މި ސަރުކާރުން އިއުލާނުކުރި ހައުސިން މަޝްރޫއުތައް ހިންގުމަށް އެއްބަސްވި ބޭރުގެ ކޮންޓްރެކްޓަރުންގެ ޝައުގުވެރިކަން ގެއްލިގެން ދިޔައީ ސަރުކާރުގެ އިސް ވެރިންނަށް ދޭން ޖެހުނު ކަޓުތަކާއި ކޮމިޝަންތައް ބޮޑުވެގެން ކަމަށް ގަމު ދާއިރާގެ މެންބަރު ފައްޔާޒު އިސްމާއިލް ވިދާޅުވެއްޖެ އެެވެ.
ރާއްޖެޓީވީގެ ފަލަސުރުހީ ޕްރޮގްރާމުގައި ވާހަކަަދައްކަވަމުން މެންބަރު ފައްޔާޒު ވިދާޅުވީ، ރައީސް ޔާމީންގެ ވެރިކަމުގައި ދެ ލައްކަ މީހުންގެ ބޯހިޔާވަހިކަން ކަށަވަރުކޮށްދޭނެ ކަމަށް ވިދާޅުވަނީ ރައްޔިތުންގެ ލޮލުގައި އަނދުން އެޅުވުމަށް ކަމަށާއި މިދިޔަ ހަތަރު އަހަރުގެ ތެރޭގައި ނުވިކަމެއް ކުރިއަށް އޮތް އަހަރެއްހާ ދުވަހުގެ ތެރޭގައި ކުރެވިދާނެ ކަމަށް ގަބޫލުނުކުރައްވާނެ ކަމަށެވެ.
"ދާއޫދު އަލައިހިއް ސަލާމް ކަންތައްތައް ކުރެއްވި ގޮތަށް ޖިންނިން ބޭނުންކޮށްގެންތޯ އެވިދާޅުވާ،36 ޓަވަރު އަޅަނީ. މިއީ ބުއްދި ގަބޫލު ކުރާ ވާހަކަތަކެއް ނޫން. ރައްޔިތުން އެންމެ ފެން ބޮވައިގަނެފައިވާ ކަމަކީ ގެދޮރު ކަމަށް ވުމުން އެގޮތަށް އެ ވިދާޅުވަނީ. ސެޓްފިކެޓެއް ލިޔެލާފައި ދީފާނެ ފްލެޓް ލިބުނު ކަމަށް. ބުނީމަ އެމީހާއަށް މަޖުބޫރުވެގެން ގޮސް ވޯޓު ލާފާނެ. މިއީ ރައްޔިތުން ހައްލާލަން ކުރާ ކަމެއް،" ފައްޔާޒު ވިދާޅުވި އެވެ.
ފައްޔާޒު ވިދާޅުވީ މި ސަރުކާރުގެ ހަތަރު އަހަރުގެ ތެރޭގައި ދެ ތިން ހާސް ފްލެޓް އެޅުނު އިރު އޭގެ ތެރެއިންވެސް ގިނަ ފްލެޓްތަކަކީ އެމްޑީޕީ ސަރުކާރުން ހަމަޖައްސާފައިވާ ނުވަަތަ އަމަލީ މަސައްކަތް ފަށާފައިވާ ފްލެޓްތައް ކަމަށެވެ.
މި ސަރުކާރުގެ ހައުސިން މަޝްރޫއުތައް ފެއިލްވެގެން ދިޔައީ އިދިކޮޅު ފަރާތްތަކުގެ ސަބަބުން ކަމަށް، ހޮނިހިރު ދުވަހުގެ ރޭ ރައީސް ޔާމީން ވިދާޅުވެފައިވާތީވެ، އެކަމަށް ވެސް ފައްޔާޒު ރައްދު ދެއްވި އެވެ.
"އިދިކޮޅު ފަރާތްތަކުގެ މައްސަލައެއް ގައެއް ނޫން އެކަން އެހެންވީކީ. ރައީސް ޔާމިން ނުކުމެ މިގައުމުގެ އިގްތިސާދު ފުޑާލީ. އަދުލު އިންސާފުގެ ނިޒާމު މުޅިން ފުނޑުފުނޑު ކޮށްލައި މުޅި ދުނިޔެއަށް ބޮޑު ޖޯކަކަށް އެކަން ހެދީ. އެގޮތަށް ކަންތައް ކުރެއްވީމަ މިގައުމަށް އިންވެސްޓަރުން ނައީ،" ފައްޔާޒު ވިދާޅުވި އެވެ.
ގައުމު ހަލަބޮލި ކޮށްލީ ރައީސް ޔާމީން ކަމަށާއި އިންސާފުން މީހުންނާމެދު ކަންކަން ނުކުރައްވާ ކަމުގައިވާ ނަމަ ރައްޔިތުން އެވާހަކަތައް ދައްކާ ހިންހަމަނުޖެހުން ފާޅު ކުރާނެ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ. އަދި އެ މަސައްކަތް ހުއްޓާނުލާނެ ކަމަށް ވެސް ފައްޔާޒު ވިދާޅުވި އެވެ.