ކ. މާލެ
|
20 ނޮވެންބަރ 2017 | ހޯމަ 21:43
ތިނަދޫ އަދި މާޅޮސް ބައްދަލުކުރި މެޗުގެ ތެރެއިން
ތިނަދޫ އަދި މާޅޮސް ބައްދަލުކުރި މެޗުގެ ތެރެއިން
އެފްއޭއެމް
ދިވެހި ޕްރިމިއާ ލީގު
ފަހު ވަގުތު ހައިޝަމް ކާމިޔާބުކުރި ލަނޑުން ތިނަދޫ ގަދަ ހަތަރަކަށް
މާޅޮސްގެ މައްޗަށް ތިނަދޫ ކުރި ހޯދީ 2-1 އިން

އުރީދޫ ދިވެހި ޕްރިމިއާ ލީގުގައި ފަހު ވަގުތު އަލީ ހައިޝަމް ކާމިޔާބުކުރި ލަނޑުން އއ. މާޅޮސް ބަލިކޮށް، ގދ. ތިނަދޫ ޕޮއިންޓް ތާވަލުގެ ހަތަރު ވަނަ އަށް ޖެހިލައިފިއެވެ.

ހޯމަ ދުވަހު ހަވީރު ކުޅުނު މެޗު މާޅޮހާ ވާދަކޮށް ތިނަދޫ އިން މެޗު ކާމިޔާބުކުރީ 1-2 ގެ ނަތީޖާއަކުންނެވެ.

ގަލޮޅު ދަނޑުގައި ކުޅުނު މި މެޗު ފެށިގެން ބޯޅަ ކޮންޓްރޯލްކޮށްގެން ރަނގަޅަށް ކުޅުނީ ތިނަދޫ އިންނެވެ. އެގޮތުން އެޓީމުން ވަނީ މާޅޮސްގެ ހާފަށް ބާރު ބޮޑުކޮށް ލަނޑު ޖެހުމަށް ގިނަ ފުރުސަތުތަކެއް ތަނަވަސްކޮށްފައެވެ.

ތިނަދޫ އިން މެޗުގެ ލީޑު ނެގީ ފުރަތަމަ ހާފް ނިމެން ދެ މިނެޓަށްވެފައި ވަނިކޮށެވެ. މި ލަނޑު އެޓީމަށް ކާމިޔާބުކޮށްދިނީ އަހުމަދު ރިޒުވާން އެވެ. މި ލަނޑާއެކު ފުރަތަމަ ހާފް ނިމުނީ 0-1 ގެ ނަތީޖާއިން މާޅޮސްގެ މައްޗަށް ތިނަދޫ ކުރީގައި އޮވެގެންނެވެ.

ދެވަނަ ހާފް ފެށިގެން ވެސް ރަނގަޅަށް ކުޅެމުންދިޔައީ ތިނަދޫއިންނެވެ. އެހެން ނަމަވެސް ތިނަދޫ އިން ރަނގަޅަށް ކުޅެމުންދަނިކޮށް، މާޅޮހުން ވަނީ މެޗުގެ ނަތީޖާ ހަމަހަމަކޮށްފައެވެ. މި ލަނޑު އެޓީމަށް ކާމިޔާބުކޮށްދިނީ ބިދޭސީ ކުޅުންތެރިޔާ އެންހަލް ކަރަސްކޯ މުނޯޒްއެވެ.

މި ލަނޑާ އެކު ތިނަދޫ އިން ވަނީ އެޓޭކަށް ވިސްނައިގެން އެޓީމުގެ ކުޅުން އިތުރަށް ރަނގަޅުކޮށްފައެވެ. އެގޮތުން ތިނަދޫ އަށް ވަނީ ދެވަނަ ހާފްގައި ލަނޑު ޖެހުމަށް ހުސް ގިނަ ފުރުސަތުތަކެއް ލިބި ބޭކާރުވެފައެވެ.

މެޗުން ތިނަދޫ މޮޅުވި ލަނޑު ފަހު ވަގުކޮތުކޮޅު ތެރޭގައި އެޓީމަށް ކާމިޔާބުކޮށްދިނީ އަލީ ހައިޝަމްއެވެ. މެޗުގެ މޮޅު ކުޅުންތެރިޔަކަށް ހޮވުނީ ތިނަދޫ އަށް މެޗުގެ ލީޑު ނަގައިދިން އަހުމަދު ރިޒުވާންއެވެ.

މި ނަތީޖާއާއެކު ތިނަދޫ ވަނީ ކުޅުނު 13 މެޗުން 18 ޕޮއިންޓް ހަމަކޮށް، ޕޮއިންޓް ތާވަލުގެ ހަތަރުވަނަ ހޯދައިގެންނެވެ. މެޗުން ބަލިވި މާޅޮސް އޮތީ ކުޅުނު 13 މެޗުން ލިބުނު އަށް ޕޮއިންޓާ އެކު ޕޮއިންޓް ތާވަލުގެ ހަތް ވަނައިގައެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 18 ގަޑިއިރު ކުރި
ރިވިއު ކުރީ: އަލީ ޔޫސުފް
- ކޮމެންޓް