މޫސުމަށް އަންނަ ބަދަލުތަކާ ގުޅޭ ގޮތުން ބެލްޖިއަމްގެ މަޝްހޫރު ޔުނިވާސިޓީ އޮފް ލީޖްގެ ހޫގޯ އޮބްޒާވެޓަރީން އިންތިޒާމްކުރާ ފެސްޓިވަލް ހޫގޯގައި ބައިވެރިވެވަޑައިގަތުމަށް ކުރީގެ ރައީސް މުހައްމަދު ނަޝީދު ލަންޑަނުން ބްރަސަލްސްއަށް ވަޑައިގެންފިއެވެ.
ނޮވެމްބަރު 20 އިން 24 އަށް ކުރިއަށްދާ މި ފެސްޓިވަލްގައި ދުނިޔޭގެ މޫސުމަށް އަންނަ ބަދަލުތަކާ ގުޅޭ ގޮތުން ބެލްޖިއަމްގެ ނޫސްވެރިންނާ ބައްދަލުކުރައްވާނެއެވެ. އެއަށް ފަހު އެމެރިކާގެ ކުރީގެ ނައިބު ރައީސް އަލް ގޯ ލިޔުއްވާފައިވާ ޑޮކިއުމަންޓަރީ ފިލްމް "އެން އިންކޮންވީނިއެންޓް ސީކުއެލް"ގެ ސްކްރީނިންގައި ރައީސް ނަޝީދު ބައިވެރިވެ ވަޑައިގަންނަވާނެއެވެ. އަދި ނޮވެމްބަރު 21 ގައި ދިވެހިރާއްޖެ އާއި، ތިމާވެށިގެ މައްސަލަތަކާ ގުޅޭ ގޮތުން ރައީސް ނަޝީދު ކުރައްވާފައިވާ މަސައްކަތްޕުޅުގެ މައްޗަށް އުފައްދާފައިވާ ޑޮކިއުމަންޓްރީ ފިލްމް "ދި އައިލެންޑް ޕްރެޒިޑެންޓް"ގެ ސްކްރީނިންގައި ވެސް ބައިވެރިވެ ވަޑައިގަންނަވާނެއެވެ. މީގެ އިތުރުން މޫސުމަށް އަންނަ ބަދަކުތަކާ ގުޅޭ ގޮތުން ޙާއްސަކުރެވިފައިވާ ޕެނަލް ޑިސްކަޝަނެއްގައި ބައިވެރިވެ ވަޑައިގަންނަވާނެއެވެ. މީގެ އިތުރުން ރައީސް ނަޝީދުގެ ޝަރަފުގައި ބާއްވާ ރިސެޕްޝަނެއް ވެސް 21 ވަނަ ދުވަހުގެރޭ އޮންނާނެއެވެ.
ބެލްޖިއަމް އަށް ރައީސް ނަޝީދު ކުރައްވާ މި ދަތުރުފުޅުގައި ދިވެހިރާއްޖޭގެ ސިޔާސީ މަސްރަހާ ގުޅޭ ގޮތުން ބްރަސްލްސްގައި ތިއްބަވާ ވިލާތުގެ އިއްތިޙާދުގެ އޮފިޝަލުންނާ ބައްދަލުކުރެއްވުމަށް ހަމަޖެހިފައިވާ ކަމަށް ރައީސް ނަޝީދުގެ އޮފީހުން ބުނެއެވެ.
ދިވެހި ސަރުކާރުން ރައީސް ނަޝީދަކީ ކުށްވެރިއެކޭ ބުނި ނަމަވެސް ބައިނަލްއަޤްވާމީ މުޖްތަމައުން ގެންދަނީ އެކިކަހަލަ ބައިނަލްއަޤްވާމީ ފޯރަމްތަކަށް ރައީސް ނަޝީދަށް ދައުވަތުދެމުންނެވެ. ޚާއްސަކޮށް، އެމަނިކުފަނަކީ އަދިވެސް ތިމާވެށީގެ ރޮނގުން ބައިނަލްއަޤްވާމީ މައިދާނުގައި ނުފޫޒުގަދަ ބޭފުޅެކެވެ.