ރާއްޖޭގެ ގޮނޑުދޮށްތަކާއި މޫދުގެ ރީތިކަމުގެ ސަބަބުން ރާއްޖެއަށް ދަނީ ތައުރީފު އޮހެމުންނެވެ. ރާއްޖެއަށް ޒިޔާރަތްކުރާ ކޮންމެ މީހެއްގެ ހިތް ދަމައިގަންނަ "ދަގައްފާނަކީ" ގުދުރަތީ މުއްސަނދިކަން ލިބިފައިވާ ރާއްޖޭގެ ކަނޑުތަކާއި ދޮންވެލި ގޮނޑިދޮށްތަކެވެ. އެކިއެކި ވިޔަފާރީގެ ޕްރޮޑަކްޓުތަކުގައި ރާއްޖޭގެ "ކުލައެއް" ޖައްސާލުމުގެ ގޮތުން މީގެ ކުރިން "މޯލްޑިވްސް ބްލޫ" ގެ ނަމުގައި ކުލައަކަށް ނަން ދީފައިވެސް ވެއެވެ.
އެންމެ ފަހުން ރާއްޖޭގެ ކަނޑުތަކުގެ ރީތިކަމާއި ނަލަކަން ދުނިޔޭގެ އެންމެ އަގުބޮޑު އަތުކުރީ ގަޑިތަކާއި ހިސާބަށް ވެސް މިވަނީ ޖެހިލާފަ އެވެ. ރާއްޖޭގެ އެންމެ ލަގްޒަރީ ރިސޯޓުތަކުގެ ތެރޭގައި ހިމެނޭ ޝެވަލް ބްލޭންކް ރަންދެލިން މިވަނީ، ހޫބްލޯއާ ގުޅިގެން ރާއްޖޭގެ ނަލަކަން ދައްކުވައިދޭ ގަޑިއެއް ނެރެފަ އެވެ. ގަޑިއަށް ދީފައިވާ ނަމަކީ "ކްލޭސިކް ފިއުޝަން ސްޕެޝަލް އެޑިޝަން ޝެވަލް ބްލޭންކް ރަންދެލި" އެވެ.
ހޫބްލޯގެ ވެބްސައިޓުގައި ބުނެފައިވާ ގޮތުގައި، މި ގަޑިއަކީ ރަންދެލި ރިސޯޓު އޮންނަ ނ. އަތޮޅުގެ ރީތިކަން ދައްކުވައިދޭ ގަޑިއެކެވެ. އެގޮތުން ކަނޑުނޫކަލައާއި ވިލުނޫކުލަ އެ ގަޑީގެ މޫނުމަތިން ފެނިގެންދެ އެވެ. ހޫބްލޯއިން ބުނާގޮތުގައި، މި ދެ ކުލައިން ރަމްޒުކޮށްދެނީ ރާއްޖޭގެ ސާފު އުޑާއި، ކަނޑާއި މޫދުގެ ނަލަކަމެވެ. މީގެ އިތުރުން، ރާއްޖޭގެ ދޮންވެލި ގޮނޑުދޮށްތަކުގެ ރީތިކަން ވެސް ގަޑިން ފެނިގެންދެ އެވެ. ވިލުނޫކުލައާއި ކަނޑުނޫކަލަ މޫނުމަތީގައި ހިމަނާފައިވަނީ ދޮންވެލީގައި ކުލަ ޖައްސައިގެން، ގަޑީގެ މޫނުމަތީގައި ދޮންވެލި ތަތްކޮށްގެންނެވެ.
މީގެން ގަޑިއެއް ގަންނަން ބޭނުންނަމަ ދާންޖެހެނީ ރަންދެލި ރިސޯޓަށެވެ. މި ގަޑި ގަންނަން ލިބޭނީ ހަމައެކަނި އެ ރިސޯޓުގައި ހޫބްލޯއަށް ހާއްސަކުރެވިފައިވާ ސަރަހައްދުގައި ހުންނަ ހޫބްލޯ ފިހާރައިންނެވެ. ގަޑީގެ 38 މިލިމީޓަރާއި 45 މިލިމީޓަރު ހުރެއެވެ. ދެ ޖިންސަށް ވެސް ހާއްސަ ކޮށްގެން ދެ ގަޑިއެއް ހޫބްލޯއިން ވަނީ ނެރެފަ އެވެ.