ގައުމީ ރޫހު އުފައްދައި އާލާކުރުމުގެ މަޝްރޫއު "ތަރިކަ" ހިންގެވުމަށްޓަކައި އެކުލަވާލާފައިވާ ތަރިކަ ކޮމެޓީން ވަރަށް ގިނަ މަސައްކަތްތަކެއް ކުރައްވަމުން ގެންދަވާ ކަމަށް އެކޮމެޓީގައި ހިމެނިވަޑައިގަންނަވާ ޑިފެންސް މިނިސްޓަރު އަދާމް ޝަރީފް އުމަރު ވިދާޅުވެއްޖެ އެވެ.
"ރާއްޖެއެމްވީ"އަށް މައުލޫމާތު ދެއްވަމުން ޝަރީފް ވިދާޅުވީ އެކޮމެޓީގެ ފަރާތުން ރާއްޖޭގެ ގައުމީ ރޫހު އުފައްދައި އާލާކުރުމަށް ވޭތުވެދިޔަ ދުވަސްތަކުގައި ގިނަ މަސައްކަތްތަކެއް ކުރެވިފައިވާ ކަމަށާއި މިއަދަކީ ރާއްޖޭގެ ގައުމީ ދުވަސް ކަމަށްވާތީ، ގައުމީ ދުވަހުގެ މުނާސަބަތާއި ގުޅިގެންވެސް ތަރިކަ ކޮމެޓީން ގިނަ ހަރަކާތްތަކެއް ހިންގަމުންދާ ކަމަށެވެ.
އެޑިއުކޭޝަން މިނިސްޓަރީއާ ގުޅިގެން ސްކޫލްތަކުގައި ގައުމީ ދުވަހާގުޅޭ ހަރަކާތްތަކެއް ހިންގަމުން ގެންދަވާކަމަށް ވެސް ޝަރީފް ވިދާޅުވި އެވެ.
ޝަރީފް ވިދާޅުވީ ތަރިކަ ކޮމެޓީން ކުރައްވަމުން ގެންދަވާ ކަންކަމުގެ ތަފްސީލް ހާމަކުރައްވާނީ އެ ކޮމެޓީގެ ޗެއާރމަން ނިޝާން އިއްޒުއްދީނުގެ އިއްޒަތްތެރި ވެރިޔާ އަބްދުއްރަޝީދު ހުސައިން ކަމަށެވެ. ނަމަވެސް އޭނާއާ ގުޅޭގޮތް ނުވުމުގެ ސަބަބުން އިތުރު މައުލޫމާތެއް ލިބޭ ގޮތް ވަނީ ނުވެފަ އެވެ.
ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމް ތަރިކަ ކޮމެޓީ އުފައްދަވާފައި ވަނީ މިއަހަރުގެ މާރޗު މަހުގެ ހަ ވަނަ ދުވަހު އެވެ.
ތަރިކަ ކޮމެޓީގައި ހިމެނި ވަޑައިގަންނަވާ މެމްބަރުން:-
- ނިޝާން އިއްޒުއްދީނުގެ އިއްޒަތްތެރި ވެރިޔާ އަބްދުއްރަޝީދު ހުސައިން
- ޑިފެންސް މިނިސްޓަރު އާދަމް ޝަރީފް އުމަރު
- އެޑިއުކޭޝަން މިނިސްޓަރު ޑރ. އާއިޝަތު ޝިހާމް
- އިސްލާމިކް މިނިސްޓަރު ޑރ. އަހުމަދު ޒިޔާދު
- ހޯމް އެފެއާރޒު މިނިސްޓަރު އަޒްލީން އަހުމަދު
- ޗީފް އޮފް ޑިފެންސް ފޯސް މޭޖަރ ޖެނެރަލް އަހުމަދު ޝިޔާމް
- އިސްލާމިކް ޔުނިވާރސީޓީގެ ޗާންސެލަރ ޑރ. މުހައްމަދު ޝަހީމު އަލީ ސައީދު
- ޕީއެސްއެމްގެ ޗެއާރމަން އިބްރާހީމް އުމަރުމަނިކު
- ޕީއެސްއެމްގެ މެނޭޖިންގ ޑިރެކްޓަރ އިބްރާހީމް ހަލީލު
- ހެންވޭރު ފަތަނގުމާގޭ އަބްދުﷲ ފާރޫގު ހަސަން އެވެ.