ކ. މާލެ
|
20 ނޮވެންބަރ 2017 | ހޯމަ 11:30
ގޭންގްތަކުން ހައްޔަރުކުރި މީހުންގެ އަތުން އަތުލައިގަތް ގިނަ އަދަދެއްގެ ތޫނު ހަތިޔާރު
ގޭންގްތަކުން ހައްޔަރުކުރި މީހުންގެ އަތުން އަތުލައިގަތް ގިނަ އަދަދެއްގެ ތޫނު ހަތިޔާރު
އޭޝިއަން ޓްރައިބިއުން
ސްރީ ލަންކާ
ޖަފްނާގެ ގޭންގް މާރާމާރީތަކާ ގުޅިގެން 40 އަށް ވުރެ ގިނަ މީހުން ހައްޔަރުކޮށްފި
ހަމަނުޖެހުންތައް ކޮންޓްރޯލްކުރުމަށް ގިނަ އަދަދެއްގެ ފުލުހުން ވަނީ ނެރެފައި

ކަނޑިފަދަ ތޫނު ހަތިޔާރު ބޭނުންކޮށްގެން ލަންކާގެ އުތުރުގެ ސަރަހައްދުގައި ހިންގަމުން ދިޔަ ހަމަނުޖެހުންތަކާއި ގުޅިގެން 41 މީހަކު ހައްޔަރުކޮށްފިއެވެ.

ލަންކާ ފުލުހުން ބުނާ ގޮތުގައި މިއެންމެން ހައްޔަރުކޮށްފައި ވަނީ ޖަފްނާ ސަރަހައްދުގައި ހިނގަމުންދާ ގޭންގު ހަމަނުޖެހުންތަކާއި ގުޅިގެން ފާއިތުވެދިޔަ ދެ ދުވަހު ހިންގި ޚާއްސަ އޮޕަރޭޝަނެއްގައެވެ. އަދި ހައްޔަރުކުރެވުނު މީހުންގެ އަތުން ގިނަ އަދަދެއްގެ ތޫނު ހަތިޔާރުވަނީ ފެނިފައެވެ. ޖަފްނާ ސަރަހައްދުގައި ހިނގަމުންދާ ގޭންގް ހަމަނުޖެހުންތައް ކޮންޓްރޯލްކުރުމަށް ފުލުހުންގެ ޚާއްސަ ޓީމްތަކެއް ފޮނުވާފައިވެއެވެ. މައުލޫމާތު ލިބިފައިވާ ގޮތުގައި މިހަމަނުޖެހުންތަކުގައި ގްރޫޕްތަކުން ގެންދަނީ ކަނޑިއާއި ކޯރާޑި ފަދަ ތޫނު ހަތިޔާރު ބޭނުންކުރަމުންނެވެ. މައްސަލަ ގޯސްވުމުގެ ސަބަބުން ޖަފްނާގެ ފުލުހުންގެ ތެރެއިން ޗުއްޓީގައި ތިބި ފުލުހުންވެސް ވަޒީފާއަށް އަނބުރާ ނެރެފައިވާއިރު، އެއްވެސް ފުލުހަކަށް މިދުވަސްވަރު ޗުއްޓީ ނުދެވޭނެ ކަމަށް ފުލުހުން ވަނީ ބުނެފައެވެ.

ލަންކާ ފުލުހުން ބުނާ ގޮތުގައި ލަންކާގެ އުތުރުގައި ގޭންގް ކުށްތައް ހުއްޓުވުމަށް މިހާރު ހައްޔަރުކުރެވެމުންދާ މީހުންގެ ފަރާތުން ލިބެމުންދާ މައުލޫމާތުގެ ބޭނުން ހިފާނެއެވެ.

ޖަފްނާ ސަރަހައްދަކީ ތަމަޅައިންގެ ސަރަހައްދެކެވެ. އަދި 2009 ވަނަ އަހަރު ލަންކާގެ ދާޚިލީ ހަނގުރާމަ ނިމުނީއްސުރެ މިއަދާއި ހަމަޔަށް ވެސް އެ ސަރަހައްދުގައި ގިނަ އަދަދެއްގެ ސިފައިން ޤާއިމްވެތިބެއެވެ. ޖަފްނާގެ އާއްމުންނާއި ލަންކާގެ ސަރުކާރުން ތުހުމަތުކުރާ ގޮތުގައި ޖަފްނާގައި ހިންގަމުންދާ ގޭންގްތަކަށް އަސްކަރިއްޔާގެ މަދަދު ލިބެއެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 5 ދުވަަސް ކުރިން
ރިވިއު ކުރީ: ހުސެން ފިޔާޒް
- ކޮމެންޓް