ދައުލަތުގެ ބަޖެޓަށް ވޯޓު ނުދެއްވާ ރައްޔިތުންގެ މަޖިލީހުގެ މެމްބަރުން ނިސްބަތްވާ ދާއިރާތަކުގައި ތަރައްގީގެ މަޝްރޫއުތައް ހިންގަން ދަތިވާނެ ކަމަށް ވިދާޅުވީ ނުލަފާކަން ދެއްކެވުމަށް ނޫން ކަމަށް ފިނޭންސް މިނިސްޓަރު އަހުމަދު މުނައްވަރު ވިދާޅުވެއްޖެއެވެ.
ބަޖެޓާ ގުޅޭ ގޮތުން ދައުލަތުގެ މީޑިއާ ޕީއެސްއެމް އިން އާދީއްތަ ދުވަހުގެ ރޭ ގެނެސްދިން ޕްރޮގްރާމްގައި ވާހަކަފުޅު ދައްކަވަމުން ފިނޭންސް މިނިސްޓަރު މުނައްވަރު ވިދާޅުވީ ބަޖެޓަށް ވޯޓް ނުދެއްވާ މެމްބަރުން ނިސްބަތްވެވަޑައިގަންނަވާ ދާއިރާތަކުގައި މަޝްރޫޢުތައް ހިންގަން ދަތިވާނެ ކަމަށް ވިދާޅުވެ ދެއްކެވި ވާހަކަތައް މީޑިއާތަކުން ގެނެސްދެނީ ނުބައިކޮށް ތަރުޖަމާކޮށްގެން ކަމަށެވެ.
މިނިސްޓަރު ވިދާޅުވީ ސަރުކާރުން މަޝްރޫޢުތައް ކުރިއަށް ގެންދިއުމުގައި އެއްވެސް ތަފާތެއް ނުގެންގުޅޭ ކަމަށެވެ. އަދި ބަޖެޓަށް ވޯޓް ނުދެއްވާ މެމްބަރުންގެ ދާއިރާތަކުގައި ތަރައްގީގެ މަޝްރޫޢުތައް ހިންގުމަށް ދަތިވާނެ ކަމަށް ވިދާޅުވެ މެމްބަރުންނާ ކުރެއްވީ ޗެލެންޖެއް ކަމަށެވެ. އަދި ރައްޔިތުންގެ ތަރައްގީއާއި ކުރިއެރުމަށްޓަކައި ސަރުކާރުން ހުށަހަޅާ ބަޖެޓަށް މެމްބަރުން ވޯޓް ދެއްވަން ޖެހޭނެ ކަމަށް ފިނޭންސް މިނިސްޓަރު މުނައްވަރު ވިދާޅުވިއެވެ.
ފިނޭންސް މިނިސްޓަރު ވިދާޅުވީ ތަރައްގީގެ މަޝްރޫއުތައް ކުރިއަށް ގެންދާނީ ހުރިހާ ކުލައެއްގެ ރައްޔިތުންނަށް ވެސް ހަމަހަމައަށް ކަމަށެވެ. އަދި ރައީސް އަބްދުﷲ ޔާމީނަކީ ވަކި ކުލައަކަށް ބެލުމެއްނެތި ރައްޔިތުންނަށް ޚިދުމަތް ކުރާ ބޭފުޅެއް ކަމަށާއި ތަފާސް ހިސާބުތަކަށް ބެއްލެވީމާ އެކަން އެނގޭނެ ކަމަށްވެސް މިނިސްޓަރު ވިދާޅުވިއެވެ.
ފިނޭންސް މިނިސްޓަރު މިހެން ވިދާޅުވިނަމަވެސް މިދިޔަ ހަފުތާގެ އަންގާރަ ދުވަހު ބޭއްވި ބަޖެޓް ކޮމެޓީގެ ބައްދަލުވުމުގައި މިނިސްޓަރު މުނައްވަރު ވިދާޅުވެފައި ވަނީ ބަޖެޓަށް ވޯޓް ދެއްވުމަކީ ކޮންމެހެން ކުރައްވަންޖެހޭ ކަމެއް ކަމަށާއި އެހެންކަމުން ބަޖެޓަށް ވޯޓް ނުދެއްވާ މެމްބަރުން ނިސްބަތްވާ ދާއިރާތަކަށް ޕްރޮޖެކްޓް ނުހިންގޭނެ ކަމަށެވެ. އަދި އިދިކޮޅު ފަރާތްތަކުގެ މެމްބަރުންގެ ތެރެއިން ބަޖެޓަށް ވޯޓް ދެއްވާ މެމްބަރުން ނިސްބަތްވާ ދާއިރާތަކަށް ޕްރޮޖެކްޓްތައް ހިންގަވާނެ ކަމަށް ވެސް މިނިސްޓަރު ވިދާޅުވެފައިވެއެވެ.
މީގެ އިތުރުން މިނިސްޓަރު މުނައްވަރު ވިދާޅުވީ ކޮންމެ މެމްބަރަކު ވެސް ދާއިރާއަށް ބޭނުންވާ ކަންކަން ބަޖެޓްގެ ތެރެއިން ކުރަން ބޭނުންވާ ކަމަށާއި ނަމަވެސް ދައުލަތުގެ ދަރަނިވެސް އިތުރުވަމުންދާތީ މެމްބަރުން ވަރަށް ބޮޑަށް ކަންބޮޑުވެލައްވާ ކަމަށެވެ. މިނިސްޓަރު ވިދާޅުވީ އެއީ ދެކޮޅު ޖެހޭ ވާހަކަތަކެއް ނޫން ކަމާއި ޚަރަދު ކުރާނަމަ ޚަރަދު ކުރަން ބޭނުންވާ ފައިސާ ވަންނާނެ ކޮޅެއް ވެސް އޮންނަށް ޖެހޭ ކަމަށެވެ.
މިނިސްޓަރު މުނައްވަރު ވިދާޅުވީ ރައްޔިތުން ބޭނުންވާ ތަރައްގީގެ ހުރިހާ ޕްރޮޖެކްޓްތައް ހިންގުމަށް ބޭނުންވާ ވަރަށް ދައުލަތަށް އާމްދަނީ ލިބެމުންނުދާ ކަމަށެވެ. އެހެންކަމުން ޕްރޮޖެކްޓްތައް ހިންގަންޖެހެނީ ލޯނު ނަގައިގެން ކަމަށާއި ލޯނު ނެގުމަކީ ދަރަނި އިތުރުވެގެންދާ ކަމެއް ކަމަށް ވެސް މިނިސްޓަރު ވިދާޅުވި އެވެ.
މަޖިލީހުގައި ހިމެނޭ އިދިކޮޅު މެމްބަރުން ބަޖެޓަށް ވޯޓް ނުދެއްވާ ވާހަކަ އަބަދުވެސް ސަރުކާރަށް ނިސްބަތްވާ މެމްބަރުންނާއި ސަރުކާރުގެ މިނިސްޓަރުން ގެންދަވަނީ ތަކުރާރުކޮށް ވިދާޅުވަމުންނެވެ. އަދި ބަޖެޓަށް ވޯޓް ނުދެއްވާ މެމްބަރުން ދާއިރާގައި ޕްރޮޖެކްޓްތައް ނުހިންގާ ވާހަކަ ދެއްކުމުގެ ފުރުސަތު ނެތް ކަމަށް ވެސް ސަރުކާރަށް ނިސްބަތްވާ ބޭފުޅުން ގެންދަވަނީ ވިދާޅުވަމުންނެވެ.