ބަޖެޓަކީ ޕީޕީއެމް މެމްބަރުންނަށް ބާއްވައިލެއްވި އެއްޗެއް ފަދަ ކަމަށާއި ޕީޕީއެމް މެމްބަރުން ކިތަންމެ ބޭނުންވިޔަސް ބަޖެޓަށް ބަދަލެއް ނުގެނެވޭނެ ކަމަށް ކެންދޫ ދާއިރާގެ މެމްބަރު އަލީ ހުސައިން ވިދާޅުވެއްޖެއެވެ.
އަލީ ހުސައިން އެގޮތަށް ވިދާޅުވީ އަންނަ އަހަރަށް ލަފާކުރާ ދައުލަތުގެ ބަޖެޓް ދިރާސާކުރާ ކޮމެޓީން އަވަސް އަރުވާލައިގެން ބަޖެޓް ދިރާސާކުރުން ނިންމަން އުޅޭ ކަމަށް ވިދާޅުވެ، އިދިކޮޅު މެމްބަރުންނަށް ވާހަކަ ދެއްކެވުމަށް އެކަށީގެންވާ ފުރުސަތު ދެއްވުމަށް ސަރުކާރަށް ނިސްބަތްވާ މެމްބަރުން ދެކޮޅު ހެއްދެވުމާއި ގުޅިގެންނެވެ.
ކޮމެޓީގެ މި ބައްދަލުވުގައި ކުޑަހުވަދޫ ދާއިރާގެ މެމްބަރު އަދި ސަރުކާރު ކޯލިޝަން އެމްޑީއޭގެ ނައިބު ލީޑަރު އަހުމަދު އާމިރު ވިދާޅުވީ އެ ކޮމެޓީން ކުރިން ދުވަހު އަމަލު ކުރިގޮތް ފަހުން ބާއްވާ ކޮމެޓީގެ ބައްދަލުވުމުން ބަދަލު ކުރެވިދާނެ ކަމަށާއި އެއީ ބާއްވާލެއްވިފައިވާ، އަދި ބަދަލު ނުކުރެވޭނެ ނިންމުމެއް ނޫން ކަމަށެވެ.
"މިކޮމެޓީގެ މެމްބަރުންނަށް ހަމައެކަނި އަމިއްލަ މަސްލަހަތު އިސްކޮށްގެން ވާހަކަ ދެއްކިދާނެ ކަމަށް ގަބޫލެއް ނުކުރަން. އަނެއްކަމަކީ ޕާޓީތަކުގެ ލެވެލްގައި ކުރީ ދުވަހުގެ ވަގުތު ބަހާލައިގެން އެގޮތަށް މަސައްކަތް ކުރީ ޕާޓީތަކުގެ މެދުގައި އަންޑަސްޓޭންޑިންގއަކަށް އައިސްގެން. އެއީ ބާވާލައްވާފައިވާ ވިސްނުމެއް ނޫން،" އާމިރު ވިދާޅުވިއެވެ.
އާމިރުގެ އެވާހަކައަށް ރައްދު ދެއްވަމުން އަލީ ހުސައިން ވިދާޅުވީ ޑިމޮކްރެސީއަކީ އަދި ޑިމޮކްރެސީގެ ރޫހަކީވެސް މެޖޯރިޓީ އޮންނަ ފަހަރެއްގައި، އެ މެޖޯރިޓީ ބޭނުންކޮށްގެން، މެޖޯރިޓީން ބޭނުންވާހާ ގޮތަކަށް ކަންކަން ކުރުން ނޫން ކަމަށެވެ. އަދި މައިނޯރިޓީގައި ތިއްބަވާ ބޭފުޅުންނާއި، ތަފާތު ހިޔާލު ގެންގުޅޭ ފަރާތްތަކުގެ ހިޔާލުތަކަށްވެސް އިހުތިރާމު ކޮށްގެން، މައިނޯރިޓީގައި ތިބި މީހުންގެ ވާހަކަތައްވެސް އަޑުއަހައިގެން މުޅި ރައްޔިތުންގެ ލާބަޔާއި މަންފާއަށްޓަކައި މަސައްކަތް ކުރަން ޖެހޭ ކަމަށް އަލީ ހުސައިން ވިދާޅުވިއެވެ.
"އަޅުގަނޑުމެންނަށް އެނގޭ ބާވާލައްވާފައިވާ އެއްޗަކަށް ބަދަލު ނުގެނެވޭނެކަން. ހަގީގަތުގައި ބަދަލު ނުގެނެވޭނެ އެއްޗަކަށް ވެފައިމިވަނީ ބަޖެޓް. އަޅުގަނޑުމެންނަށް އެނގޭ ޕީޕީއެމްގެ ހުރިހާ މެމްބަރުން ބޭނުންވިޔަސް މިބަޖެޓަކަށް އެއްވެސް ބަދަލެއް ނުގެނެވޭނެކަން،" އަލީ ހުސައިން ވިދާޅުވިއެވެ.
އަދީ ހުސައިން ވިދާޅުވީ މެމްބަރުން ވާހަކަ ދެއްކެވުމަށް ވަގުތު ކަނޑައެޅުމަށް ބަޖެޓް ދިރާސާކުރާ ކޮމެޓީން އެންމެފަހުން ބޭއްވި ބައްދަލުވުމުގައި ނިންމި ނިންމުމަކީ ކޮމެޓީގެ ހުރިހާ މެމްބަރުން އެއްބަސްވެގެން ނިންމާފައިވާ ނިންމުމެއް ކަމަށެވެ. އެހެންކަމުން އެންމެނަށް އެއްބަސްވެވޭ ނިންމުމެއް އިތުރަށް ބަދަލުކުރަންޖެހޭ އެކަށީގެންވާ ސަބަބެއް ނެތް ކަމަށާއި އެއްވެސް ސަބަބެއް ނުދައްކަވާ ބަދަލު ކުރެވޭނެ ކަމަށް ގަބޫލު ނުކުރައްވާ ކަމަށްވެސް އަލީ ހުސައިން ވިދާޅުވިއެވެ.
ބަޖެޓް ކޮމެޓީން ހޯމަ ދުވަހު ބޭއްވި ބައްދަލުވުންތައް އިދިކޮޅު ފަރާތްތައް ބޮއިކޮޓް ކޮށްފައިވަނިކޮށް، އެކޮމެޓީން ވަނީ ބަޖެޓް ދިރާސާކޮށް ނިންމައި، ބަޖެޓް ފާސްކޮށްފައެވެ. އެވަގުތު އެކޮމެޓީގައި ތިއްބެވީ ސަރުކާރަށް ނިސްބަތްވާ މެމްބަރުން އެކަންޏެވެ.
ކޮމެޓީގެ ދިރާސާ ރިޕޯޓް ދެން ފޮނުވާނީ މަޖިލީހުގެ ޖަލްސާއަށެވެ. އެ ޖަލްސާގައި އަންނަ އަހަރަށް ލަފާކުރާ ދައުލަތުގެ މި ބަޖެޓް ފާސް ކުރެވިގެންދާނެއެވެ.
އަންނަ އަހަރަށް ލަފާކޮށް ސަރުކާރުން ހުށަހަޅާފައި ވަނީ 27.9 ބިލިއަން ރުފިޔާގެ ބަޖެޓެކެވެ. ބަޖެޓް ދިރާސާކުރާ ކޮމެޓީން އެ ބަޖެޓަށް މާބޮޑު ބަދަލެއް ގެނެސްފައެއް ނުވެއެެވެ.