ކ. މާލެ
|
20 ނޮވެންބަރ 2017 | ހޯމަ 23:21
ސަޢޫދީ ވަލީޢަޙުދު މުޙައްމަދު ބިން ސަލްމާން: ދާދިދަހުން ސިއްރުން އިސްރާއީލަށް ވަޑައިގެންނެވިކަމަށް ތުހުމަތުކުރެވޭ
ސަޢޫދީ ވަލީޢަޙުދު މުޙައްމަދު ބިން ސަލްމާން: ދާދިދަހުން ސިއްރުން އިސްރާއީލަށް ވަޑައިގެންނެވިކަމަށް ތުހުމަތުކުރެވޭ
ގޫގުލް
ސަޢޫދީ ޢަރަބިއްޔާ - އިސްރާއީލް
ސަޢޫދީއާއިއެކު ގުޅުންތަކެއް އޮންނަކަމަށް އިސްރާއިލުގެ ވަޒީރަކު އެއްބަސްވެވަޑައިގެންފި
މިއީ ސިޔާސީ ގުޅުމެއް ނެތް މި ދެޤައުމުގެ މެދުގައި ގުޅުން އޮތްކަމަށް އިސް ވެރިޔަކު އެއްބަސްވެވަޑައިގަތް ފުރަތަމަ ފަހަރު

ޔަހޫދީ ދައުލަތް، އިސްރާއީލާއި އިސްލާމީ އެންމެ ބޮޑު އެއް ދައުލަތް ކަމުގައިވާ ސަޢޫދީ ޢަރަބިއްޔާއާއި ދެމެދު ސިޔާސީ ގުޅުން ނެތް ނަމަވެސް، ދެޤައުމުގެ މެދުގައި ސިއްރު ގުޅުންތަކެއް އެބައޮތްކަމަށް އިސްރާއީލުގެ އިސްވެރިޔަކު އެއްބަސްވެވަޑައިގެންފިއެވެ.

އިސްރާއީލުގެ ހަކަތައާއި ބެހޭ ވަޒީރު ޔުވާލް ސްޓެއިނިޓްޒް ވިދާޅުވީ ސަޢޫދީފަދަ ޢަރަބި ޤައުމުތަކާއިއެކު އިސްރާއީލުން ގުޅުން ބާއްވަމުންދާކަމަށެވެ. އަދި އެފަދަ ގުޅުންތައް ސިއްރުކުރަން އެޤައުމުތަކުން ބޭނުންވާކަމަށާއި، އެހެން ނަމަވެސް އެޤައުމުތަކާއި ގުޅުން އޮންނަކަން ހާމަކުރަން އިސްރާއީލުން ލަދު ނުގަންނަކަމަށެވެ. މިއީ އިސްރާއީލާއި ސަޢޫދީއާއި ދެމެދު ސިއްރު ގުޅުންތަކެއް އޮންނަކަން ދެޤައުމުންކުރެ ޤައުމަކުން ރަސްމީކޮށް ހާމަކުރި ފުރަތަމަ ފަހަރެވެ. ފަހަކަށް އައިސް ސަޢޫދީ ވަލީޢަޙުދު މުޙައްމަދު ބިން ސަލްމާންގެ ބެއްލެވުމުގެ ދަށުން ސަޢޫދީގެ ޚާރިޖީ ސިޔާސަތަށް ގެންނަމުންދާ ބަދަލުތަކުގެ ތެރޭގައި އިސްރާއީލާއި ގުޅުން ބަދަހިކުރާކަމަށް ވަނީ ތުހުމަތުކުރެވިފައެވެ.

ރިޕޯޓްތައް ބުނާ ގޮތުގައި ޔަހޫދީންނާއި ޢަރަބިން ގުޅުން ބަދަހިކުރަން ފަށާފައި މިވަނީ ފާރިސީ ދައުލަތް، އީރާނުން މެދުއިރުމަތީގައި ނުފޫޒު ގަދަކުރަމުންދާތީ އެކަމާއި ދެކޮޅަށް މަސައްކަތްކުރުމަށެވެ. ސަޢޫދީ ނޫހަކަށް ފުރަތަމަ ފަހަރަށް މައުލޫމާތު ދެއްވަމުން، އީރާނާއި ބެހޭ ގޮތުން ލިބިފައިވާ ޖާސޫސީ މައުލޫމާތު ސަޢޫދީއާއި ހިއްސާކުރަން އިސްރާއީލުން ތައްޔާރަށް އޮތްކަމަށް އިސްރާއީލުގެ އަސްކަރިއްޔާގެ ވެރިޔާ މިދިޔަ ހަފްތާގައި ވަނީ ވިދާޅުވެފައިވެއެވެ.

އިސްރާއީލާއި ސަޢޫދީ ޢަރަބިއްޔާއާއި ސިއްރު ގުޅުންތަކެއް އޮންނަކަމަށް ކުރެވޭ ތުހުމަތުތައް ސަޢޫދީއިން ދޮގުކުރެއެވެ. އެގޮތުން ނިމިދިޔަ ހަފްތާގައި ސަޢޫދީ ޚާރިޖީ ވަޒީރު އާދިލް އަލްޖުބައިރު ވިދާޅުވީ އިސްރާއީލާއިއެކު އެއްވެސް ގުޅުމެއް ނެތްކަމަށާއި، އަދި ސިއްރު ގުޅުންތަކެއް އަމުދުން ނެތްކަމަށެވެ. އަލްޖުބައިރު ވިދާޅުވީ އިސްރާއީލާއިއެކު ސަޢޫދީއިން ގުޅުމެއް ބާއްވާނީ އެގުޅުމުގެ ސަބަބުން ފަލަސްތީނުގެ މައްސަލައަށް ހައްލެއް ލިބޭނަމަ އެކަނިކަމަށެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 5 ދުވަަސް ކުރިން
ރިވިއު ކުރީ: އިސްމާއިލް ނާއިލް ނަޝީދު
- ކޮމެންޓް