އދ.ގެ އިންޓަރނޭޝަނަލް ކޯޓް އޮފް ޖަސްޓިސްގެ ފަނޑިޔާރުންގެ ބެންޗަށް ވާދަ ނުކުރަން އިނގެރޭސި ވިލާތުން ނިންމައިފިއެވެ.
އދ.ގެ އިންޓަރނޭޝަނަލް ކޯޓް އޮފް ޖަސްޓިސް 1946 ވަނަ އަހަރު އުފެދުނީއްސުރެ، އެ ކޯޓުގެ ފަނޑިޔާރުންގެ ބެންޗުގައި އިނގެރޭސި ވިލާތުގެ ފަނޑިޔާރަކު އިންނަވައެވެ. އަދި މިއީ އެ ޤައުމުގެ ފަނޑިޔާރަކާއި ނުލައި އދގެ އިންޓަރނޭޝަނަލް ކޯޓް އޮފް ޖަސްޓިސްގެ ބެންޗު އުފެދިގެންދާނެ ފުރަތަމަ ފަހަރެވެ.
އިނގެރޭސި ވިލާތުން އދގެ އިންޓަރނޭޝަނަލް ކޯޓް އޮފް ޖަސްޓިސްގެ ފަނޑިޔާރުންގެ ބެންޗަށް ވާދަ ނުކުރަން ނިންމީ، އެ ކޯޓުގެ ފަނޑިޔާރުންގެ ބެންޗަށް ފަނޑިޔާރުން އިންތިޚާބުކުރުމަށް ނިމިގެން ދިޔަ ހަފްތާގައި އދގެ ސަލާމާތީ މަޖިލީހުގައި ފަސް ފަހަރުމަތިން ވޯޓުލީއިރުވެސް، އެ ޤައުމުގެ މައްޗަށް އިތުރު 4 ޤައުމަކުން ކުރި ހޯދުމުންނެވެ. އިނގެރޭސިވިލާތުގެ ކެނޑިޑޭޓް ސަރ ކްރިސްޓޮފަރ ގްރީންވުޑްގެ މައްޗަށް ކުރިހޯއްދެވީ ބްރެޒިލް އާއި ލުބްނާނާއި، ފްރާންސްގެ އިތުރުން ސޯމާލިއާގެ ކެނޑިޑޭޓުންނެވެ.
ބެންޗުގައި ހިމެނޭ 5 ވަނަ ފަނޑިޔާރު އިންތިޚާބު ކުރުމަށް، ނިމިގެން ދިޔަ ހަފްތާގެ ވޯޓުގައި އަޣުލަބިއްޔަތު ހޯދަން ނާކާމިޔާބުވި އިންޑިއާ އާއި އިނގެރޭސި ވިލާތާއި ދެމެދު އަލުން ވޯޓު ނެގުން ހޯމަ ދުވަހުގެރެއަށް ތާވަލްކޮށްފައި ވަނިކޮށެވެ.
އދގައި ހުންނަވާ އިނގެރޭސި މަންދޫބު، މެތިއު ރައިކްރޮފްޓް ނެރުއްވި ބަޔާނެއްގައި ވިދާޅުވީ، ވޯޓުލުމުގެ އިތުރު ބުރުތަކެއް ބާއްވައިގެން ސަލާމަތީ މަޖިލީހާއި އާންމު މަޖިލީހުގެ ވަގުތު ނަގައިލަން ބޭނުން ނުވާ ކަމަށާ، އެހެންކަމުން، އެ ޤައުމުން މި އިންތިޚާބުގައި ވާދަ ނުކުރަން ނިންމާފައިވާ ކަމަށެވެ.
ރައިކްރޮފްޓް ވިދާލުވީ، ބެންޗަށް އިންތިޚާބު ނުވުމުން އިނގެރޭސިވިލާތުން ހިތާމަކުރާ ކަމަށާ، ނަމަވެސް ދެން ތިއްބެވި ހުރިހާ ބޭފުޅުންނަކީވެސް ވަރަށް ޤާބިލް، ކުޅަދާނަ ބޭފުޅުން ކަމަށެވެ.
އދގެ އިންޓަރނޭޝަނަލް ކޯޓް އޮފް ޖަސްޓިސްގެ ބެންޗަށް ފަނޑިޔާރަކު އިންތިޚާބު ވަނީ އދގެ ސަލާމަތީ މަޖިލީހާއި އާންމު މަޖިލީހުގެ އަޣުލަބިއްޔަރުވެސް ލިބޭ ކެނޑިޑޭޓުންނަށެވެ. މިފަހަރުގެ ވޯޓުގައި ބެންޗުގެ ފަހު ޖާގައަށް ސަލާމަތީ މަޖިލީހުގެ އަޣުލަބިއްޔަތު އިނގެރޭސި ވިލާތަށް ލިބުނުއިރު، އާންމު މަޖިލީހުގެ އަޣުލަބިއްޔަތު ލިބިފައިވަނީ އިންޑިއާގެ ކެނޑިޑޭޓް ދަލްވީރް ބަންޑާރީއަށެވެ.
އިނގެރޭސިވިލާތުގެ އެހީއާއިއެކު އުފެއްދި ޖަމުޢިއްޔާއެއްގެ ކޯޓުން އެ ޤައުމަށް ޖާގައެއް ނުލިބުން، ތަޖުރިބާކާރުން ސިފަކުރަނީ އެ ޤައުމުގެ ބާރާއި ނުފޫޒު ދަށްވަމުންދާ ކަމުގެ ހެއްކެއްގެ ގޮތުގައެވެ. އަދި އެ ޤައުމަށް މިފަދައިން ދިމާވާން ކުރިމަތިވި ސަބަބެއް ކަމަށް ގިނަ ފަރާތްތަކުން ދެކެނީ ވިލާތުގެ އިއްތިހާދުން ވަކިވުމަށް އެ ޤައުމުން ނިންމި ނިންމުމެވެ.
މި ވޯޓަށްފަހު ބައެއް ފަރާތްތަކުން ދަނީ އދގެ ސަލާމަތީ މަޖިލީހަށް އޮތް އިނގެރޭސިވިލާތުގެ ނުފޫޒު އެގޮތަށް އޮންނާނީވެސް ކިހާ ދުވަހެއް ވަންދެންތޯ ސުވާލު އުފައްދަމުންނެވެ.