ވެލާނާ އެއާޕޯޓްގެ ރެސްޓޯރަންޓެއް ޗައިނާ ޓާމިނަލަކާއި ވައްތަރުވުމަކީ އިއްތިފާގެއްތޯ އެތައް ބަޔަކު ސުވާލު އުފައްދައި ސޯޝަލް މީޑިއާގައި ފާޑުކިޔަން ފަށައިފިއެވެ.
ޗައިނާގެ ޝަންޑަން ސިޓީގެ ޗިންދައު ކުރޫޒް ޓާމިނަލްގެ މަލަ މައްޗާއި ދާދި އެއްގޮތަށް ނަކަލުކޮށްގެން، ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓްގައި ބިނާކުރާ ރެސްޓޯރެންޓް އިމާރާތް ހެދުމަށް މައިގަނޑު ގޮތެއްގައި ބޭނުންކުރަނީ ދަގަނޑު އޮނިގަނޑެކެވެ. އަދި ޝަންޑަން ސިޓީގެ ޗިންދައު ކުރޫޒުހެދުމަށް ބޭނުންކޮށްފައިވަނީ އެލްމިނިއަމްއެވެ. ދެތަނުގެ އޮނިގަނޑުވެސް ދާދި އެއްގޮތެވެ.
ޗައިނާގެ ފަންނުވެރިން 2015 ވަނަ އަހަރު ފަރުމާކުރި ޗިންދައު ކުރޫޒް ޓާމިނަލްއަކީ ފަތުރުވެރިންގެ މެދުގައިވެސް ވަރަށް މަގުބޫލް ރީތި ތަނެއްގެ ގޮތުގައި ވަނީ ބެލެވިފައެވެ. ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓްގައި އަޅާ ރެސްޓޯރެންޓް މޫދުކުރިމައްޗަށްވާ ގޮތަށް ހަދާއިރު، ޗިންދައު ކުރޫޒް ޓާމިނަލްވެސް ހުންނަނީ ވަށައިގެން މޫދު ފެންނަ ގޮތަށް ފަރުމާކޮށްފައެވެ.
water front restaurant works on progress @VelanaAirport west side today#VIAdevelopment pic.twitter.com/9mIgrNwFlo
— MACL (@MACLmedia) September 7, 2017
އެއާޕޯޓްގެ އާ ޓާމިނަލް ފުރިހަމަ ނުވަނީސް މިލިއަން ޑޮލަރު ޚަރަދުކޮށްގެން ފުރަތަމަވެސް އަޅަންވީ ރެސްޓޯރެންޓްތޯ އެއްބަޔަކު ސުވާލު ކުރާއިރު، އަނެއް ބަޔަކު ބުނެފައިވަނީ، މި ޕްރޮޖެކްޓް ޗައިނާގެ ބޮޑު ޓާމިނަލްއަކާއި ވައްތަރުކޮށް ހެދުމަކީ ޗައިނާގެ ނުފޫޒު ރާއްޖެއަށް ފޯރާފައިވާކަމުގެ ހެއްކެކެވެ.
ވެލާނާ އެއާޕޯޓްގެ ވޯޓާ ފްރަންޓް މި ރެސްޓޯރަންޓުގެ މަސައްކަތުގެ ބޮޑުބައެއް މިހާރު ވަނީ ނިމިފަ އެވެ.