ރަށްފުށުގައިވެސް އުފާވެރި ދިރިއުޅުމެއް އުޅެވޭނެ ގޮތް ފަހިކޮށްދޭން ޖެހޭނެ ކަމަށް ކިނބިދޫ ދާއިރާގެ މެމްބަރު އަބްދުﷲ ރިޔާޒް ވިދާޅުވެއްޖެއެވެ. ރިޔާޒް އެހެން ވިދާޅުވީ އަތޮޅުތެރޭގެ ރައްޔިތުން މާލެއަށް އައުމަށް ރައީސް އަބްދުﷲ ޔާމިން އަބްދުލްޤައްޔޫމް ގޮވާލެއްވި ގޮވާލެއްވުމަށް ރައްދު ދެވަމުންނެވެ. ސޯޝަލް ނެޓްވޯކް ޓްވިޓަރގައި ރިޔާޒް ވިދާޅުވީ އެންމެން މާލެ އައުމަކީ ހައްލެއް ނޫން ކަމަށެވެ. އަދި 2013ވަނަ އަހަރުގެ ރިޔާސީ އިންތިޚާބަށް ރައީސް އަބްދުﷲ ޔާމިން ވެވަޑައިގެންނެވި ވަޢުދުތަކުގެ ތެރޭގައި ކޮންމެ އަތޮޅެއްގައި ވެސް ހުޅުމާލެ ފެންވަރުގެ ރަށެއް ތަރައްޤީ ކޮށްދެއްވާނެ ކަމަށް ވެވަޑައިގެންނެވި ވަޢުދުގެ ވާހަކަ ފާހަގަ ކުރައްވަމުން ރިޔާޒް ވިދާޅުވީ، އެވައުދު ފުއްދުމެއް ނެތި މިހާރު ރާގު ބަދަލުވެއްޖެ ކަމަށެވެ. އަދި ރައީސް ޔާމީނަށް އިތުރު ދައުރެއް ދެވެން ނެތްކަމަށް ވެސް ރިޔާޒް ވިދާޅުވިއެވެ.
Komme atholhehgai HulhuMale eh hahdhavaane kamah 2013 campaign gai vaudhuvi. Evaudhu fuhdhumehnethi miadhu raagu badhaluvejje. Rahfushugaives ufaaveri dhiriulhumeh rayyithunnah ulheveynegoiy fahi kohdhevenjeheyne. Emmen Male aumakee halleh noon. RY ah ithuru dhaureh dheven neiy! https://t.co/ZxlcOINS2j
— Abdulla Riyaz MP (@riyazabdulla) November 20, 2017
ބޯހިޔާވަހިކަމުގެ މައްސަލައަށް ހައްލެއް ނާންނަނީސް އަދި މާލެ ތޮއްޖެހުމުގެ މައްސަލަ އިންތިހާއަށް ބޮޑުވެފައިވާ މިދަނޑިވަޅުގައި އެންމެން މާލެއައުމަށް ރައީސް ޔާމީން ދައުވަތު ދެއްވުމުން ގިނަ ބަޔަކު ދަނީ އެކަމަށް ފާޑުކިޔަމުންނެވެ. އެގޮތުން ހުޅުމާލޭގެ ތަރައްޤިގެ މަޝްރޫޢުގެ ވެސް ހަޤީޤީ ޕްލޭނެއް ނެތި ސަރުކާރުން ގެދޮރުގެ ވައުދު ފުއްދާކަމަށް ބުނެ އޮޅުވާލަމުންދާ ކަމަށް ފާޑުކިޔާ ފަރާތްތަކުން ބުނެއެވެ. އަދި ރައީސް ޔާމީންގެ ބޯހިޔާވަހިކަމުގެ ވައުދު އެއްވެސް ވަރަކަށް ނުފުއްދޭ ކަމަށް އެމަނިކުފާނުގެ ވާދަވެރިން ދަނީ ބުނަމުންނެވެ. ރައީސް ޔާމިންގެ ވެރިކަމުގައި ބައެއް ފްލެޓްތައް ދިން ނަމަވެސް، އެފްލެޓްތަކަކީ ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ ވެރިކަމުގައި އަޅަން ފެށި ފްލެޓްތަކެއްކަން އެބޭފުޅުން ފާހަގަކުރައްވައެވެ.