ކ. މާލެ
|
19 ނޮވެންބަރ 2017 | އާދީއްތަ 17:46
ދިދަ ނެގުމުގެ ރަސްމިއްޔާތު
ދިދަ ނެގުމުގެ ރަސްމިއްޔާތު
ޕީއެސްއެމް
ގައުމީ ދުވަސް
ބޮޑުތަކުރުފާނުގެ ގައުމީ ޖިހާދު: ޒުވާނުންނަށް އޮތް ފިލާވަޅެއް
ގައުމީ ދުވަސް ނިސްބަތްވަނީ ޕޯޗްގީޒުންގެ އަޅުވެތިކަމުން ރާއްޖެ ސަލާމަތްވި ދުވަހަށް
އެ ޖިހާދުގައި އިސްކޮށް ހުންނެވީ މުހައްމަދުތަކުރުފާނު
ޕޯޗްގީޒުންގެ އަނިޔާވެރިކަން ހައްދުން ނެއްޓުނު

 

މިއަދަކީ ދިވެހިންގެ ފަހުރުވެރި ގައުމީ ދުވަހެވެ. ގައުމީ ދުވަސް ނިސްބަތްވަނީ ބޮޑުތަކުރުފާނު ޕޯޗްގީޒުންގެ ކިބައިން ދިވެހިރާއްޖެ ސަލާމަތް ކުރެއްވި ދުވަހަށެވެ. އެދުވަހަކީ 981 ވަނަ އަހަރުގެ ރަބީއުލްއައްވަލު މަހުގެ 1 ވަނަ ދުވަހެވެ. ބޮޑުތަކުރުފާނަކީ ތިލަދުންމަތީ އުތީމު ކަޅު އަލީ ހަތީބު ތަކުރުފާނުގެ ހުސެއިން ހަތީބު ތަކުރުފާނުގެ މުހައްމަދު ތަކުރުފާނެވެ. 

ޕޯޗްގީޒުންގެ އަޅުވެތިކަމުގެ ދަށަށް މިރާއްޖެ ދިޔައީ 965 ވަނަ އަހުރެވެ. އޭރު ތަހުތުގައި އިންނެވީ އައްސުލްތާނު އަލީ (6) ވަނައެވެ. އަލީ ރަސްގެފާނު ޝަހީދު ކޮށްލުމަށް ފަހު ޕޯޗްގީޒުންގެ އަނިޔާވެރިކަން ހައްދުން ނެއްޓިގެން ދިޔައެވެ. ޕޯޗްގީޒުންގެ ފަރާތުން އޭރު ވެރިކަން ކުރަމުން ދިޔައީ އަދިރިއަދިރިންނެވެ. 

ޕޯޗްގީޒުންނާ ދެކޮޅަށް އެތަކުރުފާނު ފެއްޓެވި ޖިހާދަކީ މަތިވެރި ޖިހާދެކެވެ. އެޖިހާދު އެތަކުރުފާނު ފައްޓަވަން ޖެހުނީ ދިވެހިންނަށް އޭރު ލިބެމުން ދިޔަ އަނިޔާ ހުއްޓުވުމަށެވެ. މިގައުމުން އިސްލާމްދީން ފޮހެވިދާނެ ކަމުގެ ބިރައްޓަކައެވެ. ދިވެހި ގައުމިއްޔަތު މުޅިން ނެތިގެން ހިނގައިދާނެކަމުގެ ބިރަށްޓަކައެވެ. 

ޕޯޗްގީޒުންނާ ދެކޮޅަށް އެތަކުރުފާނުގެ އަރިހުގައި އިސްކޮށް ބައިވެރިވެލެއްވީ މުހައްމަދު ތަކުރުފާނުގެ ބޭބޭފުޅު އަލިތަކުރުފާނާއި ކޮއްކޯފުޅު ހަސަންތަކުރުފާނެވެ. ފަހުން އެ ޖިހާދުގައި ބައިވެރިވެލެއްވީ މަލިކު އަލީ ހާޖީއާ ހަސަން ހާޖީއެވެ. އޭގެ އިތުރުން ދުވާފަރު އަލީ ދަންޑަހެލެވެ. 

ހިތްވަރުފުޅާއެކު ދަންވަރުގެ ވަގުތުތަކުގައި ރަށްރަށް އަރައި ޕޯޗްގީޒުންނާ ހަނގުރާމަ ކުރެއްވުމަށް އެ ތަކުރުފާނު ބޭނުންފުޅު ކުރެއްވި އޮޑީގެ ނަމަކީ"ކަޅުއޮއްފުންމި" އެވެ.

ޕޯޗްގީޒުންގެ ކިބައިން ރާއްޖެ ސަލާމަތް ކުރެއްވުމުން ރާއްޖޭގެ ރަސްކަމަށް މުހައްމަދު ތަކުރުފާނު އިސްކުރެވުނެވެ. އެތަކުރުފާނު ރަސްކަމަށް އިސްކުރުމުން ނަންފުޅަކީ އައްސުލްތާނު މުހައްމަދު ތަކުރުފާނުލް އައުޒަމް ސިރީ ސަވާދިއްތަ ކައްތިރި ބަވަނަ މަހާރަދުންނެވެ. އެރަދުންގެ ރަސްކަމުގައި ބޮޑުވަޒީރަކީ އަލީ ހާޖީއެވެ. 

ގައުމީ ދުވަސް ފާހަގަ ކުރާއިރު ގައުމުގެ ބަދަހި ސަފުތައް އޮތީ އެގޮތަކަށް ނޫނެވެ. ގައުމީ ރޫހުގައި ދިވެހިން ނިކުމެ ކުރަން ހުރި އެންމެހާ ކަންކަމަށް ވަނީ ފިތުނައިގެ ހިޔަނި އެޅިފައެވެ. މިކަމުގެ ޒިންމާ ކޮނޑުގައި އަޅަންޖެހޭ ފަރާތްތަކުގެ ލިސްޓް އިންތިހާއަށް ދިގެވެ. 

ގައުމެއްގައި އެންމެ އަގުބޮޑު އެއްޗަކީ އެގައުމެއްގެ ރައްޔިތުންނެވެ. އެގައުމުގައި ރައްޔިތަކަށް ލިބޭ މިނިވަންކަމެވެ. އެގައުމެއްގައި ރައްޔިތުމީހާއަށް ލިބޭ ތަނަވަސްކަމެވެ. އަދި ގައުމީ ޚިދުމަތުގައި އުމުރު ހޭދަކުރެއްވި ޚިދުމަތްތެރީންނާ، ގައުމާއި ދީނުގެ ދިފާއުގައި ހިތާއި މޭ ކުދިކުދިވެ ތެޔޮ ހޭނިގެން ދިޔަޔަސް ހެޔޮކަމަށް ދެކިގެން ގައުމަށްޓަކައި ޝަހީދުވެގެން ދިޔަ ދިވެހި ދަރީންނެވެ. 

މިފަދަ ދުވަހެއްގައި ދިވެހިންގެ ހިތުގައި އަލުން އަޒުމް ކަނޑައަޅަން ވީ ޅެންވެރިޔާ ވެސް އެވިދާޅުވާ ފަދަ ކަންކަމެވެ. 

"ގައުމަށްޓަކައި ގުރުބާންވުމަށް ކެރިގެން ނިކަން އަލުން ދެން ޒުވާނުން ހިނގާށޭ އެކީ، 

   ކެރިގެން ނިކަން އިޖާބަދޭން ، ކެރިގެން ނިކަން އިޖާބަދޭން"

 

 

 

 

އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 ދުވަަސް ކުރިން
ރިވިއު ކުރީ: ހުސެން ފިޔާޒް
- ކޮމެންޓް