ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރުގައި ޚިދުމަތް ކުރަން ލިބުމަކީ ފަޚުރެއް ކަމަށް، ހެލްތް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު ދުންޔާ މައުމޫނު ވިދާޅުވެއްޖެ އެވެ.
ރައީސް ޔާމީނުގެ ސަރުކާރުގައި ފޮރިން މިނިސްޓަރުކަން ވެސް ކުރެއްވި ދުންޔާ ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ ސަރުކާރަށް ހަތަރު އަހަރު ފުރިގެން ދިޔައީ ކަމަށާއި ރައީސް ޔާމީނުގެ ސަރުކާރަށާއި ރައްޔިތުންނަށް ޚިދުމަތް ކުރަން ލިބިގެންދިއުމަކީ ފަޚުރެއް ކަމަށެވެ.
ދުންޔާ ވިދާޅުވި ގޮތުގައި މަސައްކަތް ކުރައްވަމުން ގެންދަވަނީ ފާގަތި މުސްގަތުބަލަކަށެވެ.
މިދިޔަ އަހަރުގެ ޖުލައި ފަސް ވަނަ ދުވަހު ފޮރިން މިނިސްޓަރުގެ މަގާމުން ދުންޔާ އިސްތިއުފާ ދެއްވީ، ބައްޕާފުޅު، ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމާއި ރައީސް ޔާމީނުގެ ގުޅުން ވަރަށް ގޯސްވެފައިވަނިކޮށެވެ. ހަމަ އެ ދުވަހު، ދުންޔާގެ ކޮއްކޯފުޅު، ދިއްގަރު ދާއިރާގެ މެންބަރު އަހުމަދު ފާރިސް މައުމޫން ޕީޕީއެމްގެ މެންބަރުކަމުން ވަކިކުރުމަށް އެ ޕާޓީގެ ސުލޫކީ ކޮމެޓީއިން ނިންމި އެވެ.
ދުންޔާ ވިދާޅުވެފައިވާ ގޮތުގައި މަގާމުން އިސްތިއުފާ ދެއްވީ މަރުގެ ހުކުމް ތަންފީޒުކުރުމާމެދު ސަރުކާރާ ޚިޔާލު ތަފާތުވެގެންނެވެ. ދުންޔާ ވިދާޅުވެފައިވާ ގޮތުގައި މަރުގެ ހުކުމް ތަންފީޒުކޮށްފިނަމަ ބައިނަލްއަގުވާމީ މައިދާނުގައި ރާއްޖޭގެ ތަސަައްވުރު ކިލަނބުވެގެންދާނެ އެވެ. އަދި ރައީސް ޔާމީންގެ ޚާރިޖީ ސިޔާސަތު ތަންފީޒުކުރުމަށް ވެސް ހުރަސްތަކެއް ކުރިމަތިވާނެއެވެ.
ފޮރިން މިނިސްޓަރުގެ މަގާމުން އިސްތިއުފާ ދެއްވުމަށްފަހު، ޕީޕީއެމްގެ އެތެރޭގެ ކަންކަން އިސްލާހު ކުރުމަށް ރައީސް މައުމޫނު ފެއްޓެވި މަސައްކަތުގައި ދުންޔާ އަމަލީ ގޮތުން ބައިވެރިވެވަޑައިގެން އުޅުއްވި އެވެ. ޕީޕީއެމްގެ ބާރުތައް ރައީސް ޔާމީނަށް ލިބިވަޑައިގަންނަވާ ގޮތަށް ކޯޓުން ހުކުމް ކުރިއިރުވެސް ދުންޔާ ހުންނެވީ ރައީސް މައުމޫނާއެކީގަ އެވެ.
އެހެން ނަމަވެސް، މިއަހަރުގެ ޖެނުއަރީ ފަސް ވަނަ ދުވަހު، ހެލްތް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރެއްގެ މަގާމަށް ދުންޔާ އައްޔަންކުރެއްވި އެވެ. ދުންޔާ އަނބުރާ ސަރުކާރާ ގުޅިވަޑައިގެންނެވިއިރު، ރިޔާސީ އިންތިޚާބުގައި ރައީސް ޔާމީނަށް ކުރެއްވި ތާއީދު ރައީސް މައުމޫން ވަނީ އަނބުރާ ގެންދަވާފަ އެވެ.
ދުންޔާ ސަރުކާރުގައި މަސައްކަތް ކުރައްވަމުން ގެންދަވާއިރު، ފާރިސްގެ މައްޗަށް ދެ ދައުވާއެއްކޮށް ޝަރީއަތް ދަނީ ހިންގަމުންނެވެ. މިއަހަރުގެ ޖުލައި 18 ވަނަ ދުވަހުން ފެށިގެން ފާރިސް ހުންނަވަނީ މާފުށީ ޖަލުގައި ބަންދުކޮށްފަ އެވެ.
ފާރިސް ހައްޔަރުކުރުމާއި ގުޅިގެން ދުންޔާ ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ ކޮއްކޮ ފާރިސް އާއި އޭނާގެ އަނބިކަނބަލުންނާއި ދަރިކަލުންނަށް ކެތްތެރިކަން ދެއްވުމަށް އެދިވަޑައިގެންނަވާ ކަމަށެވެ. އެ ޓުވީޓާއެކު، ދުންޔާ ވަނީ ފާރިސް އާއި ޔުމްނާ މައުމޫން އަދި ރައީސް އޮފީހުގެ ސްޓޭޓް މިނިސްޓަރަކަށް ހުންނެވި ޣައްސާން މައުމޫނާއެކު ކުޑައިރު އިންނެވި ފޮޓޯއެއް އާންމު ކުރައްވައިފަ އެވެ.
ދުންޔާ ވިދާޅުވެފައިވާ ގޮތުގައި "ލެޔަކީ ފެނަށް ވުރެ އޮލަ އެއްޗެކެވެ."
ފާރިސްގެ ޝަރީއަތުގެ އަޑުއެހުމަކަށް ވެސް ދުންޔާ ވަޑައިގެންނެވި އެވެ. މީގެ އިތުރުން، ފާރިސްއާ ބައްދަލުކުރެއްވުމަށް މާފުށީ ޖަލަށް ވެސް ދުންޔާ ވަޑައިގެންނެވި އެވެ.
ޕީޕީއެމްގެ މެންބަރުކަމުން ރައީސް މައުމޫން ވަކިކޮށްފައިވާއިރު، އެމަނިކުފާނަށް އެމްއެންޑީއެފްއިން ފޯރުކޮށްދެމުން އަންނަ ސެކިއުރިޓީ ވެސް ވަނީ ދަށްކޮށްފަ އެވެ.
ރައީސް މައުމޫނުގެ ބޭފުޅުންގެ ތެރެއިން، ސަރުކާރުގެ މަގާމުތަކުގައި މިހާރު ތިއްބެވީ ދުންޔާއާއި ޣައްސާނެވެ. އެޑިއުކޭޝަން މިނިސްޓްރީގެ ޑެޕިއުޓީ މިނިސްޓަރުގެ މަގާމުގައި ހުންނެވި ޔުމްނާ މައުމޫނު ވަނީ މިދިޔަ އަހަރުގެ ކުރީކޮޅު ސަރުކާރުން އިސްތިއުފާ ދެއްވާފަ އެވެ. ރައީސް މައުމޫނާއި ފާރިސް މަސައްކަތް ކުރައްވަމުން ގެންދަވަނީ އިދިކޮޅު ފަރާތްތަކާއެކު އެވެ.