އަންނަ އަހަރަށް ލަފާކުރާ ދައުލަތުގެ ބަޖެޓް ރައްޔިތުންގެ މަޖިލީހުން ދިރާސާ ކުރަމުންދާއިރު، މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ)ގެ ގަވަރުނަރު އަހުމަދު ނަސީރު ރާއްޖޭގައި ވަޑައިގެން ނޫޅުއްވާ ކަމަށް ދެކެވޭ ވާހަކަތައް އެމްއެމްއޭއިން ދޮގުކޮށްފި އެވެ.
އެމްއެމްއޭއިން އެގޮތަށް ބުނެފައި ވަނީ އެމްއެމްއޭގެ ގަވަރުނަރު މިވަގުތު މާލޭގައި ނެތްކަން ވެސް އިދިކޮޅު މެމްބަރުންނަށް އެނގިވަޑައި ނުގަންނަވާ ކަމަށާއި މާލޭގައި ނެތް ފަރާތެއް ކޮމެޓީއަށް ގެންނާނީ ކިހިނަކުންތޯ ސުވާލު ކުރައްވައި މަޖިލީހުގެ ބަޖެޓް ދިރާސާކުރާ ކޮމެޓީގައި ޕީޕީއެމް ޕާލަމެންޓްރީ ގްރޫޕްގެ ނައިބު ލީޑަރު ރިޔާޒު ރަޝީދު ވާހަކަ ދެއްކެވުމުން މީޑިއާތަކުން އެކަން އެގޮތަށް ރިޕޯޓް ކުރުމާ ގުޅިގެންނެވެ.
އެމްއެމްއޭއިން ބުނީ ގަވަރުނަރު އަހުމަދު ނަސީރު މިވަގުތު މާލޭގައި އުޅުއްވާ ކަމަށެވެ.
ގަވަރުނަރު ނަސީރު ރާއްޖޭގައި ނެތް ކަން ދޭހަވާ ގޮތަށް މެމްބަރު ރިޔާޒު ރަޝީދު ހާމަކުރައްވާފައި ވަނީ ބަޖެެޓް ދިރާސާކުރާ ކޮމެޓީގައި އިދިކޮޅު މެމްބަރުން އެމްއެމްއޭގެ ގަވަރުނަރާއި އޮޑިޓަރ ޖެނެރަލް ކޮމެޓީއަށް ހާޒިރު ކުރައްވައި، މައުލޫމާތު އޮޅުންފިލުވުމަށް ބަޖެޓް ދިރާސާކުރާ ކޮމެޓީއަށް އެޖެންޑާ ކުރުމަށް ފަހު، ލިޔުމުން އެމްއެމްއޭގެ ލަފާ ހޯދައި ކޮމެޓީގެ ބައްދަލުވުން ކުރިއަށް ގެންދިއުމާ ގުޅިގެން އިދިކޮޅު މެމްބަރުން ކޮމެޓީ ދޫކުރައްވާ ނިކުމެވަޑައިގެންނެވި ފަހުންނެވެ.
ހޯމަ ދުވަހުގެ މެންދުރު ކުރިން ބަޖެޓް ދިރާސާކުރާ ކޮމެޓީގެ ބައްދަލުވުން ބާއްވާފައި ވަނީ އެމްއެމްއޭގެ ގަވަރުނަރާއި އޮޑިޓަރ ޖެނެރަލް ލިޔުމުން ދެއްވާފައިވާ ލަފަޔާ ގުޅޭ ގޮތުން މަޝްވަރާ ކުރުމަށެވެ.
އިދިކޮޅު މެމްބަރުން ވިދާޅުވަމުން ގެންދެވީ ގަވަރުނަރާއި އޮޑިޓަރ ޖެނެރަލް ކޮމެޓީއާއަށް ހާޒިރުކުރައްވައި މައުލޫމާތު އޮޅުން ފިލުވަން ބޭނުންވާ ކަމަށެވެ.
އެ ވާހަކަތަކަށް ރައްދު ދެއްވަމުން ކޮމެޓީގެ މުގައްރިރު އަހުމަދު ނިހާނު ހުސައިން މަނިކު ވިދާޅުވީ ގަވަރުނަރާއި އޮޑިޓަރ ޖެނެރަލް ކޮމެޓީއަށް ހާޒިރު ކުރުމަށް ކޮމެޓީން ނިންމާފައި ނުވާ ކަމަށެވެ.
ނިހާނު އެގޮތަށް ވިދާޅާޅުވި ނަމަވެސް މަޖިލީހުގެ އިދާރާއިން ފޮނުވާފައިވާ މެސެޖެއްގައި ވަނީ ގަވަރުނަރާ އެކު ބާއްވާ ބައްދަލުވުން ހޯމަ ދުވަހު 10:30 އިން 11:30 އަށް އޮންނާނެ ކަމަށާއި އަދި އޮޑިޓަރ ޖެނެރަލާ އެކު ބާއްވާ ބައްދަލުވުން 12:00 އިން 13:00 އަށް އޮންނާނެ ކަމަށެވެ. ނަމަވެސް މަޖިލީހުގެ އިރާދާއިން ފަހުން ވަނީ ގަވަރުނަރާއި އޮޑިޓާރ ޖެނެރަލް ލިޔުމުން ދެއްވާފައިވާ ލަފާއާ މެދު މަޝްވަރާ ކުރެއްވުން ހޯމަ ދުވަހުގެ 11:00 އަށް އޮންނާނެ ކަމަށެވެ.
ގަވަރުނަރާއި އޮޑިޓަރ ޖެނެރަލް ކޮމެޓީއަށް ހާޒިރުވެ ވަޑައިގަންނަވާފައި ނުވާތީ، އިދިކޮޅު މެމްބަރުން ދެން ވިދާޅުވަމުން ގެންދެވީ ގަވަރުނަރާއި އޮޑިޓަރ ޖެނެރަލް ލިޔުމުން ދެއްވާފައިވާ ލަފަޔަށް ވާހަކަ ދެއްކުމަށް އެކަށީގެންވާ ވަގުތު ދިނުމަށެވެ.
ނަމަވެސް ކޮމެޓީގެ ކުރިން ބޭއްވި މައްދަލުވުން ކުރިއަށް ގެންގޮސްފައި ވަނީ ޕީޕީއެމްއަށް 30 މިނެޓް، އެމްޑީޕީއަށް 20 މިނެޓް، ޖުމްހޫރީ ޕާޓީއަށް 10، އަދި އެމްޑީއޭއަށް 05 މިނެޓް ދީގެންނެވެ، އެގޮތަށް ކުރިއަށް ގެންދިއުމުގެ ބަދަލުގައި ޕީޕީއެމް ޕާލަމެންޓްރީ ގްރޫޕްގެ ނައިބު ލީޑަރު ރިޔާޒު ރަޝީދު ވިދާޅުވީ ކޮންމެ މެމްބަރަކަށް ތިން މިނެޓް ދިނުމަށެވެ.
ރިޔާޒު އެގޮތަށް ވިދާޅުވިއިރު، ކޮމެޓީގެ މެޖޯރިޓީ އޮތީ ސަރުކާރަށް ނިސްބަތްވާ މެމްބަރުންގެ އަތުގަ އެވެ. އިދިކޮޅު ބައެއް މެމްބަރުން އެވަގުތު ކޮމެޓީގައި ނެތުމުން އިދިކޮޅު މެމްބަރުންގެ ތެރެއިން އިސްކޮށް ހުންނެވި އެމްޑީޕީ ޕާލަމެންޓްރީ ގްރޫޕްގެ އިބްރާހީމް ޝަރީފް ކޮމެޓީގެ މެޖޯރިޓީ މިއަދު ސަރުކާރަށް ނިސްބަތްވާ މެމްބަރުންނަށް އޮތުމުން އޭގެ ނާޖާއިޒު ފައިދާ ނެގުމަކީ އެއްގޮތަށް ވެސް ގަބޫލު ކުރެވޭ ކަމެއް ނޫން ކަމަށާއި ސަރުކާރަށް ނިސްބަތްވާ މެމްބަރުން ބޭނުންވާ ގޮތަކަށް ކޮމެޓީ ކުރިއަށް ގެންދަން ބޭނުންވާ ނަމަ އިދިކޮޅު މެމްބަރުން ކޮމެޓީ ދޫކުރައްވާ ނިކުންނަވާނެ ކަމަށެވެ. އެގޮތުން އެކޮމެޓީގެ ބައްދަލުވުމުން އިދިކޮޅު މެމްބަރުން ވަނީ ނިކުމެވަޑައިގަންނަވާފަ އެވެ.
ބަޖެޓް ކޮމެޓީގެ ބައްދަލުވުމެއް ދެން ބޭއްވީ މެންދުރު ފަހު އެވެ. އެއީ މިނިވަން މުއައްސަސާތަކުން ބަޖެޓާ ގުޅިގެން ހުށަހަޅާފައިވާ ކަންކަމާ ބެހޭ ގޮތުން މަޝްވަރާކުރުމަށެވެ. އެބައްދަލުވުމުގައި ވެސް ކޮންމެ މެމްބަރަކަށް ތިން މިނެޓް ދިނުމަށް ޕީޕީއެމް މެމްބަރު ރިޔާޒު ވާހަކަ ދެއްކެވުމާ ގުޅިގެން އިދިކޮޅު މެމްބަރުން ވަނީ ކޮމެޓީގައި ބައިވެރިވެވަޑައިގަންނަވަން ބޭނުންނުވާ ކަމަށް ވިދާޅުވެ ކޮމެޓީން ނިކުންނަވާފަ އެވެ.