މިއަހަރުގެ ގައުމީ ދުވަސް ފާހަގަ ކުރުމަށް ރާއްޖޭގެ ހުރިހާ ސްކޫލްތަކެއްގައި އާދިއްތަ ދުވަހު ޚާއްސަ ޖާފަތެއް ބާއްވައިފިއެވެ.
ދިވެހި ކެއުމާއި ދިވެހިން އާންމުކޮށް މިހާރު ބޭނުންކުރާ ކެއުން ހިމެނޭ ގޮތަށް މިޖާފަތް ބާއްވައިފައިވަނީ އެޑިޔުކޭޝަން މިނިސްޓްރީން އިސްނަގައިގެންނެވެ. މިއީ ސްކޫލްތަކުގެ މެނޭޖްމެންޓާއި ބެލެނިވެރިންނާއި ދަރިވަރުން ހިމެނޭ ގޮތަށް ބޭއްވި ޚާއްސަ ޖާފަތެކެވެ. މި ޖާފަތް ބޭއްވީ ކުރީ ޒަމާނުގައި "ކޭން" ތައްޔާރުކުރާ ގޮތަށެވެ.
އަތޮޅުތަކުގެ އިތުރުން މާލޭގެ ސްކޫލްތަކުގައިވެސްވަނީ މިހަރަކާތް ބާއްވައިފައެވެ. ބައެއް ސްކޫލްތަކުގެ ޖާފަތުގައި ބައިވެރިވެ ވަޑައިގެންނެވުމަށް އެޑިޔުކޭޝަން މިނިސްޓަރ ޑރ. އާއިޝަތު ޝިހާމް ވަޑައިގެންނެވިއެވެ. އޭގެ ތެރޭގައި އިސްކަންދަރު ސްކޫލް، ހިރިޔާ، އަރަބިއްޔާ، ތާޖުއްދީން ސްކޫލް ހިމެނެއެވެ. ސްކޫލްތަކުގެ މިހަރަކާތުގައި ދައުލަތުގެ ބައެއް އިސް ބޭފުޅުން ވެސް ބައިވެރިވެވަޑައިގެންނެވިއެވެ.
މީގެ ކުރިން މިގޮތަށް ސްކޫލްތަކުގައި ގައުމީދުވަސް ފާހަގަކޮށްފައެއް ނުވެއެވެ.
ގައުމީ ދުވަހަކީ ރަބީއުލް އައްވަލު މަހުގެ އެއްވަނަ ދުވައެވެ. އެއީ ޕޯޗުގީޒުންގެ އަތްދަށުން ބޮޑުތަކުރުފާނު މިރާއްޖެ ސަލާމްތް ކުރެއްވި ދުވަހެއެވެ.