ކ. މާލެ
|
21 ނޮވެންބަރ 2017 | އަންގާރަ 08:05
"ޕަދްމަވަތީ" ގެ ޑައިރެކްޓަރ ބަންސާލީ ފިލްމުގެ ޝޫޓިންގައި. ފައިލް
"ޕަދްމަވަތީ" ގެ ޑައިރެކްޓަރ ބަންސާލީ ފިލްމުގެ ޝޫޓިންގައި. ފައިލް
ގޫގުލް
"ޕަދްމަވަތީ"
"ޕަދްމަވަތީ" އެޅުވުން ވަކި މުއްދަތެއް ނެތް ގޮތަށް ފަސްކޮށްފި
ސެންސަރު ބޯޑުން ވަނީ އެޕްލިކޭޝަން ފުރިހަމަ ނޫންކަމަށް ބުނެ ފިލްމް އަނބުރާ ފޮނުވާލާފައި

ސަންޖޭލީލާ ބަންސާލީގެ "ޕަދްމަވަތީ" ރިލީޒް ކުރުން ފަސްކޮށްފައިވާ ކަމަށް އެ ފިލްމު އުފައްދާ "ވަޔަކޮމް 18" އިން ބުނެފިއެވެ.

"ޕަދްމަވަތީ" ފަސްކޮށްފައިވާ ކަމަށް ބުނެ "ވަޔަކޮމް 18" އިން ނެރެފައިވާ ބަޔާނެއްގައި ބުނެފައިވަނީ ފިލްމް އެޅުވުމުގެ ހުއްދަ ހޯދުމަށްޓަކައި އިންޑިއާގެ ސެންޓްރަލް ބޯޑް އޮފް ފިލްމް ސެޓިފިކޭޝަން (ސީބީއެފްސީ) އަށް ފޮނުވުމުން އެ ބޯޑުން އެޕްލިކޭޝަން ފުރިހަމަ ނޫން ކަމަށް ބުނެ ފިލްމް އަނބުރާ ފޮނުވާލާފައިވާ ކަމަށެވެ. އަދި އަލުން އެޕްލިކޭޝަންސްތައް  ސެންސަރު ބޯޑަށް ހުށައަޅާނެކަމަށް ވަނީ ބުނެފައެވެ. މި ފިލްމު އަޅުވާނެ ތާރީޚެއް ފަހުން އިއުލާން ކުރާނެ ކަމަށްވެސް އެ ބަޔާނުގައި ވަނީ ބުނެފައެވެ.

ސެންސަރު ބޯޑަށް ފިލްމު ހުށައެޅުމުގެ ކުރިން އިންޑިއާގެ ސުޕްރީމް ކޯޓަށް ވަނީ އެގައުމުގެ ރާޖްޕޫތު ގުރޫޕްތަކުން ފިލްމުގެ މައްސަލަ ހުށައަޅާފައެވެ. އެހެން ނަމަވެސް ސުޕްރީމް ކޯޓުން ވަނީ އެމައްސަލަ ނިންމާނީ ސެންސަރުބޯޑުންކަމަށް ބުނެ ހުކުމްކޮށްފައެވެ.

މިއީ 1303 ވަނަ އަހަރު އިންޑިއާގައި ވެރިކަން ކުރެއްވި އަލާއުއްދީން ޚިލްޖީގެ އަނިޔާވެރި ރަސްކަމުގައި އޭނާ އަށް ރާޖްޕޫތުގައި ކުރިން ވެރިކަން ކުރި ރާނީ ޕަދްމަވަތީ ދެކެ ލޯބިވެގެން އޭނާ ހޯދުމަށް ކުރާ ހަނގުރާމައެއްގެ މައްޗަށް ބިނާކޮށް ހަދާފައިވާ ފިލްމެކެވެ. މި ފިލްމްގައި ހަޤީގަތާއި ޚިލާފު ބައެއް ވާހަކަތައް ހިމެނޭ ކަމަށް ބުނެ ރާޖްޕޫތު ގްރޫޕްތަކުން ހުށަހެޅި މައްސަލައިގައި ބުނެފައިވަނީ ދީޕިކާ ޕަދުކޯން އަދި ރަންވީރު ސިންހްގެ ސެންސަރު ކުރަންޖެހޭ މަންޒަރުތައް މިފިލްމުގައި ހިމަނާފައިވާ ކަމަށެވެ. އެހެން ނަމަވެސް މި ފިލްމުގެ ޑައިރެކްޓަރ ސަންޖޭ ލީލާ ބަންސާލީ ބުނެފައިވަނީ މި ފިލްމުގައި އޭގެ މަންޒަރުތަކެއް ނުހިމެނޭނެ ކަމަށާއި ފިލްމު ބެލުމުން އެކަން އެނގިގެން ދާނެ ކަމަށެވެ.

"ޕާދްމަވަތީ" ޝޫޓް ކުރަމުންދިޔައިރު ވެސް އެތަކެއް ދަތި ހުރަސްތަކާއި ކުރިމަތިލާން ޖެހުނެވެ. މި ފިލްމުގެ ޝޫޓިންގައި ފިލްމްގެ ކުރޫއާއެކު ޖެއިޕޫރުގައި ހަރަކާތްތެރިވަމުން ދަނިކޮށް ޖެއިޕޫރަށް ނިސްބަތްވާ ޕާޓީ "ކާނި ސެނާގެ" ބައެއް ސަޕޯޓަރުންނާއި މެމްބަރުން ފިލްމުގެ ސެޓް ހަދާފައި ހުރި ޖައިގާ ފޯޓަށް ގޮސް ހަޑި ހުތުރު ބަހުން މުއާމަލާތްކޮށް ހަމަނުޖެހުން ހިންގާފައިވެއެވެ.

އަފި ފިލްމް ޝޫޓިންގައި ބޭނުން ކުރަމުން ދިޔަ ކެމެރާތަކާއި އެހެނިހެން އަގުބޮޑެތި ސާމާނުތައް ހަލާކުކޮށްލާފައިވެއެވެ.

ކުރިން "ޕަދްމަވަތީ" އެޅުވުމަށް ނިންމާފައިވަނީ ޑިސެމްބަރު މަހުގެ އެއް ވަނަ ދުވަހުގައެވެ. ފިލްމު އަޅުވަން ގާތްގަނޑަކަށް ދެ ހަފްތާއަށް ވެފައިވަނިކޮށް ފިލްމު އެޅުވުން ފަސްކޮށްފައިވާއިރު ފިލްމުގެ ތަރިންނަށާއި ޑައިރެކްޓަރ ބަންސާލީއަށް ދަނީ މަރުގެ އިންޒާރު ކުރިމަތި ވަމުންނެވެ.

ފިލްމް ރިލީޒްކޮށްފި ނަމަ ސިނަމާތަކުގައި އަލިފާން ރޯކުރާނެ ކަމުގެ އިންޒާރުތައް ވެސް މި ފިލްމަށް ވަނީ ލިބިފައެވެ. އެ އިންޒާރުތަކާހެދި މުމްބާއި ފުލުހުން ވަނީ "ޕަދްމަވަތީ" ޓީމުގެ ސެކިއުރިޓީ ވަރުގަދަ ކޮށްފައެވެ.

- ކޮމެންޓް