުން ފެށިގެން އޮފީހަށް ނުނިކުންނަވާގޮތަށް އޭނާ ސަސްޕެންޑް ކުރެވުނެވެ.
އަބްދުއްރަހީމުއާ ގުޅޭގޮތުން ހުށަހެޅިފައިހުރި މައްސަލަތައް ބަލާފައިނުވާ ކަމަށް ބުނެ އެ ސިޓީގައި ކަންބޮޑުވުން ފާޅުކޮށްފައިވެއެވެ. އަދި 2005 ވަނަ އަހަރުގެ ސެޕްޓެމްބަރު 22 ވަނަ ދުވަހު ހައްދުންމަތީ އަތޮޅު އޮފީހުން މިނިސްޓަރަށް ފޮނުވި ސިޓީއާއެކު ފޮނުވާފައިހުރި ބަޔާންތަކަށް އެކަނި ބެލިކަމުގައިވިޔަސް އަބްދުއްރަހީމްގެ މައްޗަށް ހުށަހެޅިފައިވާ ގިނަ މައްސަލަތަކަކީ "ސާބިތުވާން ހުރި މައްސަލަތަކެއް" ކަމަށް ސިޓީގައިވެއެވެ.
"ވޭތުވެދިޔަ ދިގު މުއްދަތުގައި އޭނާގެ މައްޗަށް ހުށަހެޅިފައި ހުރި މައްސަލަތައް ބައްލަވާފައި ނުވާ ކަމަށް ފެނެއެވެ." އެ ސިޓީގައިވެއެވެ.
އެސްޓީއޯގެ ވަޒީފާގައި އަބްދުއްރަހީމް ހުންނެވިއިރު "ވަރަށްބޮޑު އަދަދެއްގެ ފައިސާއަށް ޚިޔާނާތްތެރިވެގެން" 12 އަހަރަށް އޭނާ އަރުވާލިކަމަށް ވެސް ސިޓީގައިވެއެވެ.
ޕީޕީއެމްގެ ނައިބު ލީޑަރުގެ މަގާމުވެސް އަދާކުރައްވާ އަބްދުއްރަހީމް ދާދިފަހުން ވަނީ އޭނާގެ މައްޗަށް ކުރި ހުކުމާ ގުޅޭ ގޮތުން ވާހަކަ ދައްކަވާފައެވެ. މިއަހަރުގެ ސެޕްޓެމްބަރު 27 ވަނަ ދުވަހު އޭނާ ވިދާޅުވީ ރައީސް މައުމޫނު އަބްދުލް ގައްޔޫމްގެ ވެރިކަމުގައި އޭނާއަށް ނުހައްގުން އަނިޔާ ލިބިފައިވާ ކަމަށެވެ.
އެގޮތުން، އޭނާ ތިން މަހާ 18 ދުވަހަށް ޖަލަށްލާފައިވާ ކަމަށް ވިދާޅުވި އެވެ. އަދި އެއް އަހަރާއި ނުވަ މަސްދުވަހަށް ގޭގައި ބަންދު ކޮށްފައި ބެހެއްޓި ކަމަށާއި 12 އަހަރާއި ފަސް މަސްދުވަހަށް އަރުވާލި ކަމަށް އޭނާ ވިދާޅުވި އެވެ. އަދި އޭނާ ޖަލަށްލީ އޭނާގެ "އަންހެނުންގެ ގަޔަށް ޅިޔަނަކަށް ނޭރުނީމަ" ކަމަށް ވެސް އަބްދުއްރަހީމް ވިދާޅުވެފައިވެއެވެ.
"ޅިޔަނަކު ހިތާވި އަންހެނަކު، އެއީ އަޅުގަނޑުގެ އަންހެނުން އޭނައާ ހިތާވާން ގަޔަށް ނޭރިގެން އަޅުގަނޑު ގެންގޮސް ޖަލަށްލީ. މި ކަހަލަ ޕޯޑިއަމެއް ނުލިބިގެން މި ކަހަލަ ވާހަކަ ނުދައްކާން މިހުރީ،" އޭނާ ވިދާޅުވެފައިވެއެވެ.
ސޯޝަލް މީޑިއާގައި ދައުރުވަމުންދާ ސިޓީގައިވާ ގޮތުގައި، ލ. ދަނބިދޫ ކަތީބުކަމުގެ މަގާމަށް އަބްދުއްރަހީމް ހަމަޖައްސަން 2006 ވަނަ އަހަރުގެ މާޗް 21 ވަނަ ދުވަހު ސިޓީއެއް މެދުވެރިކޮށް ދެންނެވުމުން އެޓޮލް މިނިސްޓްރީއިން ވަނީ އެކަމާ ދެކޮޅު ހަދާފަ އެވެ. އެގޮތުން، އެންޓި ކޮރަޕްޝަން ބޯޑުގައި އަބްދުއްރަހީމުގެ މައްޗަށް ކޮރަޕްޝަނާއި މަގާމުގެ ނުފޫޒު ބޭނުންކުރުމާއި އަދި ތަފާތު މައްސަލަތައް ހުށަހެޅިފައިވާތީ އޭނާ އެ މަގާމަށް ހަމަޖައްސައިދެވެން ނެތް ކަމަށް ރައީސް އޮފީހުން އަންގާފައިވާ ކަމަށް ސިޓީގައިވެއެވެ.
ހައްދުންމަތީ އަތޮޅު އޮފީހުގައި އަބްދުއްރަހީމް މަސައްކަތް ކުރެއްވިއިރު، އެފަދަ މައްސަލަތަކާ ގުޅިގެން ތިން ފަހަރެއްގެ މަތިން އޭނާ ގެއަށް ފޮނުވާލެވުނު ކަމަށްވެސް ސިޓީގައިވެއެވެ.
"އަޅުގަނޑު ގަބޫލުކުރާ ގޮތުގައި ސަރުކާރުގެ މުވައްޒަފަކު ވިދިވިދިގެން ތިންފަހަރު ގެއަށް ފޮނުއްވާލައްވާފައި އަލުން އެއޮފީހަކަށް އެ މުވައްޒަފަކު ނެރުމަކީ އޭނާ ގެއަށް ފޮނުއްވާލައްވަންޖެހުނު ސަބަބުތައް ނުވަތަ އޭނާ އެކުރި ކުށްތަކަށް ސަރުކާރުން ތަރުހީބު ދެއްވާކަން ހާމަކޮށްދޭކަމެކެވެ." ސިޓީގައިވެއެވެ.
އެ ސިޓީގައި އެދިފައިވަނީ، އަބްދުއްރަހީމް އަލުން އެ އޮފީހަށް ނެރުމަކީ އޭނާ ކުރެއްވި "ކުށްތަކަށް އިނާމު ދެއްވުން ފަދަ" ކަމެއްކަމަށާއި އަދި އެއީ މަސްލަހަތާއި ވެސް އަރާރުންވާނެ ކަމަށް ކަމެއް ބުނެ އަބްދުއްރަހީމް މަގާމުން ވަކިކޮށްދިނުމަށެވެ.
ދައުރުވަމުންދާ ސިޓީގައި ހުރި ވާހަކަތަކާ ގުޅިގެން އަބްދުއްރަހީމްގެ ބަހެއް ހޯދުމަށް ރާއްޖެއެމްވީއިން ކުރި މަސައްކަތް މިހާތަނަށް ކާމިޔާބުވާގޮތް ވަނީ ނުވެފަ އެވެ. އޭނާއަށް ގުޅުމުން ފޯނަށް ޖަވާބެއް ނުދެއްވަ އެވެ. މީގެއިތުރުން، އެ ސިޓީއާއެކު ރާއްޖެއެމްވީއިން ފޮނުވި މެސެޖަށް ވެސް އޭނާ ޖަވާބެއް ނުދެއްވަ އެވެ.