ކ. މާލެ
|
21 ނޮވެންބަރ 2017 | އަންގާރަ 12:01
ގަތަރުގެ ޓީމެއް ކަމަށްވާ އަލް ސައްދުގެ ކުޅުންތެރިޔެއްގެ ގޮތުގައި ޒަވީ
ގަތަރުގެ ޓީމެއް ކަމަށްވާ އަލް ސައްދުގެ ކުޅުންތެރިޔެއްގެ ގޮތުގައި ޒަވީ
ގެޓީ އިމޭޖަސް
ފީފާ ވޯލްޑް ކަޕް 2022
ގަތަރުގެ ކޯޗަކަށް ޒަވީ ގެންނަން ބޭނުންވޭ!
ރިޓަޔާ ކުރުމަށްފަހު ފެނިގެންދާނީ ކޯޗެއްގެ ގޮތުގައި ކަމަށް ޒަވީ ބުނެފައިވޭ
2022 ވަނަ އަހަރުގެ ފީފާ ވޯލްޑް ކަޕްގެ ބިޑު ކާމިޔާބުކުރުމަށް އެއްވެސް ކޮރަޕްޝަނުގެ އަމަލެއް ގަތަރުން ހިންގާފައެއް ނުވޭ

ގަތަރުގެ ގައުމީ ފުޓްބޯޅަ ޓީމުގެ ކޯޗަކަށް ބާސެލޯނާގެ ކުރީގެ މިޑްފީލްޑަރު ޒަވީ ހަނާންޑޭޒް ގެންނަން ބޭނުންވާ ކަމަށް 2022 ވަނަ އަހަރު އެ ގައުމުގައި ބޭއްވުމަށް ހަމަޖެހިފައިވާ ވޯލްޑް ކަޕް ކޮމިޓީގެ ސެކްރެޓަރީ ޖެނެރަލް ވިދާޅުވެއްޖެއެވެ.

ގަތަރުގެ އަލް ސައްދާއެކު މިހާރު ކުޅެމުން އަންނަ ޒަވީ ވަނީ މި ސީޒަން ނިންމާލުމަށްފަހު ރިޓަޔާ ކުރާނެކަން އިއުލާނު ކޮށްފައެވެ. ރިޓަޔާ ކުރުމަށްފަހު ފެނިގެންދާނީ ކޯޗެއްގެ ގޮތުގައި ކަމަށް އޭނާ ބުނެފައިވާއިރު ގަތަރުގައި 2022 ވަނަ އަހަރު ބާއްވާ ވޯލްޑް ކަޕްގެ ކަންކަން ކުރިޔަށް ގެންދާ ކޮމިޓީގެ ރައީސް ހަސަން އަލް ތައުހީދީ ވިދާޅުވީ އެ ގައުމުގެ ފުޓްބޯޅަ ޓީމުގެ ކޯޗަކަށް ޒަވީ ގެންނަން ބޭނުންވާ ކަމަށެވެ.

ނޫސްވެރިންނާއި ވާހަކަ ދައްކަވަމުން ތައުހީދީ ވިދާޅުވީ ކުރީގެ މަޝްހޫރު ކުޅުންތެރިން ކަމަށްވާ ޕެޕް ގާޑިއޯލާއާއި ކާލޯ އަންޗެލޯޓީއާއި ޒައިނުއްދީން ޒިދާންގެ އިތުރުން އެންޓޯނިއޯ ކޮންޓޭ ވެސް ކުޅުން ހުއްޓާލުމަށް ފަހު ކާމިޔާބު ކޯޗުންނަށް ވެފައިވާ ކަމަށެވެ. ހަމައެގޮތަށް ޒަވީއަކީ ވެސް ކާމިޔާބު ކޯޗަކަށް ވުމުގެ ހުރިހާ ސިފައެއް ހުރި ކުޅުންތެރިޔެއް ކަމަށް ތައުހީދީ ވިދާޅުވިއެވެ. އެގޮތުން އޭނާގެ އުއްމީދަކީ ޒަވީ ގަތަރުގެ ކޯޗުގެ މަގާމުން ފެނިގެން ދިޔުން ކަމަށާއި އެހެނަސް އޭނާއަށް އެކަމަށް އެއްވެސް ބާރެއް ނުފޯރުވޭނެ ކަމަށް ތައުހީދީ ވިދާޅުވިއެވެ.

ތައުހީދީ ވިދާޅުވީ 2022 ވަނަ އަހަރުގެ ފީފާ ވޯލްޑް ކަޕްގެ ބިޑު ކާމިޔާބުކުރުމަށް އެއްވެސް ކޮރަޕްޝަނުގެ އަމަލެއް ހިންގާފައިވާ ނުވާނެ ކަމަށާއި މިހާރު ކުރިޔަށްދާ ފީފާގެ ކޮރަޕްޝަންގެ ތަހުގީގަށް ގަތަރުން ފުރިހަމަޔަށް އެއްބާރުލުން ދޭނެ ކަމަށެވެ. ހަމައެހެންމެ ބޭއިންސާފުން އެ ގައުމާއި ދެކޮޅަށް ފިޔަވަޅު އަޅައިފިނަމަ އެ މައްސަލަ ކޯޓަށް ވައްދާނެ ކަމުގެ ފުރިހަމަ ޔަގީންކަން ވެސް ތައުހީދީ ވަނީ ދެއްވާފައެވެ.

ހަމައެހެންމެ ތައުހީދީ ވިދާޅުވީ ފީފާގެ ކޮރަޕްޝަން ފަޅާއަރުވާލި 'ގާސިއާ ރިޕޯޓު' އަކީ ގަތަރާއި އެއްވެސް ގުޅުން ހުރި ރިޕޯޓެއް ނޫން ކަމަށާއި އެއީ މުޅި ފީފާގެ އިދާރާއިން ހިންގާފައިވާ ކޮރަޕްޝަނާއި ގުޅުންހުރި ރިޕޯޓެއް ކަމަށެވެ. އެގޮތުން ގަތަރުން 2022 ވަނަ އަހަރުގެ ވޯލްޑް ކަޕް ބިޑް ކާމިޔާބުކުރީ ވަރަށް އިންސާފުވެރި އަދި ހާމަކަން ބޮޑު ގޮތެއްގައި ކަމަށް އޭނާ ވިދާޅުވިއެވެ.

މި ނޫސްވެރިންގެ ބައްދަލުވުމުގައި ތައުހީދީ ވަނީ 2026 ވަނަ އަހަރުގެ ވޯލްޑް ކަޕް ބޭއްވުމަށް މޮރޮކޯއިން ކުރި ބިޑަށް ގަތަރުން ތާއިދުކުރަން ނިންމާފައިވާ ކަމަށް ހާމަކޮށްފައެވެ. އޭނާ ވިދާޅުވީ އެ ގައުމުން މޮރޮކޯގެ ބިޑަށް ތާއިދުކުރަން ނިންމީ އަރަބި ގައުމުތަކަކީ ފުޓްބޯޅައިގެ ގަދަ ބާރުތަކަށް ހެދުމަށް އިސްކަން ދިނުމުގެ ގޮތުން ކަމަށާއި އަދި އެ ހިސާބުގެ ގައުމުތަކަށް ހަމަޖެހުން އަންނާނެ ކަމުގެ ޔަގީން ކަމާއެކު ކަމަށެވެ. މޮރޮކޯއިން 2026 ވަނަ އަހަރުގެ ވޯލްޑް ކަޕް ބިޑް ކާމިޔާބު ކުރުން ވެގެން ދާނީ މުޅި އަރަބި ދުނިޔެއަށް ލިބޭ ބޮޑު ކާމިޔާބަކަށް ކަމަށް އޭނާ ވިދާޅުވިއެވެ.

މި ނޫސްވެރިންގެ ބައްދަލުވުމުގައި ތައުހީދީ ވަނީ ގަތަރުގެ ފުޓްބޯޅައިގެ ކުރިމަގާއި ގުޅޭގޮތުން ވަރަށް ގިނަ ވާހަކަތައް ހިއްސާ ކުރަށްވާފައެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 18 ގަޑިއިރު ކުރި
ރިވިއު ކުރީ: ހުޝާމް މުހަޢްމަދް
- ކޮމެންޓް