ކ. މާލެ
|
21 ނޮވެންބަރ 2017 | އަންގާރަ 10:36
އާދީއްތަ ދުވަހުގެ ރޭ މުގާބޭ ދެއްވި ތަގުރީރުގައި އިސްތިއުފާ އިއުލާނު ކުރައްވާނެކަމަށް ގިނަ ބަޔަކު ތިބީ ދެކިގެން
އާދީއްތަ ދުވަހުގެ ރޭ މުގާބޭ ދެއްވި ތަގުރީރުގައި އިސްތިއުފާ އިއުލާނު ކުރައްވާނެކަމަށް ގިނަ ބަޔަކު ތިބީ ދެކިގެން
ދަ ސަން
މުގާބޭ ވެރިކަމުން ދުރުކުރުން
މުގާބޭ މަގާމުން ވަކިކުރަން ގާނޫނުހަދާ މަޖިލީހަށް މިއަދު ހުށަހަޅާނެ
މުގާބޭވަނީ އަންނަމަހު ބާއްވާ ކޮންގްރެސްއާ ހަމައަށް މަގާމުގައި ހުންނަވާނެ ކަމަށް ވިދާޅުވެފައި
އިތުބާރު ނެތްކަމުގެ އިޖުރާއަތްތައް ކުރިޔަށް ގެންދިއުމަށް ނަގާނީ ދެ ދުވަސް

ޒިމްބާބުވޭގެ ރައީސްކަމުގެ މަގާމުން ރޮބަރޓް މުގާބޭ ވަކިކުރުމުގެ މަސައްކަތް ވެރިކަންކުރާ ޒަނޫ-ޕީއެފް ޕާޓީން ފަށައިފިއެވެ.

ޒަނޫ-ޕީއެފް ޕާޓީގެ އޮފިޝަލަކު ވިދާޅުވީ އިތުބާރު ނެތްކަމަށް ފާސްކުރުމަށް ގާނޫނު ހަދާ މަޖިލީހަށް އަންގާރަ ދުވަހު ހުށަހަޅާނެ ކަމަށާއި މަގާމުން ދުރުކުރުމުގެ އިޖުރާއަތްތައް ފުރިހަމަ ކުރަން އެންމެ މަދުވެގެން ވެސް ދެ ދުވަސް ނަގާނެ ކަމަށެވެ.

އުމުރުފުޅުން 93 އަހަރުފުޅުގެ މުގާބޭ މަގާމުން ވަކިކުރުމަށް މަޖިލީހަށް ހުށަހަޅާ ހުށަހެޅުމަކީ މުގާބޭގެ އަނބިކަނބަލުން ގްރޭސް މުގާބޭ ގާނޫނާ ޚިލާފަށް ރައީސްކަމުގެ މަގާމަށް ގެނައުމަށް ހިންގާ ކަމެއް ކަމަށްވެސް ވަނީ ތުހުމަތު ކުރެވިފައެވެ.

ރައީސް މުގާބޭގެ ނައިބުގެ ގޮތުގައި ހުންނަވަނިކޮށް މީގެ ދެ ހަފްތާ ކުރިން މަގާމުން ދުރުކުރި އެމަސަން ނަންގަގްވާއާ، މުގާބޭ ވަރަށް އަވަހަށް ބައްދަލު ކުރައްވާނެ ކަމަށް އަސްކަރިއްޔާއިން ވަނީ ބުނެފައެވެ.

ރައީސްކަމުގެ މަގާމަށް އަނބިކަނބަލުން ގެންނެވުމަށް މަގުފަހިކުރެއްވުމަށް ނައިބު ރައީސްކަމުގެ މަގާމުން ނަންގަގްވާ ވަކިކުރެއްވުމާއެކު ނަންގަގްވާވަނީ ގައުމު ދޫކުރައްވާ ވަޑައިގެންފައެވެ.

މުގާބޭގެ އެ ފިޔަވަޅާއެކު އަސްކަރިއްޔާއިންވަނީ ސިޔާސީ ކަންކަމުގެ ތެރެއަށް ވަންނާނެކަމުގެ އިންޒާރާއެކު ގައުމުގެ ކޮންޓްރޯލް ހޯދައި ދައުލަތުގެ ޓީވީ ހިސާރުކޮށް މުގާބޭ ގޭބަންދުކޮށްފައެވެ.

އަސްކަރިއްޔާއިންވަނީ މުގާބޭއާއެކު އެގައުމުގެ މުސްތަގްބަލުގެ"މަގު ޗާޓެއް" އެކުލަވާލާފައިވާކަމަށް ބުނެފައެވެ.

އާދީއްތަ ދުވަހުގެ ރޭ މުގާބޭ ގައުމާ މުޚާތަބު ކުރައްވާފައިވާއިރު ގިނަ ބަޔަކު ތިބީ އެ ތަގުރީރަކީ އިސްތިއުފާގެ ތަގުރީރުކަމަށް ދެކިގެންނެވެ. ނަމަވެސް މުގާބޭ ވަނީ އަންނަ މަހު ބާއްވަން ހަމަޖެހިފައިވާ ޒަނޫ-ޕީއެފް ޕާޓީގެ ކޮންގްރެސްއާ ހަމައަށް މަގާމުގައި ހުންނަވާނެކަމަށް ވިދާޅުވެފައެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 5 ދުވަަސް ކުރިން
ރިވިއު ކުރީ: ހުސެން ފިޔާޒް
- ކޮމެންޓް