އަންނަ އަހަރަށް ލަފާކުރާ ބަޖެޓުގެ ގޮތުގައި ސަރުކާރުން ރައްޔިތުންގެ މަޖިލީހަށް ހުށަހަޅާފައިވާ ބަޖެޓަކީ "ވަގު ބަޖެޓެއް" ކަމަށް ރައްޔިތުންގެ މަޖިލީހުގެ މައްޗަންގޮޅި އުތުރު ދާއިރާގެ މެންބަރު އަލްއުސްތާޛާ މާރިޔާ އަޙުމަދު ދީދީ ވިދާޅުވެއްޖެއެވެ.
އިދިކޮޅު ފަރާތްތަކުން މ. ކުނޫޒުގައި "ބަޖެޓް ބަހުސް" ގެ ނަމުގައި މިހާރު ކުރިއަށްގެންދާ ޕެނަލް ބައްދަލުވުންތަކުގެ ހޯމަ ދުވަހުގެ ރޭގެ ސެޝަންގައި މާރިޔާ ވިދާޅުވީ، ބަޖެޓުގައި ކަންކަން ބަޔާންކޮށްފައި ހުރީ އެއްވެސް އެއްޗެއް އޮޅުންފިލާ ގޮތަށް ނޫން ކަމަށާއި، ސަރުކާރުން ކަންކަން ހިންގުމަށް ވިސްނާފައިވާ ކަމަށް ބަޖެޓުން ދޭހަވަނީ ސިއްރިއްޔާތުގައި ކަމަށެވެ.
މާރިޔާ ވިދާޅުވީ ސަރުކާރުން ކުރާ ކަންކަމުގައި އެއްވެސް މިންވަރެއްގެ ރޭވުންތެރިކަމެއްވެސް ނުހުންނަ ކަމަށެވެ. އެގޮތުން ސަރުކާރުން ފަތުރުވެރިކަމުގެ ސިނާއަތާއި މެދު ގެންގުޅޭ ބައެއް ފިކުރުތައް މިއަދުގެ ދުނިޔޭގެ ހަޤީޤަތަށް ނުފެތޭކަން މާރިޔާ ފާހަގަ ކުރެއްވިއެވެ.
"ޓޫރިޒަމަށް އަޅުގަނޑުމެންގެ މި ހުރިހާ ކަމެއް ބަރޯސާވެގެން، ބަޖެޓުގަވެސް ހުރިހާ އާމްދަނީއެއްވެސް ޓޫރިޒަމުން އަންނާނެ ކަމަށް ވިދާޅުވެފަ އޮތްއިރު، މިދިޔަ އަހަރުގެ ބަޖެޓު ހުށަހަޅުއްވަމުން ވިދާޅުވި ހަތް މިލިއަން ޓުއަރިސްޓުން ޗައިނާއިން ގެންނަވާނެ ވާހަކަ. މިއަހަރުގެ ބަޖެޓުގަ ވިދާޅުވަނީ ޔޫރަޕުން ގެންނަވާނެ ވާހަކަ. ދެން ހަތް މިލިއަން ޓޫރިސްޓުން ޗައިނާއިން ގެންނަން ވިދާޅުވީރު ޗައިނާ ޓޫރިސްޓުން ރާއްޖެ އައިލެއް ހަމަގައިމުވެސް މީގެ ކުރީ އަހަރުތަކަ ބަލާފަ ވަރަށް ބޮޑުތަން މަދު. ދެން ޔޫރަޕްގެ ގައުމުތަކުން ގެންނަން ވިދާޅުވާއިރު، މިސާލަކަށް އިނގެރޭސި ވިލާތުގަ ޔޫރަޕުގެ އިއްތިހާދުން އެމީހުން ނުކުމެގެން އެ ކަމުގެ ތެރޭގަ އެމީހުންނަށް އެ ރައްޔިތުން އެތިބީ އެމީހުންގެ އިކޮނޮމީ ވަރުގަދަވާނެތޯ ނުވަތަ ދަށަށްތޯ ވެއްޓޭނީ، ކަންބޮޑުވެގެން. ގިނަ އިގްތިޞާދީ މާހިރުން ބުނަނީ، އިނގެރޭސި ވިލާތުގެ އިކޮނޮމީވެސް ވަރަށް ދަށަށް ދާނެ ކަމަށް ކޮންމެސް ވަރަކަށް. ދެން ސްޕެއިނުގަ މިހާރު އެ އުޅެނީ އެތައް ބައިވަރު ވޯޓުތަކެއް ނަގައިގެން އެއްބަޔަކު ވަކިވެގަންނަން، އަނެއްބަޔަކު އަނެއް ކަމެއް ކުރަން. އެހެންވީމަ، ޔޫރަޕު، އެމީހުންގެ ސިޔާސީ މާހައުލަށް ބަލާއިރު ވަރަށް ބޮޑަށް މުޅި، ތަން އެއޮތީ އަންސަރޓަނިޓީއެއްގެ ތެރޭގަ، ނުވަތަ ވާނުވާ އޮޅުން ނުފިލާ ކަހަލަ ގޮތަކަށް. އެހެންތިބޭ ދަނޑިވަޅެއްގަ މީހުން ދަތުރުކޮށް، މަޖާކޮށް، ހޮލިޑޭ ނަގާ، އެކަހަލަ ކަންތައް ކުރުމަކީ ނާދިރު ކަމެއް" މާރިޔާ ވިދާޅުވިއެވެ.
މީގެ އިތުރުން ސަރުކާރުގެ ކަންކަން ހުރި ގޮތުން ރާއްޖޭގައި އިންވެސްޓް ކުރާ ފަރާތްތަކަށް އެ އިންވެސްޓްމަންޓާއިމެދު އެއްވެސް ޔަޤީންކަމެއް ނޯންނަކަންވެސް މާރިޔާ ފާހަގަކުރެއްވިއެވެ.
ކުނޫޒުގައި ކުރިއަށްގެންދާ ބައްދަލުވުންތަކުގައި އިދިކޮޅު މެންބަރުން ގެންދަވަނީ އަންނަ އަހަރަށް ލަފާކޮށް ސަރުކާރުން ހުށަހަޅާފައިވާ ބަޖެޓާއި، ސަރުކާރުގެ އެކި ޕޮލިސީތަކަށް ވަރަށް ބޮޑަށް ފާޑުވިދާޅުވަމުންނެވެ.