އިދިކޮޅު ފަރާތްތަކުން މިހާތަނަށް މަޖިލީހުގައި ކުރި އިހުތިޖާޖުތަކުގައި ބައިވެރިވެ، މަޖިލީހުގެ ރިޔާސަތު މޭޒުކައިރި ދުވަހަކު ވެސް ވަޑައިގެންފައިނުވާނެ ކަމަށާއި ނަމަވެސް ދެން މަޖިލީހުގައި އިދިކޮޅު ފަރާތްތަކުން ކުރަމުންދާ އިހުތިޖާޖުތަކުގައި ބައިވެރިވެ، ރިޔާސަތު މޭޒު ކައިރިއަށް ވެސް ވަޑައިގަންނަވާނެ ކަމަށް މަރަދޫ ދާއިރާގެ މެމްބަރު އިބްރާހީމް ޝަރީފް ވިދާޅުވެއްޖެ އެވެ.
ޝަރީފް އެގޮތަށް ވިދާޅުވީ އަންނަ އަހަރަށް ލަފާކުރާ ދައުލަތުގެ ބަޖެޓު ދިރާސާ ކުރާ ކޮމެޓީގައި ސަރުކާރަށް ނިސްބަތްވާ މެމްބަރުން އިދިކޮޅު ފަރާތްތަކާ މެދު ކަންކުރަމުންދާ ގޮތާ މެދު ހިތްހަމަ ޖެހިވަޑައިނުގަތް ކޮމެޓީގައި ވާހަކަ ދައްކަވަމުންނެވެ.
"މަޖިލީހުގެ މިދަރުގައި ހަތަރު އަހަރުވީ، ދުވަހަކު ވެސް ނުހުންނާނެ ރިޔާސީ މޭޒު ކަރިއަށް ގޮސްފައެއް. ދެން ރިޔާސަތު މޭޒުކައިރިއަށް ވެސް ދާނަން... ދަންނަވަންތޯ އަޅުގަނޑުމެން ދާން ފެށީމައި ބަދަލު އަންނާނެ،" ޝަރީފް ވިދާޅުވި އެވެ.
ޝަރީފް ވިދާޅުވީ ސަރުކާރަށް ނިސްބަތްވާ މެމްބަރުންނަށް މަޖިލީހުގައާއި ކޮމެޓީތަކުގައި މެޖޯރިޓީ ލިބޭ ދުވަހެއް ވިއްޔާ އިދިކޮޅު ފަރާތްތަކުގެ އަޑުކަނޑުވާލަން ވަރަށް ބޮޑަށް މަސައްކަތް ކުރަމުންދާ ކަމަށެވެ. އެގޮތުން ހޯމަ ދުވަހު ބޭއްވި ބަޖެޓް ކޮމެޓީގެ ބައްދަލުވުން ކުރިއަށް ގެންގޮސްފައިވަނީ ސަރުކާރަށް ނިސްބަތްވާ މެމްބަރުންގެ މެޖޯރިޓީ ބޭނުންކުރައްވައިގެން ކަމަށާއި އިދިކޮޅު މެމްބަރުންގެ ވާހަކަތައް އެއްގޮތަކަށް ވެސް އަޑުއަހަން ސަރުކާރަށް ނިސްބަތްވާ މެމްބަރުން ބޭނުންނުވާ ކަމަށެވެ.
ބައްދަލުވުމުގައި އިދިކޮޅު ފަރާތްތަކުން ހިތްހަމަނުޖެހުނު ސަބަބީ އެމްއެމްއޭގެ ގަވަރުނަރު އަހުމަދު ނަސީރާއި އޮޑިޓަރ ޖެނެރަލް ހަސަން ޒިޔަތު ކޮމެޓީއަށް ހާޒިރު ކުރުމަށް ނިންމި ނިންމުން ބަދަލުކޮށް، ގަވަރުނަރާއި އޮޑިޓަރ ޖެނެރަލްގެ ލަފާ ލިޔުމުން ކޮމެޓީއަށް ހިއްސާކުރުމަށް ނިންމުމާ ގުޅިގެންނެވެ.
އިދިކޮޅު މެމްބަރުން ވަނީ ހޯމަ ދުވަހުގެ ބަޖެޓް ދިރާސާކުރާ ކޮމެޓީގެ ބައްދަލުވުންތައް ބޮއިކޮޓް ކުރުމަށް ފަހު ނިކުމެވަޑައިގަންނަވާފަ އެވެ.