ކ. މާލެ
|
20 ނޮވެންބަރ 2017 | ހޯމަ 11:21
ސީއެންއެންއިން އާއްމުކުރި އިންސާނުން ނީލަން"ކިޔާ ވީޑިއޯގެ ސްކްރީން ޝޮޓެއް
ސީއެންއެންއިން އާއްމުކުރި އިންސާނުން ނީލަން"ކިޔާ ވީޑިއޯގެ ސްކްރީން ޝޮޓެއް
ސީ.އެން.އެން
ލީބިޔާ
400 ޑޮލަރަށް އިންސާނުން ވިއްކަނީ!
ވީޑިއޯއިން ފެންނަނީ ހެޔޮ އަގުގައި އިންސާނުން ނީލަންކިޔާ މަންޒަރު

އަޅުން ގަނެ ވިއްކުމުގެ ވިޔަފާރި ލީބިޔާގައި ކުރާ ވީޑިއޯތަކެއް ސީއެންއެންއިން އާއްމުކުރުމާ ގުޅިގެން އެމައްސަލަ ބަލާނެ ކަމަށް ލީބިޔާގެ ވަގުތީ ސަރުކާރުން ބުނެފިއެވެ.

ސީއެންއެންއިން އާއްމުކުރި ވީޑިއޯއިން ފެންނަ ގޮތުގައި ގިނަ އަދަދެއްގެ ފިރިހެނުންތަކެއް ވަރަށް އަގުހެޔޮކޮށް "ނީލަން" ކިޔާތަން ފެނެއެވެ. އެގޮތުން ދަނޑުވެރިކަމާއި އެނޫން މަސައްކަތްތަކުގައި އަޅުންގެ ގޮތުގައި ބޭނުންކުރުމަށް ވިއްކާލި ބައެއް މީހުން 400 ޑޮލަރަށްވެސް ވިއްކާ މަންޒަރު ފެނެއެވެ. ލީބިޔާގައި ޤާއިމްކޮށްފައިވާ އދ.އިން ޤަބޫލުކުރާ ވަގުތީ ސަރުކާރުން ބުނީ އެމައްސަލަ މިހާރު ތަހުޤީގްކުރަމުންދާ ކަމަށެވެ. މިއީ ހަޤީގީ މަންޒަރުތަކެއް ނަމަ، މިކަމުގައި ޝާމިލްވާ އެންމެންނަށް އަދަބު ދޭނެކަމަށް ލީބިޔާގެ ޚާރިޖިއްޔާއިން ބުނެފައިވެއެވެ. ލީބިޔާގައި އިންސާނުންގެ ވަގު ވިޔަފާރި ވަނީ ވަރަށް ފުޅާވެފައެވެ. އެގޮތުން ވަގަށް ޔޫރަޕަށް އެތެރެވާން ދާ އެފްރިކާ ބައްރުގެ ގިނަ އަދަދެއްގެ ބަޔަކު ޔޫރަޕަށް ވަންނަން ދަނީ ލީބިޔާ މަގުންނެވެ. އަދި މިގޮތަށް ދާ މީހުންގެ ގިނަ ބަޔަކު ބޭނުންކޮށްގެން އިންސާނުންގެ ވަގު ވިޔަފާރި ހިންގާކަމަށް އދ. އިން ވެސް ތުހުމަތުކުރެއެވެ.

ސީއެންއެންގެ ވީޑިއޯއިން ފެންނަ މަންޒަރުތަކުން ސިފަވެގެން ދަނީ ނީލަން ފިހާރައެކެވެ. އިންސާނުންގެ ވިޔަފާރިކުރަމުންދާއިރު، ބައެއް މީހުންގެ އަގު 875 ޑޮލަރަށްވެސް އެރިއެވެ. ވީޑިއޯއިން ފެންނަ ގޮތުގައި ނީލަމުގައި 'ވިއްކާލި' ފިރިހެނުންނަކީ ލީބިޔާގެ މީހުންނެއް ނޫނެވެ. 12 މީހަކު ކުޑަ ވަގުތުކޮޅެއްގެ ތެރޭގައި ނީލަން ކިޔާލިއިރު، އެމީހުންނަކީ އެފްރިކާ ބައްރުގެ އެހެން ޤައުމުތަކަށް ނިސްބަތްވާ މީހުންނެވެ.

މިވީޑިއޯ އާއްމުވުމާއިއެކު އަޅުވެތިކަމާއި ދެކޮޅަށް ގިނަ އަދަދެއްގެ ބަޔަކު ޔޫރަޕްގެ އެކި ހިސާބުތަކުގެ މަގުތަކަށް ނިކުތެވެ. އަދި އެފްރިކަން ޔޫނިއަންއިންވަނީ މިމައްސަލަ ބެލުމަށް ގޮވާލާފައެވެ. ބަނޑުހައި ހޫނުކަމާއި، ބަލިމަޑުކަމާއި، ނަސްލީ ހަމަނުޖެހުންތަކާއި އަދި ދާޚިލީ ހަނގުރާމަތަކުގެ ސަބަބުން އަހަރަކު އެތައް ހާސް ބަޔަކު އެފްރިކާ ބައްރު ދޫކޮށް، ޤަވާޢިދާއި ޚިލާފަށް ޔޫރަޕަށް އެތެރެވުމަށް މެޑިޓަރޭނިއަން ކަނޑު ހުރަސްކުރަން މަސައްކަތްކުރެއެވެ. މީގެ ތެރެއިން ބައެއް މީހުންނަށް ކާމިޔާބު ލިބުނަސް، އަނެއް ބަޔަކު މަރުވަނީ ކަނޑަށް ގެނބިގެންނާއި، ކަނޑުމަތީގައި ބަނޑުހައި ހޫނުކަމުގައެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 5 ދުވަަސް ކުރިން
ރިވިއު ކުރީ: ހުސެން ފިޔާޒް
- ކޮމެންޓް