ކ. މާލެ
|
21 ނޮވެންބަރ 2017 | އަންގާރަ 10:12
ޒައިނުއްދީން ޒިދާން - ރެއާލް ހޯދަމުން އަންނަ ދަށް ނަތީޖާތައް އަނބުރާލެވޭނެ ކަމުގެ ފުރިހަމަ ޔަގީންކަން އޮތް ކަމަށް އޭނާ ބުނި
ޒައިނުއްދީން ޒިދާން - ރެއާލް ހޯދަމުން އަންނަ ދަށް ނަތީޖާތައް އަނބުރާލެވޭނެ ކަމުގެ ފުރިހަމަ ޔަގީންކަން އޮތް ކަމަށް އޭނާ ބުނި
އޭއެފްޕީ
ރެއާލް މެޑްރިޑް
ނަތީޖާތައް އަނބުރާލެވޭނެ ކަމުގެ ޔަގީންކަން އެބަ އޮތް: ޒިދާން
ރެއާލް މިވަގުތު އޮތީ ލަލީގާގެ އެއްވަނައިގައި އޮތް ބާސާއަށް ވުރެ 10 ޕޮއިންޓް ފަހަތުގަ
މި ސީޒަނުގައި އެ ޓީމު ވަނީ ހީނުކުރާ ބައެއް ޓީމުތައް އަތުން ވެސް ބަލިވެފަ

ރެއާލް މެޑްރިޑުން ހޯދަމުން ދަނީ ސަޕޯޓަރުން އުއްމީދުކުރާ ނަތީޖާތަކެއް ނޫން ކަމަށާއި އެހެން ނަމަވެސް އެ ނަތީޖާތައް އަނބުރާލެވޭނެކަމުގެ ފުރިހަމަ ޔަގީންކަން އެބައޮތް ކަމަށް އެ ޓީމުގެ ކޯޗު ޒައިނުއްދީން ޒިދާން ބުނެފިއެވެ.

މިދިޔަ ސީޒަނުގެ ސްޕެނިޝް ލަލީގާއާއި ޔުއެފާ ޗެމްޕިއަންސް ލީގު ކާމިޔާބުކުރި ޓީމު މިވަގުތު އޮތީ ލަލީގާގެ ތިންވަނައިގައެވެ. އަދި މި ސީޒަނުގައި މިހާތަނަށް ކުޅުނު ބައެއް މެޗުތަކުން އެ ޓީމު ވަނީ ހީނުކުރާ ބައެއް ޓީމުތައް އަތުން ވެސް ބަލިވެފައެވެ.

ރެއާލް މިވަގުތު އޮތީ ލަލީގާގެ އެއްވަނައިގައި އޮތް ބާސާއަށް ވުރެ 10 ޕޮއިންޓް ފަހަތުގައި ކަމަށްވާއިރު ޒިދާން ބުނީ ލީގު އަދިވެސް ކާމިޔާބު ކުރެވޭނެ ކަމުގެ ޔަގީންކަން އެބައޮތް ކަމަށާއި ޓީމުގެ ފަރާތުން ފެންނަމުންދަނީ ދަށް ކުޅުމެކޭ ބުނެވެން ނެތް ކަމަށެވެ.

އަނިޔާގެ ސަބަބުން ޒިދާންއަށް ދަތިތަކަކާއި ކުރިމަތިވެފައިވާއިރު އޭނާ ބުނެފައިވަނީ ފުޓްބޯޅަ މެދުވެރިކޮށް އާމްދަނީއެއް ހޯދުމަކީ ލިބޭ ހިތްހަމަޖެހުމެއް ކަމަށާއި ޓީމެއްގެ ކޯޗެއްގެ ގޮތުގައި ހުރުމަށްވުރެ މާ އުނދަގޫ ވަޒީފާތައް އެބަހުރި ކަމަށެވެ. އެޓްލެޓިކޯއާއި ދެކޮޅަށް ކުޅުނު މެޗުގައި އެ ޓީމުގެ ކެޕްޓަން ރާމޯސްއަށް އަނިޔާވެފައިވާއިރު ގެރެތް ބޭލްއާއި ކޭލާ ނަވާސް ވެސް ތިބީ ވަނީ އަނިޔާގެ ސަބަބުން ކުޅުމާ ދުރުގައެވެ.

ޒިދާންގެ ޓީމަށް އެދެވޭ ނަތީޖާތައް ނުނެރެވޭ މައިގަނޑު ސަބަބަކީ އެ ޓީމުގެ ފޯވާޑް ލައިނުން ފެންނަމުންދާ ދަށް ކުޅުމެވެ. އެގޮތުން ބެންޒެމާއާއި ރޮނާލްޑޯގެ ފަރާތުން މި ސީޒަނުގައި ފެންނަމުންދަނީ ދަށް ކުޅުމެކެވެ. މިކަމާ ގުޅޭ ގޮތުން ޒިދާން ބުނެފައިވަނީ ފޯވާޑުންގެ ފަރާތުން ރަނގަޅު ކުޅުމެއް ފެންނަމުންދާ ކަމަށާއި އެހެނަސް ލަނޑުތައް ނުފެނުމަކީ ދެރަ ކަމެއް ކަމަށެވެ. އަދި އުއްމީދަކީ ދެން ކުޅޭ މެޗެއްގައި އޭނާގެ ފޯވާޑުންގެ ފަރާތުން ލަނޑު ފެނިގެން ދިޔުން ކަމަށްވެސް ޒިދާން ވަނީ ބުނެފައެވެ.

ރެއާލްގެ ސްކޮޑުގައި ޒުވާން ގިނަ ކުޅުންތެރިންތަކެއް ތިބިއިރު މި ސީޒަނުގައި އެ ކުޅުންތެރިންނަށް ފުރުސަތު ދީފައިވަނީ ވަރަށް މަދުންނެވެ.

މިކަމާ ގުޅޭ ގޮތުން ޒިދާން ބުނީ އެއީ ޒުވާން ކުޅުންތެރިން ކަމަށާއި އެ ކުޅުންތެރިންނަށް ފުރުސަތު ނުދޭ ސަބަބުތައް ވަރަށް ރަނގަޅަށް ކިޔައިދޭ ކަމަށެވެ. އެ ކުޅުންތެރިން އަދި ދަސްކުރަން ޖެހޭ ވަރަށް ގިނަ ކަންކަން އެބަހުރި ކަމަށާއި ތަޖުރިބާކާރު ކުޅުންތެރިންނަށް ގިނައިން ފުރުސަތު ދެވޭ ކަމަށް ޒިދާން ވަނީ ބުނެފައެވެ. ހަމައެހެންމެ ރަނގަޅަށް ކުޅޭ ނަމަ ޒުވާން ކުޅުންތެރިންނަށް ވެސް މެޗުތަކުގައި ފުރުސަތު ދޭނެ ކަމަށް އޭނާ ބުންޏެވެ. އެގޮތުން މާކޯ އަސެންސިއޯ އާއި ޑެނީ ސެބަލޯސްއަށް ފުރުސަތު ދެމުން އަންނަ ކަމަށް އޭނާ ފާހަގަކުރިއެވެ.

ރަފައޭލް ބެނިޓޭޒްގެ ބަދަލުގައި 2016 ވަނަ އަހަރުގެ ޖެނުއަރީ މަހު ރެއާލްއާއި ހަވާލުވުމަށްފަހު ޒިދާން އަންނަނީ އެ ޓީމަށް ރަނގަޅު ނަތީޖާތަކެއް ހޯދައިދެމުންނެވެ. އެނާގެ އިރުޝާދުގެ ދަށުން ރެއާލްވަނީ ސްޕެނިޝް ލަލީގާގެ އިތުރުން ދެ ފަހަރެއްގެ މަތިން ޔުއެފާ ޗެމްޕިއަންސް ލީގު ކާމިޔާބުކޮށްފައެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 1 ހަފްތާ ކުރިން
ރިވިއު ކުރީ: ހުސެން ފިޔާޒް
- ކޮމެންޓް