އަންނަ އަހަރަށް ލަފާކޮށް ސަރުކާރުން ހުށަހެޅި 27.9 ބިލިއަން ރުފިޔާގެ ބަޖެޓް މާބޮޑު ބަދަލުތަކެއް ނުގެނެސް، ބަޖެޓް ދިރާސާކުރާ ކޮމެޓީން ބަޖެޓް ފާސްކޮށްފި އެވެ.
ރައްޔިތުންގެ މަޖިލީހުގެ ބަޖެޓް ދިރާސާކުރާ ކޮމެޓީން ހޯމަ ދުވަހު މެންދުރު ފަހު ބޭއްވި ބައްދަލުވުމުގައި ބަޖެޓް ފާސްކޮށްފައި ވަނީ އެ ކޮމެޓީގައި ބައިވެރިވެވަޑައިގެންނެވި މެމްބަރުންގެ އިއްތިފާގުންނެވެ. އެކޮމެޓީގައި ބައިވެރިވެވަޑައިގަންނަވާފައި ވަނީ ސަރުކާރަށް ނިސްބަތްވާ މެމްބަރުން އެކަންޏެވެ. އިދިކޮޅު މެމްބަރުން ވަނީ ހޯމަ ދުވަހުގެ ބަޖެޓް ކޮމެޓީގެ ބައްދަލުވުންތައް ބޮއިކޮޓްކޮށްފަ އެވެ.
މިމަހުގެ 15 ވަނަ ދުވަހު ބޭއްވި ރައްޔިތުންގެ މަޖިލީހުގެ ޖަލްސާއަށް އަންނަ 2018 ވަނަ އަހަރަށް ލަފާކުރާ ދައުލަތުގެ ބަޖެޓް ހުށަހަޅުއްވައިދެއްވީ ފިނޭންސް މިނިސްޓަރު އަހުމަދު މުނައްވަރު އެވެ.
ބަޖެޓް ހުށަހަޅުއްވަމުން ފިނޭންސް މިނިސްޓަރު މުނައްވަރު ވިދާޅުވެފައި ވަނީ ދައުލަތަށް 22.4 ބިލިއަން ރުފިޔާ ލިބޭނެ ކަމަށް އަންދާޒާކުރެވޭ ކަމަށެވެ.
ބަޖެޓް ޑިފިސިޓް ވާނެ ކަމަށް ލަފާކޮށްފައި ވަނީ 2.5 ބިލިއަން ރުފިޔާ އެވެ. އެއީ ޖީޑީޕީގެ ނިސްބަތުން 3.2 އިންސައްތަ އެވެ.
މިދިޔަ އަހަރު ފާސްކޮށް މި އަހަރަށް ކަނޑައަޅާފައި ވަނީ 26.7 ބިލިއަން ރުފިޔާގެ ބަޖެޓެކެވެ. މީގެ އިތުރުން 493 މިލިއަން ރުފިޔާގެ ސަޕްލިމެންޓަރީ ބަޖެޓެއް މިދިޔަ އޮކްޓޯބަރު މަހުގެ ތެރޭގައި ވަނީ ރައްޔިތުންގެ މަޖިލީހަށް ހަށަހަޅައި ފާސްކޮށްފަ އެވެ. އެހެންކަމުން 2017 ވަނަ އަހަރުގެ ޖުމްލަ ބަޖެޓް 27.3 ބިލިއަން ރުފިޔާއަށް ވަނީ އަރާފަ އެވެ.
މި އަހަރު އާމްދަނީ ގޮތުގައި 21.9 ބިލިއަން ރުފިޔާ ލިބޭނެ ކަމަށް ލަފާކޮށްފައިވާއިރު އަންދާޒާ ކުރި އާމްދަނީ ލިބިފައިނުވާ ކަމަށް ފިނޭންސް މިނިސްޓަރު މުނައްވަރު ވިދާޅުވެފައި ވެއެވެ.