ހދ. ކުރިނބީގައި ސަރުކާރުން އެޅުމަށް ނިންމާފައިވާ ފުޓްސަލް ދަނޑު އަޅާނެ ކަމަށާއި ދިމާވެގެން އުޅޭ މައްސަލައަކީ އެރަށުގެ އެމްޑީޕީ މީހުންނަށް ހަޖަމް ނުވުން ކަމަށް ކުރިނބީ ކައުންސިލުން ބުނެފިއެވެ.
ކުރިނބީގައި ސަރުކާރުން އަޅާނެ ކަމަށް ވައުދުވެފައިވާ ފުޓްސަލް ދަނޑުގެ މަސައްކަތް ފަށަން ބުނި ތާރީޚްގައި ނުވުމުން އެރަށު ޒުވާނުން ފާޅުކުރި ޝުޢޫރުތަކަށް ރައްދު ދެއްވަމުން އެރަށު ކައުންސިލްގެ ރައީސް މުހައްމަދު އަފްރާހް ރާއްޖެ އެމްވީއަށް ވިދާޅުވީ ކުރިނބީގައި ފުޓްސަލް ދަނޑު އެޅުމުގައި އެއްވެސް ކަމެއް ގޯހުން ނުދާ ކަމަށެވެ. އަދި އެކަން މިސަރުކާރުން ކުރާނެ ކަމަށާއި ދިމާވެގެން އުޅޭ ކަމަކީ އެވަރުގެ ތަރައްޤީތަކެއް ގެންނާތީ ރަށުގައި ތިބި އެމްޑީޕީ މީހުންނަށް ހަޖަމް ނުވުން ކަމަށެވެ.
ކުރިނބީގައި ފުޓްސަލް ދަނޑު އެޅުމުގެ މަސައްކަތް ބުނެފައިވާ ތާރީޚަށް ފެށިފައި ނުވާތީ ޒުވާނުންގެ ތެރެއިން މީހަކު އެރަށު ކައުންސިލަށް ފޮނުވާފައިވާ ސިޓީއަކަށް ދެއްވާފައިވާ ޖަވާބު، ސޯޝަލް މީޑިއާގައި ދަނީ ދައުރުވަމުންނެވެ.
ކައުންސިލުން އޭނާއަށް ދީފައިވާ ޖަވާބުގެ ސިޓީގައި ބުނެފައި ވަނީ "ރައީސް ޔާމީންގެ ސަރުކާރުން ހދ. ކުރިނބީގައި އެޅުމަށް ހަމަޖެހިފައިވާ ފުޓްސަލް ދަނޑުގެ ޢަމަލީ މަސައްކަތް ކުރިއަށް މިއޮތް މަހެއްހާ ދުވަސްތެރޭ ފެށިގެން ދާނެކަމުގައި ދަންނަވާ،" ކަމަށެވެ.
މިސިޓީއާ ހަވާލާދީ އެރަށު ޒުވާނަކު ބުނެފައި ވަނީ އެސިޓީއަކީ އެރަށުގައި އަޅާ ފުޓްސަލް ދަނޑުގެ އަޕްޑޭޓެއް ހޯދުމަށް ފޮނުވި ސިޓީއަށް ޕީޕީއެމްގެ މެޖޯރިޓީ އޮންނަ ކުރިނބީ ކައުންސިލުން އޭރު ދިން ޖަވާބު ކަމަށެވެ.
އެއީ މިއަހަރުގެ އޮގަސްޓް މަހުގެ 16 ވަނަ ދުވަހު ފޮނުވާފައި ސިޓީއަކަށްވާއިރު އޭގެ ފަހުން އެއްމަސް ފާއިތުވެ މިމަހުގެ 16 ވަނަ ދުވަހަށް 3 މަސް ވެފައިވާއިރު އަދިވެސް އެމަސައްކަތް ފެށިފައެއް ނުވެއެވެ.
އެރަށުން ވާހަކަ ދެއްކި ޒުވާނަކު ބުނީ އެސިޓީއަށް ފަހު ވެސް، ޒުވާނުންނާ ކައުންސިލުން ބައްދަލުކޮށް، މިމަހުގެ 18 ވަނަ ދުވަހުގެ ކުރިން ފުޓްސަލް ދަނޑު އެޅުމަށް ބޭނުންވާ ސާމާނު އެރަށަށް އަރުވާނެ ކަމަށް ބުނެފައިވާ ކަމަށެވެ. ނަމަވެސް މިއަދާ ހަމައަށް އައިއިރު ސާމާނު އަރުވާފައި ނުވާ ކަމަށާއި ރައީސް ޔާމީންގެ ސަރުކާރުން ދަނީ ކުރިނބީ ޒުވާނުންނަށް އޮޅުވާލަމުން ކަމަށެވެ.