މަސްތުވާތަކެތީގެ މައްސަލައަކާ ގުޅިގެން މީހަކު 10 އަހަރަށް ޖަލަށް ލުމަށް ދަށު ކޯޓުން ކުރި ހުކުމަކަށް، ހައިކޯޓުން ތާއީދުކުރިތާ ހަފްތާއެއް ނުވަނީސް އެ މީހާ މިނިވަންކޮށްފި އެވެ.
ރާއްޖެއެމްވީއަށް މައުލޫމާތު ލިބިފައިވާ ގޮތުގައި މިނިވަންކޮށްފައިވަނީ ހއ. ދިއްދޫ ޖަރީމާގޭ، އަބްދުއްސައްތާރު މުހައްމަދެވެ. އަބްދުއްސައްތާރު މުހައްމަދު މިނިވަން ކޮށްފައިވަނީ، މިދިޔަ ހަފްތާގެ ތެރޭގައި ރައީސް އަބްދުﷲ ޔާމީން މައާފު ދެއްވައި މިނިވަންކުރެއްވި 429 ގައިދީންނާއެކުގަ އެވެ.
އޭނާ މިނިވަންކުރީ ހުކުމުގެ ހަތަރު ބައިކުޅަ އެއްބައި ތަންފީޒުކޮށްފައިވާ ކަމަށް ބުނެ އެވެ.
މަސްތުވާތަކެތި ޓްރެފިކް ކުރި މައްސަލައެއްގައި އޭނާ 10 އަހަރަށް ޖަލަށްލުމާއެކު، 50،000 ރުފިޔާއިން ޖޫރިމަނާ ކުރުމަށް ކްރިމިނަލް ކޯޓުން ހުކުމް ކުރީ 2015 ވަނަ އަހަރުގެ އޭޕްރީލް އަށް ވަނަ ދުވަހު އެވެ.
މިދިޔަ ހަފްތާގައި އޭނާ މިނިވަންކުރިއިރު، މިދިޔަ ހަފްތާގެ ހޯމަ ދުވަހު، ކްރިމިނަލް ކޯޓުގެ ހުކުމަށް ހައިކޯޓުން ވަނީ ތާއީދުކޮށްފަ އެވެ. ހައިކޯޓުން ކުރި ހުކުމުގައި ބުނެފައިވަނީ ދަށު ކޯޓުގެ ހުކުމަށް ބަދަލުގެންނަންޖެހޭ ޝަރުއީ އަދި ގާނޫނީ ސަބަބެއް ނެތް ކަމަށެވެ.
އަބްދުއްސައްތާރު މިނިވަންކުރުމާ ގުޅޭ ގޮތުން މޯލްޑިވްސް ކަރެކްޝަނަލް ސަރވިސްއާއި ހޯމް މިނިސްޓްރީގެ ބަހެއް ހޯދުމަށް ރާއްޖެއެމްވީއިން ކުރި މަސައްކަތް މިހާތަނަށް ކާމިޔާބުވާގޮތް ވަނީ ނުވެފަ އެވެ.
އަބްދުއްސައްތާރަކީ، ރައީސް މުހައްމަދު ނަޝީދުގެ ވެރިކަމުގައި މަތި އުތުރު ޕްރޮވިންސްގެ ސްޓޭޓް މިނިސްޓަރުކަމުގެ މަގާމު އަދާކުރެއްވި އާދަމް ނަސީރުގެ ބޭބެ އެވެ.
އެމްޑީޕީ ގައުމީ މަޖިލީހުގެ މެންބަރުކަން ވެސް ކުރެއްވި، އާދަމް ނަސީރު ވަނީ ސެޕްޓެމްބަރު މަހުގެ ތެރޭގައި ޕީޕީއެމްއާ ގުޅިވަޑައިގެންފަ އެވެ. އޭނާ ޕީޕީއެމްއާ ގުޅިވަޑައިގަތީ ރައީސް ޔާމީނުގެ އަނބިކަނބަލުން ފާތުމަތު އިބްރާހިމް ދީދީ ދިއްދޫއަށް ވަޑައިގެން ކުރިއަށް ގެންދެވި ހަރަކާތްތަކުގެ ތެރެއިންނެވެ.