ކ. މާލެ
|
20 ނޮވެންބަރ 2017 | ހޯމަ 09:40
ގެއްލުން ލިބުނު އާއިލާއަކާއި ރަނިލް ބައްދަލުކުރައްވަނީ
ގެއްލުން ލިބުނު އާއިލާއަކާއި ރަނިލް ބައްދަލުކުރައްވަނީ
ހިރޫ ނިއުސް
ލަންކާގެ ދީނީ ހަމަނުޖެހުންތައް
ހަމަނުޖެހުންތަކުގައި ގެއްލުން ލިބުނު ފަރާތްތަކަށް ބަދަލު ދޭނަން: ރަނިލް
ލަންކާގެ ދެކުނުގެ ގިންތޯޓާގައި މިހާރުވަނީ ކާފިއު އިއުލާންކޮށްފައި

ލަންކާގެ ދެކުނުގެ ގިންތޯޓާގައި ސިންގަޅައިންނާއި މުސްލިމުންނާއި ދެމެދު ހިނގި ހަމަނުޖެހުންތަކުގެ ފަހަތުގައި ތިބި މީހުންނާއި ދެކޮޅަށް ހަރުކަށި ޤާނޫނީ ފިޔަވަޅު އަޅުއްވާނެ ކަމަށް ލަންކާގެ ބޮޑުވަޒީރު ރަނިލް ވިކްރަމަ ސިންހަ ވިދާޅުވެއްޖެއެވެ.

ހަމަނުޖެހުންތައް ހިނގި ގިންތޯޓާ ސަރަހައްދަށް ވަޑައިގެން ރަނިލް ވަނީ ގެއްލުން ލިބުނު ހިސާބުތައް ބައްލަވާލައްވާފައެވެ. އަދި ހަމަނުޖެހުމުގައި ގެއްލުން ލިބުނު ފަރާތްތަކަށް އެކަމުގެ ބަދަލު ސަރުކާރުން ދެއްވާނެކަމަށް ބޮޑުވަޒީރު ވިދާޅުވިއެވެ.

މުސްލިމުންނާއި ސިންގަޅައިންނާއި ދެމެދު ހިނގި މިހަމަނުޖެހުންތަކުގެ އަސްލަކީ މުސްލިމުންނާއި ބުދުދީނުގެ ހައްދުފަހަނައެޅި ބައެއް މީހުން ކުޑަ މައްސަލައެއް އިތުރަށް ގޯސްކޮށް، ދޮގު ޚަބަރު ފަތުރަމުންދިޔުން ކަމަށް ލަންކާ ފުލުހުން ބުނޭ. އެގޮތުން ގިންތޯޓާގައި ސިންގަޅައަކާއި މުސްލިމަކާއި ދެމެދު ހިނގި އެކްސިޑެންޓަކަށް ފަހު، އެމައްސަލަ ނިމިފައި އޮއްވާ އެކަން ބޮޑުކޮށްގެން ހަމަނުޖެހުން ހިންގުމަށް ސިޔާސީ ފަރާތްތަކުން މަސައްކަތް ކުރީ ކަމަށް ލަންކާ ފުލުހުން ބުނެއެވެ.

ހަމަނުޖެހުން ހިނގި ސަރަހައްދަށް ވަޑައިގެން ބޮޑުވަޒީރު ރަނިލް ވިކްރަމަ ސިންހަ ވިދާޅުވީ މަދު ބަޔަކު ފަތުރާ ދޮގު ޚަބަރެއްގެ ސަބަބުން ވެސް ބޮޑެތި ހަމަނުޖެހުން ހިނގާފާނެ ކަމަށެވެ. އަދި އެސަރަހައްދަށް ހަމަޖެހުން އަންނަން ޖެހޭ ކަމަށާއި، ގިންތޯޓާއި އަބަދު ފުލުހުންނާއި ސިފައިން ނުބޭތިއްބޭނެ ކަމަށް ވިދާޅުވިއެވެ.

ގިންތޯޓާއި ހިނގި ހަމަނުޖެހުންތަކާއި ގުޅިގެން ގިނަ އަދަދެއްގެ ފުލުހުންނާއި ފުލުހުންގެ ޚާއްސަ ފައުޖުތައް ވަނީ އެސަރަހައްދަށް ޖަމާވެފައެވެ. އަދި ފުލުހުންވަނީ އެސަރަހައްދުގައި ކާފިއު އިއުލާނު ކޮށްފައެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 5 ދުވަަސް ކުރިން
ރިވިއު ކުރީ: ހުޝާމް މުހަޢްމަދް
- ކޮމެންޓް