މީހަކަށް މަރުގެ އިންޒާރުދީ، ބިރު ދެއްކި ކަމަށް ތުޙުމަތުކުރެވޭ މީހަކު ހޯދަން ރައްޔިތުންގެ އެހީތެރިކަމަށް ފުލުހުން އެދިއްޖެއެވެ.
ފުލުހުން ކޮށްފައިވާ އިޢުލާނެއްގައި ބުނެފައިވަނީ އެ ސަރވިސްގެ ޖެނެރަލް އިންވެސްޓިގޭޝަން ޑިޕާޓްމަންޓުން ތަޙުޤީޤު ކުރަމުންދާ މީހަކަށް މަރުގެ އިންޒާރުދީ ބިރު ދައްކާފައިވާ މައްސަލައަކާއި ގުޅިގެން ސ. ހުޅުދޫ، އިރުދޭމާގެ، ސަލްމާން (38އ) ހޯދަމުންދާ ކަމަށެވެ. ސަލްމާންގެ ފުރިހަމަ ނަން ފުލުހުން ހާމަކޮށްފައެއް ނުވެއެވެ.
ސަލްމާންއާ ގުޅޭ އެއްވެސް މަޢުލޫމާތެއް ލިބިފައިވާ ނަމަ އެންގުމަށް ފުލުހުން ވަނީ އެދިފައެވެ.
މީހަކަށް މަރުގެ އިންޒާރު ދީ، ބިރު ދެއްކި މައްސަލައެއްގައި މީހަކު ހޯދަމުން ދާއިރު، މިފަދަ ބައެއް މައްސަލަތަކުގައި ފުލުހުންގެ މާބޮޑަށް އަޅާނުލާ ކަމަށްވެސް ބައެއް ފަރާތްތަކުން ބުނެއެވެ. އަދި އެފަދަ ބައެއް ހާލަތްތަކުގައި އިންޒާރު ނުވަތަ ބިރުދެއްކުން ރައްދުވާ ފަރާތުން ފުލުހުންނަށް މައްސަލަ ހުށަހެޅުމުންވެސް، ފުލުހުންގެ ފަރާތުން ކަމެއް ނުކޮށް ތިއްބައި އިންޒާރު ނުވަތަ ބިރު ދެއްކުން ރައްދުވާ ފަރާތަށް އެކި ކަހަލަ ގެއްލުންތައް ދީފައިވެސް އެބަހުއްޓެވެ.