ކ. މާލެ
|
21 ނޮވެންބަރ 2017 | އަންގާރަ 08:12
ނިއުޔޯކް ސިޓީގެ ފޯވާޑް ޑޭވިޑް ވިޔާ - އޭނާ ހޯދުމަށް ޔޫރަޕުގެ ގިނަ ޓީމުތަކަކުން އަންނަނީ މަސައްކަތް ކުރަމުން
ނިއުޔޯކް ސިޓީގެ ފޯވާޑް ޑޭވިޑް ވިޔާ - އޭނާ ހޯދުމަށް ޔޫރަޕުގެ ގިނަ ޓީމުތަކަކުން އަންނަނީ މަސައްކަތް ކުރަމުން
ގޫގުލް
ޑޭވިޑް ވިޔާ
އަލުން އަނބުރާ ޔޫރަޕުގެ ޓީމަކަށް ނުދާނަން: ޑޭވިޑް ވިޔާ
އޭނާ އެންމެ ފަހުން ޔޫރަޕުގެ ޓީމަކަށް ކުޅެފައިވަނީ 2014 ވަނަ އަހަރު
ނިއުޔޯކް ސިޓީގައި ހުރީ އުފަލުން ކަމަށް އޭނާ ވަނީ ބުނެފައި

ޔޫރަޕުގެ ޓީމެއްގެ ޖާޒީއަކުން ދެން ނުފެންނާނެ ކަމަށް އެމެރިކާގެ މޭޖާ ލީގު ސޮކާގެ ނިއުޔޯކް ސިޓީ އެފްސީއަށް ކުޅެމުން އަންނަ ސްޕެއިންގެ ފޯވާޑް ޑޭވިޑް ވިޔާ ބުނެފިއެވެ.

ސްޕެއިން އާއިއެކު 2008 ވަނަ އަހަރުގެ ޔޫރޯ ފުޓްބޯލް މުބާރާތާއި 2010 ވަނަ އަހަރުގެ ފީފާ ވޯލްޑް ކަޕް ކާމިޔާބު ކުރި ފޯވާޑް މި ސީޒަނުގައި ދައްކަމުން އަންނަ މޮޅު ކުޅުމުގެ ސަބަބުން އޭނާ ހޯދުމަށް ޔޫރަޕުގެ ޓީމުތަކުން އަންނަނީ މަސައްކަތް ކުރަމުންނެވެ. ވިޔާގެ މޮޅު ކުޅުމުގެ ސަބަބުން އޭނާއަށް ވަނީ 2014 ވަނަ އަހަރުގެ ފަހުން ފުރަތަމަ ފަހަރަށް ސްޕެއިންގެ ގައުމީ ޓީމުން ވެސް ފުރުސަތު ދީފައެވެ.

އުމުރުން 35 އަހަރުގެ ފޯވާޑް ހޯދުމަށް ޔޫރަޕުގެ ގިނަ ޓީމުތަކަކުން މަސައްކަތް ކުރަމުން އަންނައިރު އެމެރިކާގައި ކުޅޭ ވަރަށް ގިނަ ކުޅުންތެރިން އޮފް ސީޒަނުގައި ފިޓުކޮށް ތިބުމުގެ ގޮތުން ޔޫރަޕުގެ ޓީމުތަކަށް ފިނި މޫސުމުގެ ޓްރާންސްފާގައި ބަދަލުވެއެވެ.

އެހެނަސް ސްޕެއިންގެ އެންމެ ބޮޑު ކުޅިވަރު ނޫސް ކަމަށްވާ 'މާސާ' އާއި ވާހަކަ ދައްކަމުން ވިޔާ ބުނީ އޭނާ ހޯދުމަށް ޓީމުތަކުން މަސައްކަތް ކުރަމުންދާކަން ހާމަވުމުން ވަރަށް އުފާވާ ކަމަށާއި އޭގޭ މާނައަކީ އޭނާއަށް މިހާރު ދެއްކޭ ކުޅުމަކީ އެންމެ އެދެވޭ ކުޅުން ކަމަށް މީހުން ބަލައިގަތުން ކަމަށެވެ. ނިއުޔޯކް ސިޓީގައި ހުރީ ހިތްހަމަ ޖެހިގެން ކަމަށާއި އެހެނަސް ޔޫރަޕުގެ ޓީމަކަށް ބަދަލުވުމުގެ ހިޔާލެއް މިވަގުތު ނެތްކަމަށް ވިޔާ ވަނީ ބުނެފައެވެ.

ހަމައެހެންމެ ވިޔާ ބުނެފައިވަނީ އެމެރިކާގެ ލީގަށް ބަދަލުވެވުމަކީ ރަނގަޅު ނިންމުމެއް ކަމަށާއި އެ ލީގަކީ ވަރަށް ވާދަވެރި އަދި ބަލާހިތްވާ ޒާތުގެ ލީގެއް ކަމަށް ވެސް ވިޔާ ވަނީ މި އިންޓަވިއުގައި ބުނެފައެވެ. ވިޔާ ބުނެފައިވަނީ ތިން އަހަރު ކުރިން ނިންމި ނިންމުމަކީ ހަޔާތުގައި ނިންމި އެންމެ ރަނގަޅު ނިންމުން ކަމަށް ގަބޫލު ކުރެވޭ ކަމަށެވެ.

ވިޔާ ބުނެފައިވަނީ އެމެރިކާގެ ލީގަށް ބަދަލުވާން އިރުޝާދު ދިނީ ކުރީގެ ޓީމުތަކަށް ކުޅުނު ބައެއް ކުޅުންތެރިން ކަމަށާއި އަދި މި ލީގަށް އައުމަށް އެހެން ކުޅުންތެރިން ވެސް ޝައުގުވެރިކަން ފާޅު ކުރަމުން އަންނަ ކަމަށެވެ.

ސްޕެއިންގެ ވެލެންސިއާ އާއި ބާސެލޯނާގެ އިތުރުން އެޓްލެޓިކޯ މެޑްރިޑަށް ކުޅުމަށް ފަހު ވިޔާ ނިއުޔޯކް ސިޓީ އެފްސީއަށް ބަދަލުވެފައި ވަނީ 2014 ވަނަ އަހަރުއެވެ. އެ ކްލަބަށް ބަދަލުވުމަށްފަހު އޭނާ ކުޅުނު 101 މެޗުގައި އޭނާ ވަނީ އެ ޓީމަށް 65 ލަނޑު ޖަހައިދީފައެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 18 ގަޑިއިރު ކުރި
ރިވިއު ކުރީ: ހުޝާމް މުހަޢްމަދް
- ކޮމެންޓް