ކ. މާލެ
|
20 ނޮވެންބަރ 2017 | ހޯމަ 12:27
މާސެލޯ (ކ) ރާމޯސް (މ) ރޮނާލްޑޯ (ވ) - ރެއާލްގެ ސްކޮޑުގައި ހަމަނުޖެހުން އުޅޭ ކަމުގެ އަޑުތައް ވަނީ ފެތުރިފައި
މާސެލޯ (ކ) ރާމޯސް (މ) ރޮނާލްޑޯ (ވ) - ރެއާލްގެ ސްކޮޑުގައި ހަމަނުޖެހުން އުޅޭ ކަމުގެ އަޑުތައް ވަނީ ފެތުރިފައި
ގެޓީ އިމޭޖަސް
ރެއާލް މެޑްރިޑް
ސްކޮޑުގެ ތެރޭގައި އެއްވެސް ހަމަނުޖެހުމެއް ނެތް: މާސެލޯ
ރެއާލްގެ ސްކޮޑުގައި ތިބި ބައެއް ކުޅުންތެރިން ވިއްކާލުމާއި ވިދިގެން ރާމޯސް އާއި ރޮނާލްޑޯ އާއި ދެމެދު ދެބަސްވުންތަކެއް އުފެދިފައިވޭ
މާސެލޯއަށް މިކަމުގެ އެއްވެސް މައުލޫމާތެއް ލިބިފައިނުވާ ކަމަށް އޭނާ ވަނީ ބުނެފައި

ސްޕެއިންގެ ރެއާލް މެޑްރިޑްގެ ސްކޮޑުގެ ތެރޭގައި އެއްވެސް ހަމަނުޖެހުމެއް ނުހިނގާ ކަމަށް އެ ޓީމުގެ ވައިސް ކެޕްޓަން މާސެލޯ ބުނެފިއެވެ.

މާސެލޯ މިހެން ބުނެފައިވަނީ ބައެއް މީޑިއާތަކުން މިފަދައިން ރިޕޯޓު ކޮށްފައިވާތީއެވެ. ރެއާލްގެ ސްކޮޑުގައި ތިބި ބައެއް ކުޅުންތެރިން ވިއްކާލުމާއި ވިދިގެން ރާމޯސް އާއި ރޮނާލްޑޯ އާއި ދެމެދު ދެބަސްވުންތަކެއް އުފެދިފައިވާ ކަމަށް ބައެއް ރިޕޯޓުތައް ބުނެއެވެ.

ދާދިފަހުން ރޮނާލްޑޯ ދިން އިންޓަވިއުއެއްގައި އޭނާ ބުނެފައި ވަނީ މިދިޔަ ސީޒަނަށް ވުރެ މި ސީޒަނުގެ ސްކޮޑުގައި ތިބީ ދަށް ކުޅުންތެރިން ކަމަށެވެ. އެގޮތުން އަލްވާރޯ މޮރާޓާ އާއި ޖޭމްސް ރޮޑްރިގޭޒްގެ އިތުރުން ޕެޕޭ ވިއްކާލުމަށް ފަހު އެ ޓީމަށް ގެނައި ކުޅުންތެރިންނާއި މެދު ރޮނާލްޑޯ ހިތްހަމަނުޖެހުން ފާޅުކޮށްފައިވެއެވެ. އެހެނަސް އެ ޓީމުގެ ކެޕްޓަން ސާޖިއޯ ރާމޯސް މިކަމާއި ދެކޮޅު ހަދާފައިވާ ކަމަށް ބައެއް ރިޕޯޓުތައް ބުނެއެވެ.

ނޫސްވެރިންގެ ބައްދަލުވުމެއްގައި މިކަމާއި ގުޅޭގޮތުން މާސެލޯ ބުނެފައިވަނީ ރޮނާލްޑޯ ހިތްހަމަނުޖެހުން ފާޅުކޮށްފައިވާ ކަމެއް ނޭނގޭ ކަމަށެވެ. އަދި ރާމޯސް އާއި ރޮނާލްޑޯއާއި ދެމެދު އެއްވެސް ދެބަސްވުމެއް އުޅޭ ކަމެއް ވެސް ނޭނގޭ ކަމަށް މާސެލޯ ވަނީ ބުނެފައެވެ. އަދި މިފަދަ ވާހަކަތަކަށް އިސްކަން ދިނުމުގެ ބަދަލުގައި ފޯކަސް ކުރަނީ ފުޓްބޯޅަ ކުޅެން ކަމަށް މާސެލޯ ވަނީ ބުނެފައެވެ.

ހޮނިހިރު ދުވަހު ކުޅުނު މެޑްރިޑް ޑާބީ އެއްވަރުވުމުން އެއްވަނައިގައި އޮތް ބާސެލޯނާ އާއި ރެއާލްއާއި ދެމެދު އޮތް ޕޮއިންޓްގެ ފަރަގު ވަނީ 10 އަކަށް އިތުރުވެފައެވެ. އެ މެޗާއި ގުޅޭގޮތުން މާސެލޯ ބުނީ ރެއާލްގެ ކުޅުންތެރިޔެއްގެ ގޮތުގައި މިއަށް ވުރެ މާ ބޮޑެތި ޕޮއިންޓްގެ ފަރަގު އަނބުރާލާފައިވާ ކަމަށާއި ވިސްނަނީ އަބަދުވެސް ދެން ކުޅެން ޖެހޭ މެޗަށް ކަމަށެވެ.

 ހަމައެހެންމެ ސީޒަނުގައި ބާކީ ހުރި ހުރިހާ މެޗެއް ކާމިޔާބު ކުރަން މަސައްކަތް ކުރަން ޖެހޭނެ ކަމަށާއި ކޮންމެ ކަމަކީ ވެސް ކުރެވިދާނެ ކަމެއް ކަމަށް ގަބޫލުކުރާ ކަމަށް މާސެލޯ ބުނެފައިވެއެވެ. އަދި އެ މެޗުގައި އެޓްލެޓިކޯއަށް ވުރެ މޮޅަށް ކުޅުނީ ރެއާލް ކަމަށާއި ކުރިޔަށް ހުރި މެޗުތަކުގައި ޓީމުގެ ފަރާތުން އަދި މާ އެދެވޭ ކުޅުން ފެންނާނެ ކަމުގެ ފުރިހަމަ ޔަގީންކަން އެބައޮތް ކަމަށް މާސެލޯ ވަނީ ބުނެފައެވެ. އަދި ސްކޮޑުގައި ތިބި ހުރިހާ ކުޅުންތެރިންވެސް ފިޓުކޮށް ތިބުމަކީ ވަރަށް މުހިންމު ކަމެއް ކަމަށް އޭނާ ބުނެފައިވެއެވެ.

ރެއާލްގެ ސްކޮޑުގައި ހަމަނުޖެހުން އުޅޭ ކަމަށް ބައެއް މީޑިއާތަކުން ރިޕޯޓު ކޮށްފައިވާއިރު މި ސީޒަނުގައި އެ ޓީމަށް މާ އެދެވޭ ކުޅުމެއް ދެއްކިފައެއް ނުވެއެވެ. އެގޮތުން ލަލީގާގައި އެ ޓީމު ތިންވަނައިގައި އޮތްއިރު ޔުއެފާ ޗެމްޕިއަންސް ލީގުގައި އެ ޓީމު ހިމެނޭ ގްރޫޕުގައި އޮތީ ދެވަނައިގައެވެ.

- ކޮމެންޓް