ރައީސް ޔާމީންގެ ސަރުކާރަށް ހަތަރު އަހަރު ފުރުނު ޖަލްސާގައި މިނިސްޓަރު ސައީދު ދެއްކެވި ވާހަކަފުޅު ބޮޑު ޖޯކެއްގެ ގޮތުގައި ޕްރޮފެސަރު ހަސަން އުގެއިލް ސިފަކުރައްވައިފިއެވެ.
އެ ޖަލްސާގައި ވާހަކަ ދައްކަވަމުން މިނިސްޓަރު ސައީދު ވިދާޅުވީ ދުނިޔޭގެ މުސްތަގުބަލު ކުޑަ ގައުމަކުން ހިސޯރު ކުރާނަމަ އެކަން ކުރަނީ ރާއްޖެއިން ކަމަށެވެ. މި ވާހަކައަށް ރައްދު ދެއްވަމުން އުގެއިލް ވިދާޅުވީ، ނަތީޖާއެއް ނުފެންނަ ކޮންސެޕްޓްތަކާއި، ބޮޑެތި ދަރަނިތަކާއެކު އެހެން ގައުމުތަކަށް ނަމޫނާ ގައުމަކަށް ރާއްޖެއަށް ނުވެވޭނެ ކަމަށެވެ. އަދި އެހެން ގައުމުތަކަށް ނަމޫނާއަކަށް ވާން ބޭނުންނަމަ، ކުރިއަށް ދާންވީ އިޚުލާސްތެރިކަމާއެކު އިލްމާއި ޓެކްނޮލޮޖީ ބޭނުންކޮށްގެން ކަމަށްވެސް އޭނާ ވިދާޅުވިއެވެ.
މި ސަރުކާރުގެ އިސްވެރިން ދައްކަވާ ވާހަކަތަކަށް އިލްމީ ގޮތެއްގައި އުގެއިލް ގެންދަވަނީ ފާޑުވިދާޅުވަމުންނެވެ. އެގޮތުން ރ އަތޮޅުގައި ބައިނަލްއަގުވާމީ އެއާޕޯޓެއް އަޅާނެ ކަމަށް ވިދާޅުވެ ރައީސް ޔާމީން ދެއްކެވި ވާހަކަފުޅަށްވެސް އުގެއިލް ވަނީ ރައްދު ދެއްވާފައެވެ.
Forgive my ignorance, but this must be a joke, right? If you want to lead the world by example, try sincerity and intellect, challenge the technological prowess. Concocted figures, outdated concepts and debt worth millions won’t exactly give us the upper hand. https://t.co/aD0QZFlE2U
— Professor Ugail (@ugail) November 18, 2017
އުގެއިލް ވިދާޅުވީ ގައުމެއް ރަނގަޅުވެ މޮޅު ގައުމަކަށް ވެގެންދަނީ ބިނާކުރަނިވި ވިސްނުންތެރި ފިކުރާއި، އިލްމާއި، ވިސްނުންތެރިކަން އިސްކޮށްގެންކަމަށެވެ.
އުގެއިލް ވިދާޅުވިގޮތުގައި ތަރައްގީ ގެނެވޭނީ އަޑުހަރުކޮން ހޮޅި ވައުދުތަކުގެވާހަކަ ދައްކައިގެންނެެއްނޫނެވެ. އެކަމަކު ދުރުވިސްނުމާއި އިލްމާއި ޓެކްނޮލޮޖީއާއި އިޚްލާސްތެރިކަން އިސްކޮށްގެންނެވެ.