ށ މިލަންދޫ ސިއްޙީ މަރުކަޒަކީ މާބަނޑު މީހުން ވިއްސޭނެ އިންތިޒާމް ހަމަޖެހފައިވާ ތަނެއް ނޫން ކަމަށާއި އެހެންނަމަވެސް، ސިއްޙީ މަރުކަޒަށް ގައިނީ ޑޮކްޓަރަކު ގެންގޮސްފައި ހުރުމުން މާބަނޑު މީހުން ވިހެއުމުގެ ދަތުރަށް މިހާރު އާސަންދަ ނުލިބޭކަމަށް އެރަށު ކައުންސިލުން ބުނެފިއެވެ.
ރާއްޖެ އެމްވީއަށް މައުލޫމާތު ދެއްވަމުން މިލަންދޫ ކައުންސިލްގެ ނައިބު ރައީސް އަހުމަދު ސިޔާމް ވިދާޅުވީ، މިލަންދޫއަށް ދާދިފަހުން ގައިނީ ޑޮކްޓަރެއް ގެންގޮސްފައިވާ ކަމަށާއި އެހެންނަމަވެސް އެމަރުކަޒުގައި މާބަނޑު މީހުން ވިއްސޭނެ ގޮތެއް އަދި ނެތްކަމަށެވެ.
ސިޔާމް ވިދާޅުވީ މީހުން ވިއްސުމުގެ އިންތިޒާމް އެރަށު ސިއްޙީ މަރުކަޒުގައި ނެތުމުގެ ސަބަބުން މީގެ ކުރިން މާބަނޑު މީހުން ވިހެއުމަށްޓަކައި ފުނަދޫ އާއި ކުޅުދުއްފުއްޓަށް ގެންދަނީ އާސަންދައިގެ ދަށުން ކަމަށާއި މިހާރު ގައިނީ ޑޮކްޓަރަކު ހުންނާތީ އާސަންދައިން އެ ޚިދުމަތް ނުދޭ ކަމަށެވެ.
"ކުރިން ވިހެއުމަށް ލޯންޗުގައި ފޮނުވަނީ ސިއްޙީ މަރުކަޒުން. ނަރުހަކާ، ސީނިއަރ ނަރުހެއް އަދި ފޫޅުމަޔަކާއެކު މިއަތޮޅު ފުނަދޫއަށް ނޫނީ ހދ ކުޅުދުއްފުއްޓަށް. އެހުރިހާ ޚަރަދެއް ހަމަ ޖައްސަނީ އާސަންދައިގެ ދަށުން. އެއީ ސިއްހީ މަރުކަޒުގައި ވިއްސެން ނުހުންނާތީ ހަދާ ގޮތެއް" ސިޔާމް ވިދާޅުވިއެވެ.
ސިޔާމް ވިދާޅުވީ އެރަށު ސިއްޙީ މަރުކަޒަކީ އޮޕަރޭޝަން ކުރެވޭ ތަނެއް ނޫން ކަމަށާއި އެހެންކަމުން އެމަރުކަޒުގައި ވިއްސުމުގެ ހުއްދަ އެއްވެސް އިރަކު ނޯންނަ ކަމަށެވެ.
ސިޔާމް ވިދާޅުވީ ކުރިން އެޚަރަދު އާސަންދައިން ހަމަޖައްސައިދިން ނަމަވެސް މިހާރު ގައިނީ ޑޮކްޓަރެއް ހުންނާތީ އެކަމަކަށް އާސަންދައިން ޚަރަދު ނުކުރާތީ މާބަނޑު އަންހެނުން ވިހަންވުމުން އެހެން ރަށްރަށަށް ދާން ޖެހެނީ އަމިއްލަ ޚަރަދުގައި ކަމަށެވެ.
ސިޔާމް ވިދާޅުވީ ގައިނީ ޑޮކްޓަރެއް އެރަށަށް ގެންދިޔަތާ 15 ވަރަކަށް ދުވަސް ވެފައިވާއިރު ބަނޑުގައި ރިއްސާތީ ވިހެއުމަށް އެހެން ރަށަކަށް ހަތަރު މީހަކު ހިނގައްޖެ ކަމަށެވެ. އަދި އެރަށްރަށަށް ދިއުމުގެ ޚަރަދު ކުރަން ޖެހުނީ އެމީހުން އަމިއްލައަށް ކަމަށެވެ.
ސިޔާމް ވިދާޅުވީ އަމިއްލައަށް އެ ހޭދަ ކުރުމަކީ ރައްޔިތުންނަށް ބޮޑު ތަކުލީފެއް ކަމަށާއި އެކަމުގެ ޝަކުވާ ކައުންސިލަށް ލިބެމުންދާ ކަމަށެވެ.
ސިޔާމް ވިދާޅުވީ ކުޅުދުއްފުއްޓަށް ލޯންޗުގައި ދަތުރުކޮށްދެނީ 2500 ރުފިޔާއަށް ކަމަށާއި ފުނަދޫއަށް ގޮސްދެނީ 1200 ރުފިޔާއަށް ކަމަށެވެ. އަދި އޭގެ އިތުރުން ނަރުހުންނާއި ފޫޅުމައި ހަމަޖެއްސުމަށްވެސް އިތުރު ޚަރަދު ހިނގާކަމަށް ސިޔާމް ވިދާޅުވިއެވެ.