ކ. މާލެ
|
20 ނޮވެންބަރ 2017 | ހޯމަ 11:24
ޑިމިޓްރޯވް ތަށި އުފުލާލަނީ
ޑިމިޓްރޯވް ތަށި އުފުލާލަނީ
ޓްވިޓަރ
އޭޓީޕީ ވޯލްޑް ޓުއަރ ފައިނަލްސް
އޭޓީޕީ ފައިނަލްސް: ގޮފިން ބަލިކޮށް ޑިމިޓްރޯވް ތަށި އުފުލާލައިފި
ފައިނަލް މެޗުގައި ޑިމިޓްރޯވް ވަނީ ދެ ސެޓު އެއް ސެޓުން ގޮފިން ބަލިކޮށްފަ
މި މޮޅާއިއެކު ޑިމިޓްރޯވް އަހަރު ނިންމާލާނީ ދުނިޔޭގެ ރޭންކިންގެ ތިން ވަނައިގައި އޮވެގެން

 

ލަންޑަނުގައި ކުރިޔަށްދިޔަ އޭޓީޕީ ވޯލްޑް ޓުއާ ފައިނަލްސްގައި ބެލްޖިއަމްގެ ޑޭވިޑް ގޮފިން ބަލިކޮށް ބަލްގޭރިއާގެ ގްރިގޯ ޑިމިޓްރޯވް ތަށި އުފުލާލައިފިއެވެ.

ފައިނަލް މެޗުގައި ޑިމިޓްރޯވް ވަނީ ދެ ސެޓު އެއް ސެޓުން ގޮފިން ބަލިކޮށްފައެވެ.

މި މުބާރާތާއި ކުރިމަތިލިއިރު ދުނިޔޭގެ ރޭންކިންގެ ހަވަނައިގައި އޮތް ޑިމިޓްރޯވް ފައިނަލުގެ ޖާގައެއް ހޯދީ ސެމީ ފައިނަލުގައި ދެ ސެޓު އެއް ސެޓުން އެމެރިކާގެ ޖެކް ސޮކް ބަލިކޮށްގެންނެވެ. ހަމައެހެންމެ ދުނިޔޭގެ ރޭންކިންގެ އަށް ވަނައިގައި އޮވެގެން މި މުބާރާތާއި ކުރިމަތިލި ގޮފިން މި މުބާރާތުގެ ފައިނަލުން ޖާގަ ހޯދީ ސެމީގައި ދެ ސެޓު އެއް ސެޓުން ދުނިޔޭގެ ރޭންކިންގެ ދެވަނައިގައި އޮތް ސްވިޓްޒަލޭންޑުގެ ރޯޖާ ފެޑެރާ ބަލި ކޮށްގެންނެވެ.

ލަންޑަންގެ އޯޓޫ އެރީނާގައި ކުޅުނު ފައިނަލް މެޗުގެ ފުރަތަމަ ސެޓު 7-5 އިން ޑިމިޓްރޯވް ގެންދިޔަ ނަމަވެސް ގޮފިން ވަނީ ދެވަނަ ސެޓު 6-4 އިން ގެންގޮސް މެޗުގެ ނަތީޖާ ހަމަހަމަ ކޮށްފައެވެ. އެހެނަސް ޑިމިޓްރޯވް ވަނީ ފަހު ސެޓު 6-3 އިން ގެންގޮސް އޭނާގެ ކެރިއަރުގައި ފުރަތަމަ ފަހަރަށް މި މުބާރާތް ކާމިޔާބު ކޮށްފައެވެ. މި މޮޅާއިއެކު ޑިމިޓްރޯވް އަހަރު ނިންމާލާނީ ދުނިޔޭގެ ރޭންކިންގެ ތިން ވަނައިގައި އޮވެގެންނެވެ. މި މެޗުން ބަލިވި ނަމަވެސް ގޮފިންއަށް ވެސް ވަނީ ރޭންކިންގައި އެއް ދަރަޖައިގެ ކުރިއެރުމެއް ލިބިފައެވެ.

ޑިމިޓްރޯވް ވެގެން ގޮސްފައި ވަނީ 1998 ވަނަ އަހަރު ސްޕެއިންގެ އެލެކްސް ކޮރޭހާ މި މުބާރާތް ކާމިޔާބުކުރި ފަހުން މުބާރާތަށް ކޮލިފައިވި ފުރަތަމަ ފަހަރު މުބާރާތް ކާމިޔާބުކުރި ހަމައެކަނި އެތްލީޓަށެވެ. ނޫސްވެރިންނާއި ވާހަކަ ދައްކަމުން ޑިމިޓްރޯވް ބުނީ މިއީ ގަބޫލްކުރަން ވެސް ދަތި ކަމެއް ކަމަށާއި އަންނަ އަހަރު ގްރޭންޑް ސްލޭމް މުބާރާތެއް ކާމިޔާބުކުރުމަކީ އެންމެ ބޮޑު އަމާޒު ކަމަށެވެ. އެގޮތުން އެ ހުވަފެން ހަގީގަތަކަށް ހެދުމަށް އަދިވެސް ވަރަށް ގިނަ މަސައްކަތް ކުރަން އެބަހުރި ކަމަށް ޑިމިޓްރޯވް ވަނީ ބުނެފައެވެ.

މި އަހަރުގެ މުބާރާތުގައި އަނިޔާގެ ސަބަބުން ގިނަ ޓެނިސް ތަރިން ފެނިގެން ގޮސްފައެއް ނުވެއެވެ. އެގޮތުން ނޮވަކް ޖޮކޮވިޗް އާއި އެންޑީ މަރޭގެ އިތުރުން ދުނިޔޭގެ އެއް ވަނައިގައި މިވަގުތު ރޭންކް ކުރެވިފައި އޮތް ރަފައޭލް ނަދާލް މި އަހަރުގެ މުބާރާތުގައި ވާދަކޮށްފައެއް ނުވެއެވެ. މިކަމާއި ގުޅޭގޮތުން ޑިމިޓްރޯވް ބުނީ އަންނަ އަހަރު އެ ކުޅުންތެރިން އަނބުރާ އަންނާނެ ކަމަށާއި އޭގެ ސަބަބުން މި އަންނަ ސީޒަން ވެގެންދާނީ އުނދަގޫ ސީޒަނަކަށް ކަމަށެވެ.

މި ސީޒަން ވެގެން ގޮސްފައިވަނީ ޑިމިޓްރޯވްގެ ކެރިއަރުގައި ވެސް އެންމެ ކާމިޔާބު ސީޒަނަށެވެ. އެގޮތުން މިދިޔަ އޮގަސްޓް މަހު އޭނާ ވަނީ ސިންސިނާޓީ މާސްޓާސްގެ ތަށި ހޯދާފައެވެ. މި މުބާރާތަކީ ގްރޭންޑް ސްލޭމް މުބާރާތްތަކުގެ ބޭރުން އެންމެ ޝަރަފްވެރި އެއް ޓެނިސް މުބާރާތެވެ.

ޑިމިޓްރޯވްއަށް ސީޒަން ނިމުނު ނަމަވެސް ގޮފިންއަށް އަދި ބާކީ އެއް މުބާރާތް އެބައޮތެވެ. އެގޮތުން ބެލްޖިއަމްގެ ގައުމީ ޓީމާއިއެކު އަންނަ ހަފްތާގައި އޭނާ ޑޭވިސް ކަޕްގެ ފައިނަލުގައި ވާދަކުރާނެއެވެ.

- ކޮމެންޓް