ކެންޔާގައި އަލުން ބޭއްވި ރިޔާސީ އިންތިޚާބުގެ ނަތީޖާ ސައްހަ ކަމަށް އެގައުމުގެ ސުޕްރީމް ކޯޓުން ނިންމައިފިއެވެ.
ކެންޔާގެ ސުޕްރީމް ކޯޓުގެ ފަނޑިޔާރުންގެ ބެންޗުގެ އިއްތިފާގުން ނިންމާފައި ވަނީ އަލުން ބޭއްވި ރިޔާސީ އިންތިޚާބުގެ ނަތީޖާ ބާތިލު ކުރުމަށް ހުށަހެޅި ދެ ޕެޓިޝަނުގައި އެއްވެސް އަސާސެއް ނެތް ކަމަށެވެ.
ހަލަބޮލިވެފައިވާ ކެންޔާގައި ރިޔާސީ އިންތިޚާބު އަލުން ބާއްވަން ޖެހި، އޮކްޓޯބަރު މަހު ބޭއްވި އެ އިންތިޚާބު ކާމިޔާބު ކުރެއްވީ މިހާރުގެ ރައީސް އުހުރު ކެންޔައްޓާ އެވެ. ކެންޔާގައި ސިޔާސީ ހަލަބޮލިކަމާ ހެދި ހިނގި ހަމަނުޖެހުންތަކުގައި ވޭތުވެދިޔަ ތިން މަހެއްހާ ދުވަހުގެތެރޭގައި 60 އަށް ވުރެ ގިނަ މީހުން މަރުވެފައި ވެއެވެ.
ކެންޔާގެ އިންތިޚާބު ކާމިޔާބު ކުރެއްވި މިހާރުގެ ރައީސް ކެންޔައްޓާ އާ ދައުރަކަށް އިންތިޚާބުވެވަޑައިގަތުމާ ގުޅިގެން މަގާމުގެ ހުވާ ކުރައްވަން ހަމަޖެހިފައި ވަނީ ނޮވެމްބަރު 28 ގައެވެ.
ކެންޔާގައި އޯގަސްޓް މަހު ބޭއްވި ރިޔާސީ އިންތިޚާބު އެގައުމުގެ ސުޕްރީމް ކޯޓުން ބާތިލު ކޮށްފައިވާއިރު އެ ނިންމުން ސުޕްރީމް ކޯޓުން ނިންމީ އިންތިޚާބުގައި ނަހަމަ ކަންކަން ހިނގާފައި ވާތީ ކަމަށް ބުނެއެވެ. ސުޕްރީމް ކޯޓުން ބާތިލް ކުރި އިންތިޚާބުގެ ނަތީޖާ ދައްކާ ގޮތުން، އިންތިޚާބު ކާމިޔާބު ކުރެއްވީ ވެސް އެގައުމުގެ ވެރިކަމުގައި ހުންނަވި ކެންޔައްޓާ އެވެ.
ކެންޔާގެ އިދިކޮޅު ކެންޑިޑޭޓް ރައިލާ އޮޑިންގާ ވަނީ އަލުން ބޭއްވި އިންތިޚާބުގައި އިޖުރާއި މައްސަލަތައް އުޅޭ ކަމަށް ވިދާޅުވެފައެވެ. އަދި އެ އިންތިޚާބުގެ ކުރިން ރިޔާސީ ރޭހުން ވަކިވެވަޑައިގެންފައެވެ.
އަލުން ބޭއްވި ރިޔާސީ އިންތިޚާބު މިހާރުގެ ރައީސް ކެންޔައްޓާ ކާމިޔާބު ކުރައްވާފައި ވަނީ 98 އިންސައްތަ ވޯޓު ހޯއްދަވައިގެންނެވެ. އޮކްޓޯބަރު މަހު ބޭއްވި އިންތިޚާބާ ގުޅިގެން އިދިކޮޅު ކެންޑިޑޭޓް އޮޑިންގާ ވިދާޅުވެފައި ވަނީ ކެންޔާ އަށް "ޑިމޮކްރަސީ ގެންނަން" މަސައްކަތް ފަށައިފި ކަމަށާއި އަލުން ބޭއްވި އިންތިޚާބަކީ ވަގުތު ބޭކާރު ކުރަން ކުރި ކަމެއް ކަމަށެވެ.